ޚަބަރު

މޯލްޑިވިއަންއާއި އިއްތިހާދު އެއާވޭސްއިން ޕާޓްނަރޝިޕް އެއްބަސްވުމެއް


  • މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އެރޭބިއަން ޓްރެވަލް މާކެޓްގެ ތެރެއިން

  • މި ފަހުމުނާމާގެ ސަބަބުން ގިނަ ތަންތަނަށް ދަތުރުކުރެވޭނެ ފުރުސަތު ލިބިގެންދާނެ

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން، އާއި ޔޫއޭއީގެ އިއްތިހާދު އެއާވޭސް، އާދެމެދު ގުޅުން ބަދަހިކޮށް ދަތުރުވެރިންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން، އައު ޕާޓްނަރޝިޕް ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމްނާމާގައި ސޮއިކޮށްފައިވަނީ އެރޭބިއަން ޓްރެވަލް މާކެޓްގެ ތެރެއިންނެވެ.

މި ޕާޓްނަރޝިޕްގެ ދަށުން، އިއްތިހާދު ގެސްޓް ލޯޔަލްޓީ ޕްރޮގްރާމްގެ މެމްބަރުންނަށް، އިއްތިހާދު ގެސްޓް މައިލްސް ބޭނުންކޮށްގެން، މޯލްޑިވިއަންގެ ދަތުރުތަކުގެ ނެޓްވޯކްގައި ހިމެނޭ ގިނަ ތަންތަނަށް ދަތުރުކުރެވޭނެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ، ދިވެހިރާއްޖޭގެ ރަށްތަކަށް ދަތުރުކުރުމަށް ބޭނުންވާ ބޭރު ދަތުރުވެރިންނަށް ލިބިގެންދާ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށް ދެ ކުންފުނިންވެސް ފާހަގަކޮށްފައިވެއެވެ.

މި ޕާޓްނަރޝިޕްގެ ސަބަބުން، ދިވެހިރާއްޖޭގެ ވެރިރަށް މާލެ ފަހަނައަޅައި، ރާއްޖޭގެ ދުރު ރަށްތަކަށް ދަތުރުކުރުމުގައިވެސް، އިއްތިހާދު ގެސްޓް މެމްބަރުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދެވިގެންދާނެ ކަމަށް މޯލްޑިވިއަންއިން ފާހަގަކުރެއެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް، ހާއްސަ ގޮތެއްގައި ރަށްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް ބޮޑުކުރުމަށް، މި ޕާޓްނަރޝިޕް ފައިދާ ކުރާނެކަމަށް މޯލްޑިވިއަންއިން ބުނެއެވެ.