ޚަބަރު

ކޯވިޑް-19 : ކެޔޮދުއިން މީހަކު ކޯވިޑަށް ޓެސްޓް ކުރަނީ


ވ.އަތޮޅު ކެޔޮދޫއިން ކޯވިޑަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް ކޯވިޑަށް ޓެސްޓްކުރުމުގެ މަސައްކަތް އެޗްޕީއޭއިން ފަށައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ވ.ކެޔޮދޫއިން ކޯވިޑަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ދިވެއްސަކު ފެނުމާ ގުޅިގެން އޭނާ ކޯވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގާފައިވާކަމަށެވެ. އަދި މި ޓެސްޓުގެ ނަތީޖާ ލިބެންދެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މޫފުށި ރިސޯޓުންވެސް ކޯވިޑަށް ޝައްކުކުރެވޭ ދިވެއްސަކާއި ބިދޭސީއެއްގެ ސާމްޕަލްނަގައި ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އެ ރިސޯޓްވެސް ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.

މިރޭގެ ޕްރެސްގައިވެސް މަބުރޫކްވަނީ ރާއްޖޭގައި މިހާތަނަށް ކުރެވުނު ސާމްޕަލްތަކާއި، ނަތީޖާތައް ހާމަކޮށްދެއްވާފައެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން 1288 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު 1261 ސާމްޕަލް ވަނީ ނެގެޓިވް ވެފައެވެ. އަދި ނަތީޖާ ނުލިބެނީ އެންމެ ސާމްޕަލެއްގެ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި 15 މީހަކު ތިބިއިރު ދަރުމަވަންތަ ހޮސްޕިޓަލުގައި އައިސޮލޭޝަންގައިތިބީ 3 މީހެއްކަމަށް މަބުރޫކް ވިދާޅުވިއެވެ. އަދި މިހާރު ފަރުކޮޅުފުށީގައި ޤާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީވެސް ބޭނުންކުރެވޭ ހާލަތަށް ތައްޔާރުކޮށްފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. ރާއްޖޭގައި މިހާތަނަށް ކަރަންޓީން ފެސިލީޓީތަކުގައި 888 މީހަކު އެބަތިއްބެވެ.

މަބުރޫކް ވިދާޅުވީ ކޯވިޑަށް ޝައްކުކުރެވޭ މީހުންނާއިމެދު އަމަލުކުރަނީ އެއް އުސޫލަކުންކަމަށެވެ. އެކަމުގައި ވަކި މީހަކަށް ވަކިގޮތެއް ހަދާފައިނުވާނެކަމަށާއި، އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ އެއްވެސް ތަފާތުކުރުމެއް އެއްވެސް މީހަކާމެދު އެޗްޕީއޭއިން ނުގެންގުޅޭނެ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ. އަދި ކަރަންޓީންއާއި، އައިސޮލޭޝްނަގައި ތިބޭ މީހުންނާއިމެދު އަމަލުކުރަމުންދަނީވެސް އެއްއުސޫލަކުން ހަމަހަމަ ގޮތެއްގައިކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.