ކޯވިޑް-19

ކޯވިޑް-19 : ރިސޯޓުތަކުން މުވައްޒަފުން ފޭބުމުގައި ޢަމަލުކުރާނެ އުޞޫލުތަކެއް ކަނޑައަޅައިފި


ރިސޯޓުތަކުގައިތިބި މުވައްޒަފުންނަށް މިހާރު ފޭބޭނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ލިޔުމެއް ލިބިގެންކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ރިސޯޓުތަކުން މިވަގުތު މުވައްޒަފުން ފޭބުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލެއް މިހާރު ވަނީ އެކުލަވާލާފައެވެ.


ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ، ރިސޯޓުތަކުން މުވައްޒަފުން ފޭބުމުގެ ހުއްދަ ދެވޭނީ އެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމަށްގޮސްހުރި އެންމެފަހު ފަތުރުވެރިޔާ ރިސޯޓުން ފުރައިގެންދިއުމުން އޭގެ 14 ދުވަހަށްފަހު ކަމަށެވެ. ނަމަވެސް މިކަމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި ޚާއްސަ ހާލަތްތަކުގައިވެސް ޢަމަލުކުރާނެގޮތުގެ އުޞޫލުތައް މިހާރު ކަނޑައަޅާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަލަށް އެކުލަވާލި އުޞޫލުގައިވާގޮތުން އެއްވެސް ރިސޯޓެއްގައި މިވަގުތު ފަތުރުވެރިން ތިބިނަމަ، މުވައްޒަފުން ކަރަންޓީން ކުރުމަށް އެޗް.ޕީ.އޭއާއި ވާހަކަދެއްކުމަށްފަހު ވަކި ތަނެއް ނުވަތަ ސަރަޙައްދެއް ކަނޑައަޅަންޖެހެއެވެ. އަދި އެތަނެއްގައި 14 ދުވަސް ހޭދަކުރުމަށްފަހު މުވައްޒަފަށް ރަށުން ފޭބޭނީ ބަލީގެ އަލާމާތްތައް ހުރިތޯ ނުވަތަ ނެތްތޯ ޔަޤީންކުރުމަށް އެގްޒިޓް ސްކްރީނިން ހެދުމަށްފަހުގައެވެ. އަދި އެ ރިސޯޓަކީ އެންމެފަހު ގެސްޓް މީހާ އައިތާ 14 ދުވަސްވެ، މިހާތަނަށް ޕޮޒިޓިވް ކޭހެއް ނުވަތަ ޝައްކުކުރެވޭ އަލާމާތެއް ފެނިގެން މޮނިޓަރިންގއަށް ލާފައިވާ ރިސޯޓަކަށްނުވާނަމަ، އެ ރިސޯޓަކުން މުވައްޒަފުން ފޭބުމުގެ އިންތިޒާމް އެޗް.ޕީ.އޭގެ ފަރާތުން ހަމަޖައްސައިދޭނެއެވެ.

މީގެ އިތުރުން، މިހާރުވެސް ގެސްޓުން ނޫޅޭ ނުވަތަ 14 ދުވަހުގެ ތެރޭގައި އެހެންގޮތަކުންވެސް އެ ރިސޯޓަކުން ނުފައިބާ، އަދި މިހާތަނަށް އެއްވެސް ކޭހެ ނުވަތަ ޝައްކުކުރެވޭ ފަދަ އެއްވެސް ޢަލާމާތެއްވެސް ފެނިފައިނުވާ ރިސޯޓެއްނަމަ، އެ ރިސޯޓަކުންވެސް މުވައްޒަފުން ފޭބުމުގެ ހުއްދަ ދެވޭނެކަމަށް މި އުޞޫލުގައިވެއެވެ. މީގެ އިތުރުން ސަފާރީތަކުން، މުވައްޒަފުންނާއި، ކްރޫއަށްވެސް ފޭބޭނީ އެ ސަފާރީއެއްގައި ހުރި އެންމެ ފަތުރުވެރިޔާ ފައިބާތާ 14 ދުވަސްފަހުން ކަމަށްވެސް މި އުޞޫލުގައިވެއެވެ.

މަބްރޫކް ވިދާޅުވީ، މިއިން ކޮންމެ ހާލަތެއްގައިވެސް ރިސޯޓުތަކުން މުވައްޒަފުންނަށް ފޭބޭނީ އެކަން އެޗް.ޕީ.އޭއަށް އަންގާ، ލިޔުމަކުން ހުއްދަ ލިބި އަދި އެގްޒިޓް ސްކްރީނިންގ ހެދުމަށްފަހުކަމަށެވެ. އަދި މި ނޫން ހާލަތެއް މެދުވެރިވެއްޖެނަމަވެސް އެޗް.ޕީ.އޭއަށް އެކަން އެންގުމުން ހާލަތާއިގުޅޭގޮތުން ނިންމަންޖެހޭ ކަންކަން އެޗް.ޕީ.އޭގެ ފަރާތުން ނިންމާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އޮން-އެރައިވަލް ވިސާ ދޫކުރުން މާރޗުމަހުގެ 27 ވަނަ ދުވަހު ވަގުތީގޮތުން ހުއްޓާލުމާއި ގުޅިގެން، ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ. އަދި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ރިސޯޓުތަކުންވެސް މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުމާއި، މީހުން ދިރިއުޅޭ ރަށްރަށުންވެސް ރިސޯޓުތަކަށް ދަތުރުކުރުން ވަގުތީގޮތުން ވަނީ މަނާކޮށްފައެވެ.

ނަމަވެސް ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ރިސޯޓެއްގައި ހުރި އެންމެފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސްފަހުން އެ މުވައްޒަފަކު ނިސްބަތްވާ ރަށަކަށް އެނބުރިދިއުމުގެ ހުއްދަދޭން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އޭގެ ކުރިންވެސް މުވައްޒަފަކު ރިސޯޓުން ފައިބަން ބޭނުންވާނަމަ، އެކަން އެ ރިސޯޓެއްގެ މެނޭޖްމަންޓުން އެޗް.ޕީ.އޭއަށް އީމެއިލް މެދުވެރިކޮށް އެންގުމުން، އެކަމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.