ދާޚިލީ ސަލާމަތާ ގުޅުން ހުރިމައްސަލަތަކަށް ހައްލު ހޯއްދެވުމަށް މަސައްކަތްކުރައްވަނީ ދިރާސާކޮށް، މައްސަލަތައް ދެނެގަތުމަށްފަހުކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ މަތީ މަޖިލީހުގައި، ސަރުކާރުގެ ތިން އަހަރު ދުވަަހުގެ ކާމިޔާބީއަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު މައްސަލަތަކައް ހައްލު ހޯއްދަވަން މަސައްކަތް ފެއްޓެވީ، އެ ދާއިރާތަކުގެ މައްސަލަތައް ދެނެގަތުމަށް ކުރެއްވި ދިރާސާތަކުގެ އެހީގައިކަމަށެވެ.
އެ މަނިކުފާނު އަމާޒު ކަނޑައެޅުއްވީ ދާޚިލީ ސަލާމަތާ ގުޅުންހުރި 4 ދާޢިރާއަކުން ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދާދެއްވުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލައާއި، ގޭންގު ކުށްތަކާއި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ އިތުރުން ޒުވާނުން ކުށުގެ މާހައުލުން ސަލާމަތްކުރުމެވެ. ކުރީ ސަރުކާރުތަކުގައި އެ މައްސަލަ ހައްލު ނުވެ އޮތް ސަބަބު ވިސްނަވާ، މައްސަލަތައް ހައްލުކުރެއްވުމަށް ވުޒާރާތަކުގެ އޮނިގަނޑަށް ބަދަލުގެންނެވިކަމަށް ވަޒީރު ވިދާޅުވިއެވެ.
އެއްވެސް ވެރިއަކަށް ކުރައްވަން ކެރިވަޑައި ނުގަތް ކަމެއްކަމަށާ، އެ ނިންމެވުމުގެ ސަބަބުން ވުޒާރާގެ މަސައްކަތްތައް ރާވާލަން ވަރަށް ބޮޑަށް ފަސޭހަވިކަމަށް ވަޒީރު ވިދާޅުވިއެވެ. ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވަން ދުރުވިސްނުންފުޅާއެކު ރައީސް މަސައްކަތްކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ޑްރަގާއި، ގޭންގު ކުށްތަކާއި، ބިދޭސީންގެ މައްސަލައިގެ އިތުރުން ޒުވާނުން ކުށުގެ މާހައުލުން ސަލާމަތްކުރުމުގެ 4 ބޮޑު މައްސަލަ ހައްލުކުރުން. މިކަމަށް ނަތީޖާ ނެރުމަށްޓަކައި އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ އެކި ވުޒާރާތަކަށް ބެހިފައިވި އިދާރާތައް އެއް ވުޒާރާއެއްގެ ދަށަށް ގެނެސަ މި މަސައްކަތް ކުރެވޭނެ ގޮތަށް ނިޒާމް ބައްޓަންކުރެއްވުން.” ވަޒީރު އިހުސާން ވިދާޅުވިއެވެ.
ވަޒީރު އިހުސާން ވިދާޅުވީމި 4 ދާއިރާގެ މައްސަލަތައް ހައްލުކުރެއްވުމުގެ އިތުރުން، ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމާއި، ރާއްޖެ ޑިޖިޓަލައިޒްކުރުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. ވަޒީރު ވިދާޅުވީ އެކި ދާއިރާތަކުން ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން، މަސްތުވާތަކެތީގެ މަައްސަލަ ހައްލުކުރުމަށް މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުމަށް އޮތް މަގުތައް ބަންދުކުރުމާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ކުޑަކުދިން ސަލާމަތްކޮށް އެ ކުދިން މުޖުތަމަޢުއަށް އަނބުރާ ނެރުމަށް ގިނަ މަސައްކަތަކެއް ކުރަމުންދާކަމަށް ވަޒީރު އިޙްސާން ވިދާލުވިއެވެ. މީގެއިތުރުން، 2025ވަނަ އަހަރު ގޭންގް ކުށްތައް ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމަކީ، ގޭންގު ކުށްތަކާ ރޭވިގެން ހިންގާ ކުށް މަދުކުރުމަށާ، އެފަދ ކުށްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް ލިބުނު ބާރެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޖަލުތަކުގެ ޖާގަ އިތުރުކޮށް، ސެކިއުރިޓީ ހަރުދަނާކުރުމަށް މި ސަރުކާރުން މަސައްކަތްކުރައްވަމުންދާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.