އަމީނީމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ސެގްމެންޓް 1ގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރަމުންދަނީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެއެވެ.
އަމީނީމަގު މަރާމަތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަމީނީ މަގު މަރާމާތު ކުރުމުގެ ސެގްމަންޓު 1ގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށެވެ.
އެމްޓީސީސީން ކުރިން ވިދާޅުވެފައިވަނީ މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލުމަށްފަހު ދެން ކުރިއަށް ދާނީ ސެގްމަންޓް 2 ގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތްކަމަށެވެ. އަދި މިމަސައްކަތްތައް އަންނަ ނޮވެންބަރު މަހުގެ ތެރޭ ނިންމާލުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އަމީނީ މަގު އަލުން މަރާމަތު ކުރުމުގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަޙައްދުތަކުގައި ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.
އަމީނީ މަގުގެ ހަލާކުވެފައި އޮތް ސަރަހައްދު އަވަހަށް ހަލާކުވެފައިވަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުންކަމަށް ކަމުގެ ފަންނީ ބޭފުޅުން ފާހަގަކުރައްވައެވެ. ޚާއްސަކޮށް އެ ސަރަޙައްދަކީ ބަސްދަތުރުކުރާ ސަރަޙައްދަކަށް ވުމުން ތާރުގަނޑު ހަލާކުވުމުގެ ފުރުޞަތު އޮވެއެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ވަނީ ތަރައްޤީކޮށްފައެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހުއެވެ.