ޚަބަރު

އެމެރިކާއާއެކު މަޝްވަރާތައް އަލުން ފެށުމަށް އީރާނުގެ ޝަރުތުތަކެއް


އެމެރިކާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ޝަރުޠުތަކެއް ހުށަހަޅައިފިއެވެ. ޤަޠަރާއި ޕާކިސްތާނު މެދުވެރިކޮށް މި ޝަރުޠުތައް ފޮނުވާފައިވާ ކަމަށާއި، މިހާރު އިންތިޒާރު ކުރަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޖަވާބަކަށް ކަމުގައި އީރާނުގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ސެކްރެޓަރީ މުޙުސިން ރިޒާއީ ވިދާޅުވިއެވެ. މި ޝަރުޠުތަކުގެ ތެރޭގައި ހަނގުރާމަ އެއްކޮށް ހުއްޓައިލުމާއި، ފްރީޒްކޮށްފައި ނުވަތަ ހިފަހައްޓާފައިވާ ފައިސާއާއި މުދާތައް ދޫކޮށްލުމާއި، ކަނޑުމަގުން އަޅާފައިވާ ޙިޞާރު އުވައިލުން ހިމެނޭ ކަމުގައި އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ޔަމަނުގެ ހަމަނުޖެހުން ނިމުމަކަށް އައުމަށް ވެސް އީރާނުން އެދޭ ކަމުގައި ރިޒާއީ ހާމަކުރެއްވިއެވެ.

އީރާނުގެ ޝަރުތުތައް ޤަބޫލުކުރުމަކީ އެމެރިކާއަށް ވެސް އެންމެ ފައިދާހުރި ގޮތް ކަމުގައި ވިދާޅުވަމުން، ޓްރަމްޕްގެ އިންޒާރުތަކުން ނަތީޖާއެއް ނުނުކުންނާނެ ކަމުގައި ރިޒާއީ ފާހަގަކުރެއްވިއެވެ. އަދި، ބޭނުންވެއްޖެ ހިނދެއްގައި ދިގުލައިގެންދާނެ ފަދަ ކުރިމަތިލުމަކަށް އީރާން ތައްޔާރު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ އަސްކަރިއްޔާގެ ބަލިފައިތައް އެނގޭ ކަމަށާއި، ދާދިފަހުން އެމެރިކާގެ މަނަވަރެއް ކައިރީގައި މިސައިލެއް ޓެސްޓުކޮށްފައިވާ ކަން އޭނާ ހާމަކުރެއްވިއެވެ. އަދި، އީރާނަށް ހަމަލާއެއް ދީފިނަމަ، ސަރަޙައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ރިޒާއީ ދެއްވިއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރުވީ ފެބުރުވަރީ މަހު އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ޣައިރުޤާނުނީ ހަނގުރާމައެއް ފެށުމާ ގުޅިގެންނެވެ. އޭގެ ބަދަލުގައި އީރާނުން ވެސް ވަނީ އެމެރިކާގެ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ. ޕާކިސްތާނު މެދުވެރިވެ ޖޫން މަހު އެއްބަސްވުމެއް އެކުލަވައިލި ނަމަވެސް، ހުރްމުޒް ކަނޑުއޮޅިއާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ހެދި އެ އެއްބަސްވުން ވަނީ ބުރޫއަރައިފައެވެ.

މި ދަނޑިވަޅުގައި، ޔަމަނުގައި ޙޫޘީންނާއި ސަރުކާރުގެ ފައުޖުތަކާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން ޖުލައި މަހު ރޫޅުމުން ހަނގުރާމަ އަލުން ވަނީ ފެށިފައެވެ. މިއާއެކު ބާބް އަލް-މަންދަބް ކަނޑުއޮޅި ކައިރީގައި ހިނގި ކުރިމަތިލުންތަކުގައި ސަތޭކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި، ސަޢޫދީ ޢަރަބިއްޔާއިން ޔަމަނު ޙިޞާރުކޮށްފައިވާ ކަމަށް ބުނެ، ޙޫޘީން ވަނީ ރަތް ކަނޑުގައި ސަޢޫދީއާ ދެކޮޅަށް ކަނޑުމަގުން ޙިޞާރެއް އަޅައިފައެވެ. އަދި، ސަޢޫދީ ޢަރަބިއްޔާގެ ރަށްތަކަށް ހަމަލާދޭން ފަށާފައެވެ. ނަމަވެސް، ސަޢޫދީން ދަނީ ހޫޘީންގެ ތުހުމަތުތައް ދޮގުކުރަމުންނެވެ.