ޚަބަރު

ހިލޭ އެހީގެ ގޮތުގައި ދަޢުލަތަށް 499 މިިލިޔަން ރުފިޔާ، ބަޖެޓުކުރި އަދަދަށްވުރެ އިތުރު


  • މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 252.4 މިލިޔަން ރުފިޔާ

  • ޖުމްލަ އާމްދަނިއާއި ހިލޭ އެހީގެގޮތުގައި 28.7 ބިލިޔަން ރުފިޔާ ލިބިފައިވޭ

މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 499 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާގޮތުން އޮގަސްޓުމަހުގެ ނިޔަލަށް ދައުލަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ އަދަދަކީ މިއަހަރުތެރޭ ލިބޭނެ ކަމަށް އަންދާޒާ އަދަދަށްވުރެ އިތުރު އަދަދެކެވެ. މިއަހަރުތެރޭ ހިލޭ އެހީގެގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވަނީ 373 މިލިޔަން ރުފިޔާއެވެ.

އަހަރުގެ މިހާތަނަށް ހިލޭ އެހީގެގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަށްވުރެވެސް އިތުރުވެފައެވެ. މިދިޔަ އަހަރުތެރޭ ހިލޭ އެހީގެގޮތުގައި ލިބިފައިވަނީ 252.4 މިލިޔަން ރުފިޔާއެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ 8 މަސް ދުވަސްތެރޭ ދައުލަތަށް އާމްދަނިއާއި ހިލޭ އެހީގެގޮތުގައި 28.7 ބިލިޔަން ރުފިޔާވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު %6.2 ގެ ކުރިއެރުމެކެވެ.

މިމުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް ލިބުނު 1.69 ބިލިޔަން ރުފިޔާގެ ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. މިމުއްދަތުގެ ތެރޭގައި ޓެކްސް އާމްދަނީ ވަނީ 20.61 ބިލިޔަން ރުފިޔާއިން، 22.35 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ %8.5 ގެ އިތުރުވުމެކެވެ.

މިމުއްދަތުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 30.86 ބިލިޔަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 26.38 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %17 އިތުރު އަދަދެކެވެ. ރިކަރަންޓް ޚަރަދު %18.6 އިތުރުވެ، 22.75 ބިލިޔަން ރުފިޔާއިން 26.98 ބިލިޔަން ރުފިޔާއަށް އުފުލިފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ %6.9 އިތުރުވެ 3.63 ބިލިޔަން ރުފިޔާއިން 3.88 ބިލިޔަން ރުފިޔާއަށް މަތިވެފައެވެ.

ދައުލަތުގެ ޕްރައިމަރީ ސާޕްލަސް ނުވަތަ ދަރަންޏާއި އިންޓްރެސްޓް ނުހިމަނައި، އާމްދަނީއާއި ހިލޭ އެހީ ޚަރަދަށްވުރެ އިތުރުވި މިންވަރު ހުރީ 1.27 ބިލިޔަން ރުފިޔާގައެވެ. މިއީ އޭގެ ކުރީ އަހަރު ރެކޯޑުކުރެވުނު 4.04 ބިލިޔަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއާ އަޅާބަލާއިރު %68.6 ދަށް އަދަދެކެވެ. ދަރަންޏާއި އިންޓްރެސްޓް ހިމެނޭހެން މުޅި ބަޖެޓުން 2.13 ބިލިޔަން ރުފިޔާގެ ޑެފިސިޓެއް ދައްކާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ބަޖެޓުން ދެއްކީ 658.8 މިލިޔަން ރުފިޔާގެ ސާޕްލަސްއެކެވެ.