އިނގިރޭސިވިލާތުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅެވޭ ކޮމިއުނިޓީ ޝީލްޑް ޕެނަލްޓީ ޖަހައިގެން 3-2 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް ކްރިސްޓަލް ޕެލަސް އިން ހޯދައިފި އެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑީއަމްގައި އަށްޑިހަ ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު 20 ވަނަ މިނިޓުގައި ކާރު އެކްސިޑެންޓެއްގައި ދާދި ފަހުން މަރުވި ލިވަޕޫލްގެ ޑިއެގޯ ޖޮޓާގެ ހަނދާނުގައި ވަނީ ސުކޫތެއް ގެނެސްފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ.
މި ސީޒަނުގައި އަލަށް ލިވަޕޫލް އާއި ގުޅުނު ފަސް ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިން ފުރަތަމަ ޓީމުގައި ހިމެނި ލިވަޕޫލް އަށް ކުޅެފައިވާ މި މެޗުގެ ހަތަރުވަނަ މިނިޓުގައި ހޫގޯ އެކިޓީކޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑު ޖަހަން އޭނާއަށް ފުރުސަތު ތަނަވަސްކޮދީފައިވަނީ 116 މިލިއަން ޕައުންޑްގެ ފީއަކަށް މި ސީޒަނުގައި އަލަށް ލިވަޕޫލް އާއި ގުޅުނު ފްލޯރިއަން ވާޓްޒް އެވެ.
ނަމަވެސް އޭގެ 13 މިނިޓު ފަހުން ކްރިސްޓަލް ޕެލަސް އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑަކީ ޕެނަލްޓީ އޭރިޔާ ތެރެއިން އިސްމާއިލާ ސާރ އަށް ވެންޑައިކް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓި އަކުން ޝޯން ފިލިޕް މަޓޭޓާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ލިވަޕޫލް އިން ދެވަނަ ފަހަރަށް މި މެޗުގައި ކުރި ހޯދާފައިވަނީ މެޗުގެ 21 ވަނަ މިނިޓުގައި އެ ޓީމާއި އަލަށް ގުޅުނު ޖެރެމީ ފްރިމްޕޮންގް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު ލިވަޕޫލް އިން 2-1 ގެ ނަތީޖާއަކުން ކުރީގައި އޮތް ނަމަވެސް ކްރިސްޓަލް ޕެލަސް އިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފަ އެވެ.
ކްރިސްޓަލް ޕެލަސް އިން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފައިވަނީ މެޗުގެ 77 ވަނަ މިނިޓުގައި އިސްމައިލާ ސާރ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެން ކްރިސްޓަލް ޕެލަސް އިން ކުރި ހޯދިއިރު އެ ޓީމުގެ ގޯލުކީޕަރު ޑީން ހެންޑަރސަން ވަނީ އެލެކްސިސް މެކަލިސްޓާ އާއި ހާވޭ އެލިއޮޓް ޖެހި ޕެނަލްޓީ މަތަކޮށްފަ އެވެ. އަދި މުހައްމަދު ސަލާ ޖެހި ޕެނަލްޓީ ގޯލުގެ ހުރަސް ދަނޑި މަތިން ގޮސްފައިވާއިރު ކްރިސްޓަލް ޕެލަސް މޮޅުވި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ 21 އަހަރުގެ މިޑްފީލްޑަރ ޖަސްޓިން ޑެވެނީ އެވެ.
ބޮޑު މުބާރާތެއް ފުރަތަމަ ފަހަރަށް ކްރިސްޓަލް ޕެލަސް އިން މި އަހަރު ކާމިޔާބުކުރިތާ ތިން މަސް ދުވަހުގެ ތެރޭގައި އެ ޓީމުން ވަނީ ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށް ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެވެ.