ކޯވިޑް-19

ކޯވިޑް-19 : ފިޔަވަޅުތައް މުޅިން އުވާލުމުގެ ބަދަލުގައި ލުއިދޭނީ ޙާލަތަށް ބަލާފައި - މިނިސްޓަރ އަމީން


ކޯވިޑް-19ގެ ޙާލަތާ ގުޅިގެން މާލެ ސަރަޙައްދު ފުރަބަންދުކޮށް އަޅާފައިވާ ފިޔަވަަޅުތައް މުޅިން އުވާލުމުގެ ބަދަލުގައި، ލުއިދޭނީ ޙާލަތަށްއަންނަ ބަދަލުތަކަށް ބެލުމަށްފަހުކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، ރާއްޖެއިން ބަލި ފެންނަ މިންވަރު ހިފެހެއްޓޭކަމުގެ ނިޝާންތައް ފެންނަން ފަށާފައިވީނަމަވެސް، ބަލި ފެތުރުން މުޅިން ކޮންޓްރޯލްކުރެވިއްޖެކަމަށް ނިންމަން އަދިވެސް އަވަސްކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ބަލި ފެތުރެމުންދާ ޓްރެންޑަށް ބަދަލު އަންނަން ފަށާފައިވާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅޭގޮތުން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހެލްތު މިނިސްޓަރ ޢަބްދު ﷲ އަމީން ވިދާޅުވީ، ފިޔަވަޅުތައް ލުއިކުރުމުގައި، ރާއްޖޭގައި ފެންނަ ކޭސްތަކަށް އަންނަ ބަދަލުތަކާއި، ފުރަބަންދާއެކު ޙާލަތަށް އައިސްފައިވާ ބަދަލުތަކަށް ވަރަށް ބޮޑަށް ރިޢާއަތްކުރާނެކަމަށެވެ.

އެގޮތުން މިހާތަނަށް އެއްކުރެވުނު މަޢުލޫމާތުތަކަށް ބަލާއިރު، އެންމެ ފުރަތަމަ މާލޭގައި ބަލި ފެތުރެން ފެށިއިރު ބައްޔަށް ޕޮޒިޓިވް ވި މީހުންނާއި ކޮންޓެކްޓް ވި މީހުންގެ އެވަރެޖް ޢަދަދު 38 އަކާއި 40 ހާއި ދެމެދު ހުރިއިރު، މިހާރު އެ ޢަދަދު 6 އަކާއި 10 އަކަށް ދިރިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޓްރެންޑަށް ބަލާއިރުވެސް ގިނައީ ކޮންޓެކްޓްވި މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހުންކަމަށާއި، ބިދޭސީންގެ ތެރޭގައިވެސް މި ބަލި ގިނައިން ފެނިފައިވަނީ އައިސޮލޭޝަނާއި ކަރަންޓީނުގައި ތިބި މީހުންގެ ކިބައިންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މީގެ މާނައެއްނޫން އަޅުގަނޑުމެންގެ ތެރޭގައި ބަލި ފެތުރުން މުޅިން ކޮންޓްރޯލްވީއެކޭ. އޭގެ މާނައެއްނޫން ފެތުރެމުންނުދާކަމަކަށް. އެހެންވީމަ މިހެންހުރި ޢަދަދުތަކަށް ބަލާފައި އަދިވެސް މިދަނީ ބަލަމުން ބަލިފެތުރެމުންދާ ނިސްބަތަށް އަންނަ ބަދަލުތަކަކީ ކޮބައިތޯ. މިހާރު ބަލި ޖެހިފައި ހުރި މީހުންގެ ކިބައިން ބަލި ފެތުރުނު މިންވަރަށްވެސް ބަލާނަން ލޮކްޑައުން ފިޔަވަޅުތައް ލުއިކުރުމުގައި" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރުމާގުޅޭގޮތުން ޓެކްނިކަލް ޓީމުން މަޝްވަރާކުރުމަށްފަހު، އެކަންކަން ވަރަށް އަވަހަށް ރައްޔިތުންނާއި ހިއްސާކުރައްވާނެކަމަށެވެ. މިކަމުގައި ސަރުކާރުގެ މައިގަނޑު ވިސްނުންހުރީ ހުރިހާ ފިޔަވަޅުތަކެެއް އެއްކޮށް އުވާލުމުގެ ބަދަލުގައި، ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތައް ދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފިޔަވަޅުތައް ލުއިކުރުމުގެ މާނައަކީ ކަންކަން އާއްމު ޙާލަތަކަށް ދިއުންކަމުގައި ނުދެކި، ފަރުދީގޮތުން ރައްކާތެެރިވެ ތިބުން މުހިއްމުކަން މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ.

"އެއްރަަށުން އަނެއް ރަށަށް ދަތުރުކުރުމާއި، ރަށްރަށުން މާލެއަށް ދަތުރުކުރުމާއި، މުދާ ރަށްރަށް ގެންދިއުމާއި، ރަށްރަށުން މާލެއަށް މުދާ ބަލާއައުމާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމުގައި އަޅާފައިވާ ފިޔަވަޅުތައް އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރާނަން. ވަރަށް ރަނގަޅު ހަރުދަނާ ނިޒާމެއްގެ ތެރެއިން ލުއިތައް ދެވެމުންދާނީ. މާލޭގައިވެސް ލުއިދޭއިރު، ބޭރަށް ނުކުމެވޭނެ ހާލަތްތަކާއި، ވިޔަފާރިކުރުމަށް އިތުރަށް ދެވޭނެ ފުރުޞަތުތަކުގެ ތަފްޞީލު ހާމަކުރާނަން" ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމަށް ނުކަތާވަރަށް ކޯވިޑް-19 ފެތުރިގެން ނުދިއައީ ސަރުކާރުން ދުރާލާ އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނާއި، ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ދެއްކި ކިޔަމަންތެރިކަމުގެ ސަބަބުންކަމަށް ހެލްތު މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި ދެވޭ ލުއިތަކާއެކު ބަލިން ރައްކާތެރިވާނޭހެން ދިރިއުޅުމުގެ ކަންކަން ކުރިއަށްގެންދިއުން މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނޫންނަމަ އަލުން އަނބުރާ ފުރަބަންދަކަށް ދާންޖެހުންވެސް އެއީ ދުރުގައި އޮތްކަމެއް ނޫންކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.