ގަލްފު ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތައް އިންތިހާއަށް އުފުލެމުންދާތީ، ހަކަތަ ސަލާމަތްކުރުމުގެ ގޮތުން ސަރުކާރުގެ އިދާރާތަކުން ކުރާ ޚަރަދުތައް ކުޑަކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް ބުރާސްފަތި ދުވަހު ޕާކިސްތާނުން އިއުލާނުކޮށްފިއެވެ.
މި ފިޔަވަޅުތަކުގެ ދަށުން، ސަރުކާރުގެ އުޅަނދުތަކަށް ދޫކުރާ ތެލުގެ ކޯޓާ ހަނިކުރުމާއި، ދައުލަތުގެ ބަޖެޓުން އުޅަނދު ހޯދުން ހުއްޓާލުން ހިމެނެއެވެ. އަދި، ސަރުކާރުގެ ވެރިން ރަސްމީ ދަތުރުތަކުގައި ގައުމުން ބޭރަށް ވަޑައިގެންނެވުމާއި، ސަރުކާރުގެ ފެންވަރުގައި ދައުވަތު ދިނުމާއި ފަރިއްކޮޅު ބެހެއްޓުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.
ގަލްފުގެ ހަނގުރާމައިގެ ސަބަބުން އެލްއެންޖީ ލިބުމަށް ހުރަސްއެޅި، ޕެޓްރޯލާއި ޑީސަލްގެ އަގުތައް އުފުލެމުންދާއިރު، ޕާކިސްތާނަށް ވަނީ ގޭހާއި ކަރަންޓުގެ ތަދުމަޑުކަމަކާ ކުރިމަތިލާންޖެހިފައެވެ. މިއަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ތަންފީޒުކުރަން ފެށި މި ފިޔަވަޅުތަކުގެ ތެރޭގައި އައިޓީ ސާމާނު ފިޔަވައި ހިފާގެންގުޅޭ އެހެން ތަކެތި ސަރުކާރަށް ގަތުން މަނާކުރުމާއި، ބައްދަލުވުންތައް އޮންލައިންކޮށް ޓެލެކޮންފަރެންސް މެދުވެރިކޮށް ބޭއްވުމަށް ބަދަލުކުރުން ހިމެނެއެވެ. މީގެ ކުރިން މާރިޗު މަހުވެސް ޕާކިސްތާނުން ވަނީ ދެ ހަފުތާއަށް ސުކޫލުތައް ބަންދުކޮށް، ގޭގައި ތިބެގެން މަސައްކަތްކުރުމަށް އަންގައި ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.
ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އާންމުންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ސައިކަލާއި ރިކްޝާ އަދި ކުދި ކާރުތައް ދުއްވާ ފަރާތްތަކަށް މަހަކު ކަނޑައެޅޭ ވަކި މިންވަރަކަށް ލީޓަރަކުން 100 ރުޕީސް ގެ ސަބްސިޑީއެއް ދިނުމުގެ އައު ސިޔާސަތަކަށް ބުދަ ދުވަހު ވަނީ އަމަލުކުރަން ފަށާފައެވެ.
މި ފިޔަވަޅުތަކާއެކު ޕާކިސްތާނުގެ ސަރުކާރުން އުންމީދު ކުރަނީ ކުރިއަށް އޮތް މަސްތަކުގައި ދައުލަތުގެ ބަޖެޓުން ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުތަނުން ކުޑަކުރެވި، ޤައުމުގެ ހަކަތައިގެ ރިޒާވް އެއްފެންވަރެއްގައި ހިފެހެއްޓޭނެ ކަމަށެވެ. ނަމަވެސް، ގަލްފު ސަރަހައްދުގެ މަޝްރަޙު އިތުރަށް ގޯސްވެ، ތެޔޮ ސަޕްލައިކުރުމަށް ދިމާވެފައިވާ ހުރަސްތަކަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، އިގްތިސާދީ ގޮތުން އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހިދާނެ ކަމުގެ އިންޒާރު މާހިރުން ދަނީ ދެމުންނެވެ.
އެމެރިކާއާއި ޔަހޫދީން އިރާނަށް ދޭންފެށި ހަމަލާތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ކުރާ ތެލާއި ގޭހުގެ އެކްސްޕޯޓަށް ހުރަސްއެޅިފައިވާއިރު، ސައުދީ ޢަރަބިއްޔާއާއި ޔަމަނުގެ ހޫޘީންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރަތްކަނޑުގެ ވިޔަފާރި މަގުތަކަށްވެސް ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ.