ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އަންގައިފިއެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކު ޢަޒީޒު ވިދާޅުވީ މިވަގުތަކީ ދުނިޔޭގައި ވެސް އޮންލައިން އަދި ފޯން ކޯލްތައް މެދުވެރިކޮށް ފޭރުން އިތުރުވަމުންދާ ދުވަސްވަރެއްކަމަށެވެ. މަބްރޫކް ވިދާޅުވީ މި ދަނޑިވަޅުގައި ރާއްޖޭގައި ވެސް މިފަދަ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުން ހާމަކޮށްފައިވާކަމަށެވެ.
އެގޮތުން ބީއެމްއެލްއާއި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ ނަމުގައި ގުޅައިގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މަބްރޫކު ވިދާޅުވިއެވެ.
" ދުނިޔޭގައި އެބަ ކުރިއަށްގެންދެޔޭ އޮންލައިން ސްކޭމިންގގެ ކަންތައްތައް. އެކި މީހުންނަށް އެކި ގޮތްގޮތުން ގުޅައިގެން އެމީހުންގެ ބޭންކް ޑީޓެއިލް ހޯދުމުގެ މައްސަލަތައް. ރާއްޖޭގައި މި ކަންތައްތައް ހިނގާތޯ އަޅުގަނޑުމެން ބަލާލިން. ޕޮލިހުން ވިދާޅުވަނީ ބީއެމްއެލްގެ ނަމުގައި އަދި މާލޭގެ ބޮޑެތި ކުންފުނިތަކުގެ ނަމުގައި މީސްމީހުންނަށް ގުޅުން ރާއްޖޭގައި އިތުރުވެފައިވާކަމަށް." މަބްރޫކު ވިދާޅުވިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މީގެ ކުރިން ވެސް ވަނީ ކޯވިޑް-19ގެ ހާލަތާއި ގުޅުވައިގެން އިންޓަރނެޓް މެދުވެރިކޮށް ފައިނޭންޝަލް ސްކޭމް، ނުވަތަ އޮޅުވާލައިގެން ފައިސާ ފޭރުމުގެ މުޢާމަލާތް ހިންގަމުންދާތީ މިކަމަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.
އެގޮތުން ސަރޖިކަލް މާސްކާއި ބައެއް ބޭސް ވިއްކުމަށް އިންޓަރނެޓް މެދުވެރިކޮށް ފޭކް ފިހާރަތައް ހިންގަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ފޭކު ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކާއި އަދި ބައެއް ތަކެތި ވިއްކާކަމަށް ދަޢުވާކުރާ އީމެއިލް އެޑްރެސްތައް މިދުވަސްވަރު އިތުރުވެފައިވާކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި ދުވަސްވަރު އޮންލައިންކޮށް ތަކެތި ގަންނަނަމަ، ތަކެތި ގަންނަ ކުންފުންޏާއި ވެބްސައިޓްތަކަކީ ސައްޙަ ވެއިބްސައިޓެއްތޯ ކަށަވަރުކުރެއްވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވައެވެ.