ތަރައްްޤީ

ލ. ފޮނަދޫގެ 50 ގެއަކަށް ޔޫޓިލިޓީގެ ޚިދުމަތް ގުޅައިދިނުމަށް ފެނަކަ ކޯރޕަރޭޝަނާއި ހަވާލުކޮށްފި


ލ. ފޮނަދޫގެ 50 ގޭބިސީއަކަށް ބޭނުންވާ ޔޫޓިލިޓީގެ ޚިދުމަތް ގުޅައިދިނުމުގެ މަސައްކަތް ފެނަކަ ކޯރޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އަޙްމަދު ނަޝީދެވެ. އަދި ފެނަކަ ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދެވެ.

މި އެއްބަސްވުމުގެ ދަށުން ފޮނަދޫގެ 50 ގޭބިސީއަކަށް ބޭނުންވާ ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ފެނަކަ ކޯރޕަރޭޝަނާއި ހަވާލުކޮށްފައިވަނީ 3 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

މި މަޝްރޫޢަށް ދިވެހި ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 7 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.