ކޯވިޑް-19

ކޯވިޑް-19 : ރާއްޖެއިން އިތުރު 34 މީހަކު ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 34 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، މިރޭގެ 21:00 އާހަމައަށް 12 ދިވެއްސަކާއި، 22 ބިދޭސީން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 21 މީހަކާއި، އިންޑިއާގެ ރައްޔިތަކު ހިމެނެއެވެ. މިއާއެކު ރާއްޖޭން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 1547 އަކަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ ބިދޭސީންނެވެ. އެގޮތުން 1006 ބިދޭސީން ރާއްޖޭގައި ޕޮޒިޓިވްވެފައިވާއިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ ޖުމްލަ 541 މީހުންނެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަންގްލަދޭޝް މީހުންގެ އަދަދު މިހާރުވަނީ 806 އަށް އިތުރުވެފައެވެ. ބަލިޖެހުނު އިންޑިއާއަށް ނިސްބަތްވާ މީހުންގެ އަދަދަކީ 515 އެވެ.

1500 އަށްވުރެ ގިނަމީހުން ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު ބަލިން ރަނގަޅުވެފައިވަނީ 242 މީހުންނެވެ. އަދި 5 މީހަކު ވަނީ ރާއްޖޭގައި މި ބަލީގައި މަރުވެފައެވެ. ރާއްޖެއިން ކޯވިޑް-19 ފެނުނުތާ 3 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މަލޭގައި ކޯވިޑް-19 ފެތުރެންފެށުމާއެކު އިއުލާންކުރި ފުރަބަންދަށް އިއްޔެއިން ފެށިގެންވަނީ ލުއިތަކެއްދީފައެވެ.

ފުރަބަންދަށް ލުއިދިންނަމަވެސް ހުރިހާ ފަރާތްތަކުންވެސް ސިއްޙީގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ކަމާއިގުޅޭ ފަރާތްތަކުން ވަނީ އިރުޝާދު ދެއްވާފައެވެ.