ކޯވިޑް-19

އަތޮޅުތަކަށް މުދާ ސަޕްލައިކުރެވޭނެ އިންތިޒާމް ކައުންސިލްތަކުން ހަމަޖައްސައިދިނުމަށް އެދިއްޖެ


އަތޮޅުތެރޭގެ ރަށްތަކަށް ބޭނުންވާ ޒަރޫރީ މުދާ ސަޕްލައިކޮށްދޭވެނެ އިންތިޒާމް ކައުންސިލްތަކުން ހަމަޖައްސައިދެއްވުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލް.ޖީ.އޭއިން އެދިއްޖެއެވެ.

ނެޝެނަލް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް އެލް.ޖީ.އޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ، ކޯވިޑް-19 ގުޅިގެން ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލައި ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއްދެމުންދާ މި ދަނޑިވަޅުގައި، ރަށްރަށުގެ ޙާލަތު ކައުންސިލްތަކުން ވީހާވެސް ގާތުން ބެލުން މުހިއްމުކަމަށެވެ. އަދި އަތޮޅުތަކަށްދީފައިވާ ލުއިތަކުގެ ތެރެއިން އަދިވެސް އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގެ ހުއްދަ ނެތްނަމަވެސް، ޒަރޫރީ ބޭނުންމެއްގައި ފުރަންޖެހިއްޖެނަމަ ފުލުހުންގެ ހުއްދަށް ހޯއްދެވުމަށް ޝަރީފް އެދިވަޑައިގެންނެވިއެވެ.

ޝަރީފް ވިދާޅުވީ، ޞިއްޙީ ފަރުވާއެއް ހޯދުމަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރަން ކޮންމެހެން ފުލުހުންގެ ހުއްދަ ހޯދަންނުޖެހޭނެކަމަށާއި، އެ ޚިދުމަތަކީ އެރަށަކުން ލިބެންނެތް ޞިއްޙީ ޙިދުމަތަކެއްކަން ކަނޑައަޅާ އެކަމުގެ ހުއްދަދޭނީ އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުންކަމަށެވެ. އަދި ރަށްރަށުން އުޅަނދުފަހަރަށް ފުރުމުގެ ހުއްދަ ދޭނީ ކައުންސިލްތަކުންކަމުން، އެ އުޅަނދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރީ ކަށަވަރުކޮށްފައިތޯ ބެލުން މުހިއްމުކަމަށް އޭނާ ވިދާޅުވިއެވެ.

"ސިއްހީ ފަރުވާއެއް ކޮންމެހެން ހޯދަން ރަށުން ބޭރަށް ދާކަމަށްވާނަމަ އެ ހުއްދަ ދޭނީ އެރަށެއްގެ ސިއްހީ މަރުކަޒަކުން. އުޅަނދުފަހަރަށް ދަތުރުކުރުމުގެ ހުއްދަ މިދެނީ ކައުންސިލްތަކުން. އެ ހުއްދަދެއްވާއިރުގައި އެ އުޅަނދެއްގެ ކެޕްޓަނުންނާއި ފަޅުވެރިން ދަތުރު ލިސްޓުގައި ހިމަނާނެ. އެހެންނަމަވެސް އެއިން އެއްވެސް ފަރާތަކަށް އެއްވެސް ރަށަކަށް ނުއެއްފޭބޭނެ" އެލް.ޖީ.އޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޢާދަމް ޝަރީފް ވިދާޅުވީ، މާލެއިން އަތޮޅުތަކަށް ޒަރޫރީ މުދާ ގެންދިއުމާއި، އަތޮޅުތަކުގައި އެއްރަށުން އަނެއްރަށަށް މުދާ އުފުލުމުގައިވެސް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެވޭތޯ އިކޮނޮމިކް މިނިސްޓްރީ އާއި، އެލް.ޖީ.އޭ އާއި ހޯމް މިނިސްޓްރީ އާއި، އެމް.ޕީ.އެލް އަަދި ފުލުހުން ގުޅިގެން ކުރަމުންދާކަމަށެވެ. އެގޮތުން އެއް ރަށުން މުދާ ހުސްވެއްޖެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ ރަށެއް ނިސްބަތްވާ އަތޮޅުގެ އެހެން ރަށަކުންވިޔަސް މުދާ ގެންދެވޭނެ މަގު ތަނަވަސްކޮށްދެވޭތޯ މަސައްކަތް ކުރާކަމަށެވެ. އަދި އަތޮޅުތެރޭގައިވެސް ޒަރޫރީ މުދާ އެއްރަށުން އަނެއްރަށަށް ގެންދެވޭނެ ފަސޭހަ އިންތިޒާމެއް ކައުންސިލްތަކުން ހަމަޖައްސައިދެއްވުމަށް ޝަރީފް އެދިވަޑައިގަތެވެ.

"މާލެއިން މުދާގެންގޮސް އަތޮޅުތެރޭގައި އެތަކެތި ސަޕްލައިކޮށްދެވޭނީ ކައުންސިލްތަކުން ވަރަށް ބޮޑަށް އެކަންކަން އިންތިޒާމްކޮށްދީގެން. އަތޮޅުތެރޭގައިވެސް މުދާ އުފުލާ ފެރީތައް ވަރަށް ރަނގަޅަށް ކައުންސިލްތަކުން އޯގަނައިޒްކޮށްދޭންވާނެ. އަތޮޅުތެރޭގައި މުދާ އެއްރަށުން އަނެއްރަށަށް ނުގެންދެވޭކަމަށްވާނަމަ އާސާސީ ބޭނުންތަކަށް ބޭނުންވާ މުދާ އާއްމުންނަށް ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޕޮޒިޓިވް ކޭހެއް ފެނިފައިނުވާ ރަށްތަކާއި މޮނިޓަރިން ހާލަތުގައި ނެތް ރަށްރަށަށް ބޮޑެތި ލުއިތަކެއްދީ، ރަށުތެރޭގައި ކުޅިވަރާއި، ވިޔަފާރިކުރުމުގެ ހުއްދަދީފައިވީ ނަމަވެސް، އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކައުންސިލްތަކުން ދުރާލާ އެޅުމަށް އެލް.ޖީ.އޭއިން ވަނީ ނަސޭޙަތްތެރިވެފައެވެ.