ސިޔާސީ

ހައުސިން މިނިސްޓަރ އައްޑޫ ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފި


މިނިސްޓަރ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް އާމިނަތު އާތިފާ އައްޑޫސިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ.

ހައުސިން މިނިސްޓަރ އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ކައުންސިލާއި ބައްދަލުކޮށް ވަނީ ކައުންސިލާއި ހައުސިން މިނިސްޓްރީއާ ގުޅުންހުރި ކަންކަމުގައި ދިމާވެފައިވާ ދަތިތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އައްޑޫގައި ބިމުގެ މައްސަލަތަށް ހައްލު ކުރުމަށް މިނިސްޓްރީގެ އެހީތެރިކަން ބޭނުންވާ ދާއިރާތަށް ކައުންސިލުން ވަނީ މި ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިހާރު ހުރި ފްލެޓް ތަށް ދޫކުރުމުގައި ކައުންސިލުގެ ހުރި ކަންބޮޑުވުންތަށް ވެސް މިނިސްޓަރާއި ވަނީ ހިއްސާ ކޮއްފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އާތިފާ ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެކްޝަން ޕްލޭނުގައި ހިލޭ ގެދޮރު ދޭން ޖެހޭ ހާލަތުގައި ތިބި ފަރާތްތަށް ބަލާ އެފަރާތްތަކަށް ގޮދޮރު ދިނުމަށް ހިމެނިފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އާތިފާ ވަނީ ފަހިދިރިއުޅުން ކޯޕަރޭޝަންގެ މަސައްކަތް ފެށުމާއި އެކު ގެދޮރުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާ ކަންތައްތައްވެސް ސިޓީ ކައުންސިލާއި ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން ފަޅު ގޯތިތަށް ގިނަވެ ހުރުމާއި، އަދި ބިން އޮވެ ގެދޮރު ނެތް ފަރާތްތަކުގެ މައްސަލަތައް ވެސް ހައްލު ކުރުމާއި ގުޅޭ ގޮތުން މިނިސްޓަރާއި ކައުންސިލާއި ދެމެދު މަޝްވަރާ ކުރެވުނެވެ.

މިނިސްޓަރ އާތިފާ އައްޑޫ އަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ ހިތަދޫ އަދި ހުޅުދޫ އަވަށުގައި ޤާއިމު ކޮއްފައިވާ ހައުސިންގ ޔުނިޓްތަށް ވަނީ ބައްލަވާ ލައްވާފައެވެ. އަދި ހަމައެއާއިއެކު ފޭދޫގައި އަޅާފައިވާ ރޯ ހައުސްތަކާއި އެތަންތަނުގައި ދިރިއުޅެމުންދާ މީހުންގެ ހާލަތު މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ.