ކުޅިވަރު

ލިވަޕޫލަށް ކޮޅަށް މާގިނަ ގޯލު ވަންނަން ފަށައިފި: ސްލޮޓް


ލިވަޕޫލް ކޮޅަށް މި ސީޒަނުގައި މާގިނައިން ގޯލު ވަންނަން ފަށައިފި ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފި އެވެ.

ޕްރެމިއާ ލީގުގެ ހުސްވި ސީޒަނުގެ ޗެމްޕިއަން ޓީމުގެ ކޯޗު މިހެން ބުނީ މި ސީޒަން ހުޅުވަން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި ކްރިސްޓަލް ޕެލަސް އަތުން ޕެނަލްޓީ ޖަހައިގެން 3-2 އިން ބަލިވުމުންނެވެ. މި މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނީ ފުރިހަމަ ވަގުތުގައި 2-2އިން އެއްވަރުވުމުންނެވެ.
މެޗުގައި ދެ ފަހަރު ވެސް ލީޑް ހޯދީ ލިވަޕޫލުންނެވެ. ނަމަވެސް މި ސީޒަނަށް 350 މިލިއަން ޑޮލަރު ހަރަދު ކުރި ޓީމުގެ ފަހަތް އޮތީ ފޫވެއްޓިފަ އެވެ.

ކޯޗު ސްލޮޓް ބުނީ ދިފާއީ ގޮތުން ލިވަޕޫލްގެ ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

"ހުސްވި ސީޒަނުގައި އަހަރުމެންނަށް ކްރިސްޓަލް ޕެލަސް ކޮޅަށް ޖެހުނީ އެންމެ ގޯލެއް. އެކަމަކު މި މެޗުގައި އަހަރުމެން އެ މީހުން ކޮޅަށް ދެ ގޯލު ޖަހައިފިން. އަދި ގޯލު ޖަހާނެ ފުރުސަތުތައް ވެސް ހޯދައިފިން. އެކަމަކު އަހަރުމެން ކޮޅަށް މާ ގިނައިން ގޯލު އެބަ ވަދޭ. ޑިފެންސިވްކޮށް ޓީމު ރަނގަޅު ކުރަން ޖެހޭ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ލިވަޕޫލާ ދެކޮޅަށް ކުޅޭއިރު ކޮންމެ ޓީމަކުން ވެސް ވަރަށް ވަރުގަދަ އަށް ދިފާއު ކުރާ ކަމަށާއި މި ސީޒަނުގައި އޭނާގެ ޓީމުގެ އެޓޭކް އެކަންކަމަށް ފަރުވާތެރިވެގެން މާމޮޅަށް ކުޅެން ފަށައިފި ކަމަށެވެ.

"އެކަމަކު ޕްރީ ސީޒަނުގެ މެޗުތަކަށް ބަލާއިރު ވެސް އަހަރުމެން ކޮޅަށް ވަންނަ ގޯލު ގިނަ ވެއްޖެ. މިއީ ރަނގަޅު ކުރަންޖެހޭ ކަމެއް. އަހަރުމެންނަކީ ލިވަޕޫލް. އެހެންވީމާ ޕްރެޝަރު ބޮޑުވާނެ. އެ ޕްރެޝަރު ނަގަން އަހަރުމެން ދަސް ކުރަންވާނެ،" ސްލޮޓް ބުންޏެވެ.

ހުސްވި ސީޒަނުގައި އާސެނަލް ނެގުމަށް ފަހު އެންމެ ރަނގަޅު ޑިފެންސިވް ރެކޯޑެއް އޮތީ ލިވަޕޫލްގަ އެވެ. ޓީމުގެ ފަހަތުން މިދިޔަ ސީޒަނަށް ފަހު ގެއްލުނު ހަމައެކަނި ކުޅުންތެރިއަކީ ކަނާތު ބެކް ޓްރެންޓް އެލެގްޒެންޑާ އާނޮލްޑެވެ. އޭނާ ބަދަލުވީ ސްޕޭނުގެ ރެއާލް މެޑްރިޑަށެވެ. ބަދަލުގައި ގެނައި ޖެނެމީ ފްރިމްޕޮންގް ވަނީ ރޭގެ މެޗުގައި ގޯލެއް ވެސް ޖަހައިފަ އެވެ.