ތަރައްްޤީ

އައްޑޫ ސިޓީ ރޯޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ޑިޒައިން މަސައްކަތްކުރާނެ ފަރާތެއް ހޯދަނީ


"އައްޑޫ ސިޓީ ރޯޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓު"ގެ ޑިޒައިން ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

މި މަޝްރޫޢަކީ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އައްޑޫ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަށް ހިންގުމަށް ނިންމާފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ޑިޒައިން ކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ. އަދި އެކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން، ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު ހުށަހަޅަން ވާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢު ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފައިވާއިރު، މި މަސައްކަތުގެ ތެރޭގައި އައްޑޫ ސިޓީގެ މަގުތަކުގެ ސަރވޭ، ޕްލިމިނަރީ ޑިޒައިންގ، ޑީޓެއިލްޑް ޑިޒައިންގ، ޓެކްނިކަލް ސްޕެސިފިކޭޝަން އާއި ބިލް އޮފް ކުއަންޓިޓީސް، ބީ.އޯ.ކިއު އަދި އީ.އައި.އޭ ހެދުން ހިމެނެއެވެ. މި މަސައްކަތައް ޝައުއުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

އައްޑޫސިޓީގެ ގިނަ މަގުތަކެއް މަރާމާތު ނުކުރެވި، ގިނަ ދުވަސްވުމުގެ ސަބަބުން، މަގުތަކުގައި އަޑިގުނޑަންތައް ހެދުމާއި، ވިއްސާރަ މޫސުމަށް ފެންބޮޑުވާކަމުގެ ޝަކުވާއަކީ އެ ސިޓީގެ އާއްމުންގެ ފަރާތުން އަބަދުހެން އިވެމުންދާ ޝަކުވާތަކެކެވެ.