ތަރައްްޤީ

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެ - ޕްލޭނިންގ މިނިސްޓްރީ


ކިންގް ސަލްމާން މިސްކިތް ނިމުމުގެ ހުރިހައި މަސައްކަތެއް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ. ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މިހާރު ކުރިއަށްދަނީ ކިންގް ސަލްމާން މިސްކިތުގެ އިންޓީރިއަރ ފިނިޝިންގގެ މަސައްކަތްތައްކަމަށެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ ހިލޭ އެހީގެ ދަށުން ބިނާކުރާ "ކިންގް ސަލްމާން" މިސްކިތުގެ މަސައްކަތް ކުރަމުންދަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މިސްކިތް ބިނާކުރުމުގެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ.

2019 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ކުރިން ލަފާކޮށްފައިވީނަމަވެސް، މަސައްކަތް ދިގުލައިގެން ދިޔައީ ކާނިވާ ސަރަޙައްދުވެސް ހިމެނޭގޮތޮށް ބޮޑުތަކުރުފާނު މަގު ތާރުއަޅައިގެން ތަރައްޤީކުރުމަށް ގިނަ ދުވަސްތަކެއްވަންދެން ބަންދުކޮށްފައި އޮތުމުގެ ސަބަބުން ސައިޓަށް ސާމާނު ގެނައުމަށް ދިގު މުއްދަތެއް ނެގުމާއި، ޕްރޮޖެކުޓުގެ ޑިޒައިނަށް ބައެއްކަހަލަ ބަދަލުތައް ގެނަސްފައިވުމުގެ ސަބަބުންކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން ކުރިން 6 ފަންގިފިލާއަށް އިމާރާތްކުރުމަށް ނިންމާފައިވީނަމަވެސް، މިސްކިތުގެ ފަރުމާއަށް ގެނެސްފައިވާ ބަދަލާއެކު އެއް ފަންގިފިލާ ވަނީ އުނިކޮށްފައެވެ. އަދި މިސްކިތުގެ ވަށައިގެންވާ 5 މުންނާރުގެ އުސްމިންވެސް ވަނީ ތިރިކޮށްފައެވެ. މި ބަދަލުތަކާއެކުވެސް މިސްކިތުގައި ޤާއިމުކުރާ ވަޞީލަތްތަކަށް އެއްވެސް ބަދަލެއް ގެނެސްފައެއްނުވެއެވެ.

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް މިހާރު ކުރިއަށްގޮސްފައިވާ ހިސާބާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މި ޕްރޮޖެކްޓުގެ އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރާ ޙަސަން ސާމީ ވިދާޅުވީ، މިސްކިތުގެ ޢަމަލީ މަސައްކަތުގެ %91 މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ވަކިވަކި ފަންގިފިލާތަކަށް ބޭނުންވާ އިންޓީރިއަރ ފިނިޝިންގގެ މަސައްކަތްތައްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިކޮޅަށް އެއަރޝިޕްކުރިއިރު ހަލާކުވެފައި ހުރި ބައެއް ކަލިގްރަފީތައް ރިޕްލޭސްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. އަނެއްހެން ޕްރޮޖެކްޓުގެ ސްކޯޕް އޮފް ވޯކް މިމަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް މި ބަލަނީ" ޙަސަން ސާމީ ވިދާޅުވިއެވެ.

ސާމީ ވިދާޅުވީ، ކިންގް ސަލްމާން މިސްކިތުގެ ބޭރުން ލޭންޑް ސްކޭޕިންގގެ މަސައްކަތްތަކާއި، ލައިޓް ހަރުކުރުމާއި ޒީނަތްތެރިކުރުމުގެ މަސައްކަތްވެސް މިހާރު ނިމުމަކާ ގާތްވެފައިވާކަމަށެވެ. އަދި މިސްކިތް ވަށައިގެން ހަދާ ޕާކިން ޒޯންތަކުގެ މަސައްކަތްވެސް މިމަހުގެ ތެރޭގައި ފެށޭވަރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންޓްރެކްޓުގައި ސޮއިކުރިއިރު ޕާކިންގއަށް އެލޮކޭޓްކޮށްފައިވަނީ ހަތަރު ޖާގަ. މިހާރު އަޅުގަނޑުމެންނަށް މިސްކިތުގެ ދެފަރާތުންވެސް ސައިކަލާއި ކާރު ޕާކުރުމަށް ބިން މިވަނީ ހަމަޖެހިފައި. ކޮންސެޕްޓް ޑިޒައިންކޮށް މި ޖެނުއަރީމަހުގެ ތެރޭގައި އެތަންތަން ތަރައްޤީކުރުމުގެ މަސައްކަތްވެސް ފެށޭނެކަމަށް އަންދާޒާ މިކުރަނީ" ޙަސަން ސާމީ ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، މި މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ސަރަޙައްދުތަކުގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން މިސްކިތުގެ އެންމެ ތިރި ވުޞޫއުކުރުމަށް ޚާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ނަމާދުކުރުމަށެވެ. މި ދެ ފަންގިފިލާގައި ގާތްގަނޑަކަށް 4000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ.

މިސްކިތުގެ 3 ވަނަ ފަންގިފިލާގައި 4 ކްލާސްރޫމަކާއި، 5 ސެމިނަރ ރޫމެއްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ ތަނެއްވަނީ ހަދާފައެވެ. 4ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެކެވެ. މީގެ އިތުރުން މިސްކިތުގެ 5ވަނަ ބުރި ތަރައްޤީކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދުކުރުމަށްވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕަރޕަސް ހޯލެއްގެ ގޮތުގައެވެ.

މިސްކިތް ޒީނަތްތެރިކުރުމުގެގޮތުން ޗާންދަލިޔާތަކާއި ޢަރަބި ކަލިގްރަފީއާއި، ކިރީތި ޤުރުޢާނުގެ އާޔަތްތަކާއި، އިސްލާމީ ސަޤާފަތާއި ގުޅުންހުރި ތަފާތު ލިޔުންތައް ބޭނުންކޮށްފައިވެއެވެ.