ޚަބަރު

އިންތިޚާބު ފަސްކުރުމުގެ ޚާއްޞަ ބިލު މާދަމާއަށް އެޖެންޑާކޮށްފި


ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށާ އިންތިޚާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންނަށް މަޤާމުގައި ތިއްބެވޭނެގޮތަށް ޤާނޫނު އަސާސީއަށް ހުށައަޅާފައިވާ އިޞްލާޙުތައް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މިމަހުގެ 4ވަނަ ދުވަހު ބާއްވަން ކުރިން އިޢުލާންކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވަނީ ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ވި މީހުން ފެނުމުންނެވެ. ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ ހަޔަކާ ހަމައަށް ލަސްކުރުމަށް ކަނޑައަޅައި ސަރުކާރުގެ ފަރާތުން ވަނީ އެކަމަށް ޚާއްޞާ ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.

މި ބިލުގައިވާގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ޖެނުއަރީ 6ގެ ކުރިން ބާއްވަންޖެހެއެވެ. އަދި އިންތިޚާބު ބޭއްވޭނީ ރާއްޖޭގައި މިހާރު އޮތް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލިކަން އެކަމާއި ގުޅޭ އިދާރާއަކުން އިޢުލާންކުރުމުންކަމަށާ، އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތޮލާފައިވާ ކެންޑިޑޭޓުންގެ ލިސްޓަށް ބަދަލެއް ނުގެނެވޭނެކަމަށްވެސް ވަނީ ބަޔނާކޮށްފައެވެ. އަދި އިންތިޚާބުގައި ވާދަކުރާ ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ޤާނޫނު އަސާސީއަށް ހުށައަޅާފައިވާ އިޞްލާޙުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި، އައު ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާ ޙަވާލުވަންދެން، މިހާރު މަޤާމުތަކުގައި ތިއްބެވި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުން އެ މީހުންގެ މަޤާމުގައި ދެމިތިބޭނެކަމަށެވެ.

ޤާނޫނުގައިވާގޮތުން އިންތިޚާބު ފަސްކުރެވޭނީ ޤައުމަށް 2 ހާލަތެއް މެދުވެރިވެގެންނެވެ. އޭގެތެރެއިން އެއްހާލަތަކީ ޞިއްޙީގޮތުން ޤައުމަށް ދިމާވާ ކަމަކާ ގުޅިގެން އިންތިޚާބު ފަސްކުރަންޖެހުމެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ މިޙާލަތުގައި މީހުން ގިނައިން އެއްވާ އެއްވުންތައް ނުބާއްވައި، އެފަދަ ޙަރަކާތްތައް ނުހިންގުމަށްވެސް ކަމާބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކުރައްވާފައެވެ.