ޚަބަރު

ކޯވިޑް-19 : ރައްޖެއިން މިހާތަނަށް ނަގާފައިވަނީ 891 ސާމްޕަލް


ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން މިހާތަނަށް ރައްޖެއިން 890އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކާއި އޭގެ ނަތީޖާތައް ހާމަކޮށްދެއްވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ މިހާތަނަށް ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން 891 ސާމްޕަލް ނަގާފައިވާކަމަށެވެ. އޭގެ ތެރެއިން ނެގެޓިވް ވެފައިވަނީ 874 ސާމްޕަލްކަމަށެެވެ. މިބަލިޖެހިފައިވަނީ މިހާތަނަށް 16 މީހުންނެވެ.

މަބުރޫކް ވިދާޅުވީ މިހާތަނަށް ކޯވިޑް-19އަށް ރާއްޖެއިންނެގި ސާމްޕަލްތަކުގެ ތެރެއިން ލެބޯރިޓީގައި ނަތީޖާ ނުލިބި ވަނީ އެންމެ ސާމްޕަލެއްކަމަށެވެ. ނަމަވެސް ބައެއް ރިސޯޓްތަކުން ނެގުނު ސާމްޕަލްތައް މިހާރު ނެގައުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.

ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އައިސޮލޭޓް ކުރެވިފައިވަނީ 23 މީހެކެވެ. އޭގެ ތެރެއިން 20 މީހުން އައިސޮލޭޓް ކޮށްފައިވަނީ ވެލިދޫގައެވެ. 3 މީހަކު ތިބީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގައެވެ. އޭގެ ތެރެއިން 2 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ބަލީގައި ފަރުވާ ހޯދަމުންދަނީ އެންމެ މީހަކަށްކަމުގައި މަބުރޫކް ވިދާޅުވިއެވެ. ކަރަންޓީން ފެސިލިޓީސްތަކުގައި 826 މީހަކު ތިބިކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 16 މީހެއް

  • ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
  • ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
  • ކުރަމަތި މޯލްޑިވްސްއިން 2 މީހުން
  • ސަފާރީއަކުން 2 މީހުން
  • އަނަންތަރަ ދިގު މޯލްޑިވްސްއިން 2 މީހުން
  • އިގިރޭސި ވިލާތުން ރާއްޖެ އައި ދިވެއްސެއް
  • ރާއްޖެއިން އިޓަލީއަށް ފުރައިގެންދިޔަ 2 މީހެއް

މީގެ ތެރެއިން މިހާރު ފަރުވާ ދެވެމުންދަނީ 3 މީހަކަށެވެ. ބަލިން ރަނގަޅު ވެފައިވަނީ 11 މީހެކެވެ. ބަލިން ރަނގަޅުވި 11 މީހުން ދޫކުރުމަށް ހަމަޖެހިފައިވަނީ ކަނޑައަޅާފައިވާގޮތަށް 30 ދުވަހުގެ ކަރަންޓީނަށްފަހުގައެވެ.

ކޯވިޑް 19އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ހުކުރު ދުވަހުން ފެށިގެން ރާއްޖެއަށް ނާދެވޭގޮތަށް ވަނީ ނިންމަވާފައެވެ. މިއައިއެކު މިއަދު ރާއްޖެއަސްފައިވަނީ އެންމެ 22 މީހެއްކަމަށް މަބުރޫކް ވިދާޅުވިއެވެ. މިއެންމެންނަކީވެސް ދިވެހިންކަމަށް އޭނާ ވިދާޅުވިއެވެ.