ޚަބަރު

އޭދަފުށިން ދޫކުރާ ގޯއްޗަށް 664 މީހުން ފޯމް ހުށަހަޅައިފި


ބ.އޭދަފުށިން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުޞަތުގައި 664 މީހުން ގޯއްޗަށް އެދިއްޖެއެވެ.

އޭދަފުށީ ކައުންސިލުން މައުލާުމާތު ދޭގޮތުގައި އެރަށުން ދޫކުރަން ހަމަޖެހިފައިވަނީ 158 ގޯޗެވެ. މިގޯތި ތަކަކީ އެރަށުގެ ފަޅުން 31 ހެެކްޓަރުގެ ބިން ހިއްކައިގެން ދޫކުރާ ގޯތި ތަކެކެވެ. އެރަށުން ދޫކުރުމަށް ނިންމާފައިވާ 1400 އަކަފޫޓްގެ 158 ގޯއްޗައް ފޯމު ހުށައެޅުމަށް މިދިޔަ ޖެނުއަރީ މަހު ފުރުޞަތު ހުޅުވާލި ނަމަވެސް، ލިޔެކިޔުންތައް ފުރިހަމަ ނުވެގެން ބައެއް ފަރާތަތަކަށް ފޯމް ހުށަހެލުމުގައި ދަތިިތަކެއް ދިމާވިކަން ފާހަގަވެފައިވާތީ އިތުރު ފުރުޞަތު ދީފައިވާކަމަށް ކައުންސިލް އޮފީހުން ފާހަގަ ކުރެއެވެ.

ކައުންސިލް ރައީސް ތޮލާލް ޢަބްދުއްރަޙްމާން ވިދާޅުވީ ގޯއްޗަށް އެދި ހުށަހަޅަފައިވާ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ ކަމަށާއި، މިކަމަށް އެކުލަވާލާފައިވާ ކޮމެޓީއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި މިކަމަށް މަދުވެގެން 4 މަސްދުވަސް ހޭދަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ގޯއްޗަށްއެދި ފޯމު ހުށައަޅާއިރު އިޤްރާރެއް އޮންނާނެ. އޭގައި ބަޔާންކޮށްފައިވާނެ މައިންބަފައިންގެ މުދަލުން ބައެއް ލިބޭނަމަ އެބައި ދޫކޮށްލުމަށް. އެހެން ނަމަވެސް އެއީ ފޯމު ހުށައަޅާތަނުން އެކަމުން މަޙްރޫމް ވަނީކީނޫން، ގެވަޅު ލިބިއްޖެނަމަ އެކަން ވާނީ، އެއީ ވަރަށް ބޮޑަށް އެރި އޮޅުމަކަށް. ރައްޔިތުންނަށް، ފަހުން ވަރަށް ސާފުކޮށް އެކަން ކިޔައިދީގެން މިހާގިނަ ފޯމް މި ހުށައެޅީ" ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަޙްމާން ވިދާޅުވިއެވެ.

ބިން ފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ފަޅު ހިއްކައި 31 ހެކްޓަރުން 51 ހެކްޓަރަށް އިތުރު ކުރީ، 2014 ވަނަ އަހަރެވެ. އޭގެ ފަހުން ގޯތި ދޫކުރާ މިއީ ފުރަތަމަ ފަހަރެވެ.

އޭދަފުށިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރުއެވެ.
.