ތިމާވެށި

7 ރަށެއްގެ ގޮނޑުދޮަށް ހިމާޔަތްކުރުމުގެ މަޝްރޫޢު ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފި


ރާއްޖޭގެ 7 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިންކޮށްދޭން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އިޢުލާންކޮށްފައިވާ 7 ރަށުގެ ތެރޭގައި މ. އަތޮޅުގެ 3 ރަށަކާއި، ތ. އަތޮޅުގެ 2 ރަށެއްގެ އިތުރުން އައްޑޫ ސިޓީގެ 2 ރަށެކެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ޑިޒަައިންކޮށްދޭން އިޢުލާންކޮށްފައިވާ ރަށްތައް:

މ. ކޮޅުފުށި
މ. މުލައް
މ. ދިއްގަރު
ތ. ބުރުނި
ތ. ވަންދޫ
ސ. މީދޫ
ސ. ހިތަދޫ

މި މަސައްކަތްތަކުގެ ތެރޭގައި މި 7 ރަށުގެ ކޯސްޓަލް ޕްރޮޓެކްޝަން މަސައްކަތްކުރުމަށް ބޭނުންވާ މިހާރުގެ އެންވަޔަރަމަންޓްގެ ލިޓަރޭޗަރ ރިވިއު، އެންވަޔަރަމަންޓަލް، ބެތިމެޓްރިކަލް އަދި ހައިޑްރޮލޮޖިކަލް ސަރވޭ، މަސައްކަތާ ގުޅޭ ޑޭޓާ ނެގުން، ފީސިބިލިޓީ ސްޓަޑީ ހެދުން، ކޮންސެޕްޓް އިންޖިނިއަރިންގ ޑިޒައިން، ޑިޒައިން ރިޕޯޓް، ކުރެހުން ސެޓް، ބިލް އޮފް ކުއަންޓިޓީޒް، ސްޕެސިފިކޭޝަން އާއި އީ.އައި.އޭގެ މަސައްކަތްތައް ކުރުން ހިމެނެއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓިންގ ކުންފުނިތަކުން، ޓާރމްސް އޮފް ރިފަރެންސް ޓީ.އޯ.އާރްއާއި އެއްގޮތަށް ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާކަމަށެވެ. އަދި މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު ހިމެނޭ ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު ހުށަހަޅަން ވާނެކަމަށެވެ.

މި މަސައްކަތުގެ އީ.އޯ.އައި އިވެލުއޭޓްކުރުމުގައި ކޮންސަލްޓަންސީ ކުންފުނިން މަސައްކަތްކުރަމުން އައިސްފައިވާ މުއްދަތު، ކޮންސަލްޓަންސީ ޓީމްގެ އެވެއިލަބިލިޓީ، ރިސޯސް އެވެއިލަބިލިޓީ، އަދި ކޮންސަލްޓަންސީ ކުންފުނީގެ ތަޖުރިބާއަށް ބަލާނެކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މި ކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މި މަސައްކަތަށް ޝައުއުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.