ޚަބަރު

އީމެއިލާއި ފޯނުން ޝަކުވާ ހުށައެޅުމުގެ ފުރުޞާތު ޤައިދީންނަށް ހުޅުވާލައިފި


މިހާރު ރާއްޖޭގައި އޮތް ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ޤައިދީންނާއި ބަންދު މީހުންގެ ފަރާތުން ހުށަހަޅާ ޝަކުވާތައް އީމެއިލާއި ފޯނުން ހުށައެޅުމަށް ހޯމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ޢާއްމުކުރައްވާފައިވާ ބަޔާނެއްގައިވަނީ ޢާއްމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރެއްވުމާގުޅިގެން، ސަރުކާރުގެ އޮފީސްތައް ޢާންމު އުޞޫލުން ނުހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން އައްޔަންކުރައްވާފައިވާ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށް ޤައިދީންނާއި ބަންދު މީހުންގެ ފަރާތުން އީމެއިލްގެ ޒަރީޔާއިންނާއި، ފޯނުގެ ޒަރީޔާއިން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީކަމަށެވެ. އެހެންކަމުން ޤައިދީންގެ އާއިލާއަށާއި، އެމީހުންގެ ޤާނޫނީ ވަކީލުންނަށް މިގޮތަށް ޝަކުވާ ހުށަހެޅޭނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

މިގޮތުން ފޯނުން ޝަކުވާ ހުށައަޅާނެ ނަންބަރެއްވެސް ވަނީ ޢާންމުކުރައްވާފައެވެ. 9421111 އަށް ގުޅައިގެންނާއި، މެސެޖްކޮށްގެން ޝަކުވާ ހުށައެޅޭނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ފޯނުން ޝަކުވާ ހުށަހެޅޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00އާ މެންދުރުފަހު 14:00އާ ދެމެދުގެ ވަޤުތުގައިކަމަށްވެސް އެމިނިސްޓްރީގެ އިޢުލާންގައިވެއެވެ.