ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި އޭސީ މިލާން އަތުން ޗެލްސީ 4-1 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ކޯޗުންވެސް ވަނީ ގިނަ ކުޅުންތެރިންނަށް ފުރުސަތުދީ ކުޅުންތެރިން ޓެސްޓްކޮށްފަ އެވެ.
މި މެޗުގެ ފަސްވަނަ މިނިޓުގައި އޭސީ މިލާނުގެ އެންދްރޭ ކޯބިސް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ޗެލްސީ އަށް ވަނީ ކުރި ލިބިފަ އެވެ. އަދި އޭގެ ތިން މިނިޓު ފަހުން ޕެޑްރޯ ނެޓޯގެ އެސިސްޓަކުން ޖޮއާއޯ ޕެޑްރޯ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެންނުދިޔަ ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 22 ވަނަ މިނިޓުގައި ޗެލްސީ އަށް ލިބުނު ޕެނަލްޓީ އަކުން ލިއާމް ޑެލަޕް ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.
މި މެޗުގައި އޭސީ މިލާނުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޔޫސުފް ފޮފާނާ އެވެ.
ޗެލްސީ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 90 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލިއާމް ޑެލަޕް އެވެ.
މި މެޗުގައި ޗެލްސީ އާއި ދާދި ފަހުން އަލަށް ގުޅުނު ހުރިހާ ކުޅުންތެރިންވެސް ވަނީ ކުޅެފަ އެވެ.