ކުޅިވަރު

ގަދައަޑާއި އައްޔާއި ދުމާއި ނެށުން، މަދު ބަޔަކާއެކު އޭޝިއަން ގޭމްސް ހުޅުވައިފި


އޭޝިޔާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ގަދަ އަޑާއި އައްޔާއި މިއުޒިކާއި ނެށުމުގެ ފޯރިއާއެކު ކުޅިބަލަންތިބި މަދު ބަޔަކާއެކު މިރޭ ޖަޕާނުގައި ފަށައިފި އެވެ.

ގޭމްސް ހުޅުވައި ދެއްވީ ޖަޕާނުގެ އެމްޕެރާރ ނަރުހީޓޯ އެވެ. އަރިހުގައި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ބައިވެރިވެ ވަޑައިގަތެވެ. ހުޅުމުގެ ރަސްމިއްޔާތުގައި 240 ނެށުންތެރިއަކު ވަނީ ޖަޕާނާއި އޭޝިޔާގެ ސަގާފަތް ދައްކުވައިދޭ ނެށުންތަކާއި ލަވަތައް ހުށަހަޅައިދީފަ އެވެ.

މިއަދުން ފެށިން އަންނަ އޮކްޓޫބަރު މަހުގެ ހަތަރަކަށް ކުރިއަށްދާ ގޭމްސް ހުޅުމުގެ ރަސްމިއްޔާތު ބޭއްވީ ޖަޕާނުގެ އައިޗީގެ ޕަލޮމާ މިޒުހޯ ސްޓޭޑިއަމުގެ އެވެ. ހުޅުވުމުގެ ރަސްމިއްޔާތުގެ ޓިކެޓް އެއްކޮށް ވިކި ހުސްވެއްޖެ ކަމަށް މާ ކުރިން އިއުލާނު ކޮށްފައިވީ ނަމަވެސް 30،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމުގައި ހުސްގޮނޑިތައް މަދެއް ނޫނެވެ.

ގާތްގަނޑަށް 32 އަހަރު ފަހުން ޖަޕާނުގައި ބާއްވާ ގޭމްސް އަށް ގިނަ ބައެއްގެ ޝައުގު ނެތް ކަމަށް މީޑިޔާތަކުން ދަނީ ބުނަމުންނެވެ. އަދި ހަރަދު ކުޑަކުރަން ޖަޕާނުން އެޅި ބޮޑެތި ފިޔަވަޅުތަކާއެކު އިންތިޒާމްތަކުގެ ފެންވަރު ދެރަކަމަށް ބުނެ ގިނަ އެތްލީޓުން ދަނީ ފާޑުކިޔަމުންނެވެ.

މި ގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ 45 ގައުމު ބައިވެރިވާ މި ފަހަރުގެ ގޭމްސްގައި 43 ކުޅިވަރެއް ކުޅޭއިރު ޖަޕާނަށް ދިޔަ ބައެއް އެތްލީޓުންނަށް އެއާޕޯޓުގައި ތިނަ އިރު ތިބެން ޖެހުމުގެ މައްސަލަ އެވެ. މީގެ ކުރިން އެކޮމޮޑޭޝަނާއި ދަތުރު ފަތުރުގެ މައްސަލަ ވެސް ވަނީ ކުރިމަތިވެފަ އެވެ. ބައެއް އެތްލީޓުންނަށްވުރެ ޖަޕާނުން ތައްޔާރުކުރި އެނދުތައް ކުޑަވުމާއި ކޮންޓޭނަރު ސްޓައިލަށް ހެދި ކޮޓަރިތަކުގެ ތާށިކަމެވެ.

މީގެ އިތުރުން ހޮކީ މުބާރާތުގައި ބަނގްލަދޭޝް އާއި ދެކުނު ކޮރެޔާ ބައްދަލުކުރި މެޗުގައި އޮޅިގެން އުތުރު ކޮރެޔާގެ ގައުމީ ސަލާމް ޖެހި މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ.

މި ގޭމްސްގައި އެތްލީޓުންނާއި އޮފިޝަލުންނާއެކު 17 ހާހާއި 19 ހާހާއި ދެމެދު އަދަދަކަށް މީހުން ތިބޭނެ އެވެ. ޖަޕާނުން ބުނީ އެންމެ ބޮޑު ގޮންޖެހުމަކީ ކުއްލިއަކަށް ކުޅިވަރުތައް ގިނަވެ، ބައިވެރިންގެ އަދަދު ގިނަވުމުން އެންމެން ބަލަހައްޓަން އުނދަގޫވުން ކަމަށެވެ.