ޚަބަރު

ހަލާކުވިތާ 14 އަހަރު ފަހުން ކިހާދޫ ބަނދަރު މަރާމާތުކުރަން ފަށަނީ


ބ. ކިހާދޫގެ ބަނދަރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ވަރަށް އަވަހަށް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބ. ކިހާދޫ ބަނދަރު ހަލާކުވެފަ އޮންނަތާ 14 އަހަރު ވެފައިވާއިރު، އެރަށުގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ރަނގަޅު ބަނދަރެއް ނެތުން ކަމަށް ކިހާދޫ ކައުންސިލުން ވިދާޅުވެއެވެ. ބ. ކިހާދޫ ބަނދަރު ހަލާކުވެ، މަރާމާތު ނުކުރެވި އެތައް އަހަރެއް ވެފައިވާއިރު، މީގެ ކުރިން މިކަން އެކި ފަހަރުމަތިން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ކިހާދޫ ކައުންސިލުން ވިދާޅުވީ ރަށަށް އަރާ ފޭބުމުގައި ބޮޑެތި ދަތިތަކެއް ހުރިއިރު، މޫސުން ގޯސްވާ ދުވަސްވަރު އޮޑި ދޯނިފަހަރަށް ލިބިދާނެ ގެއްލުމަކަށް އޮޑިވެރިން ހޭލާވެސް ތިބެންޖެހޭ ކަމަށެވެ.

ކިހާދޫގައި ކޯސްޓްލައިން ފައުޑޭޝާނުން ހިންގާ ޓިވެކް ސެންޓަރުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގައި، ކިހާދޫގެ އާންމު ހާލަތު ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވީ، އެރަށު ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ދަތިތަކުގެ ތެރެއިން ބަނދަރުގެ ދަތިތަކަމަކީ ސަރުކާރުން އިސްކަމެއް ދީގެން ހައްލުކުރައްވާނެ ކަމެއް ކަމަށެވެ. ނާއިބުރައީސް ވިދާޅުވީ ކިހާދޫގެ ބަނދަރުގެ މައްސަލައަކީ މިހާރުން މިހާރަށްވެސް ހައްލުކުރަންޖެހޭ މައްސަލައެއްކަމަށް ސަރުކާރުން ދެކިލައްވާ ކަމަށެވެ.

ނާއިބުރައީސް ކިހާދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް ބޭނުންވާ ކަންކަމާއި، ހުރި ދަތިތައް އޮޅުންފިލުވައި އެކަންކަމަށް އެކަށީގެންވާ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން އިސްކަންދެއްވާކަމަށް ވިދާޅުވިއެވެ.

ކިހާދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފަޒީލް ވިދާޅުވީ، އެރަށުގެ ބަނދަރުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުގެ އެކި ވުޒާރާތަކުގައި އެދިފައިވާކަން ލިޔެކިއުމުން ފެންނަން އެބަހުރި ކަމަށެވެ. ނަމަވެސް މިހާތަނަށް އައިިއިރުވެސް އެއްވެސް ސަރުކާރަކުން މިކަން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައި ނުވާކަމަށެވެ. އަދި މިކަން ހައްލުކުރުމަށް ކައުންސިލުން މިދިޔަ ހަފްތާތެރޭގައި މާލެ ގޮސް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި މިކަން ހިއްސާކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"
"ކައުންސިލުން މިކަމަށް ހައްލު ހޯދުމަށް ވަރަށް ގިނަ މަސައްކަތަތަކެއް ކުރެވިއްޖެ، އަދި އޭގެއިތުރުން މި އަހަރުގެ ބަޖެޓްގައި ކިހާދޫ ބަނދަރު ހެދުމަށްވަނީ ހިމަނާފަ. އެންމެ ފަހުން މާލެގޮސް މިބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް މިވާހަކަތައް މިވަނީ ހިއްސާކޮށްފަ. އެންމެ އަވަހަށް ފެށޭ ބަނދަރުތަކުގެ ތެރޭގައި ކިހާދޫ ބަނދަރު ހިމެނޭނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފަ އެހެންކަމުން ރައްޔިތުން މިތިބީ އެދުވަސް ލަސްނުވެ ފެންނާނެކަމުގެ އިންތިޒާރުގައި."
ކިހާދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފަޒީލް

ފަޒީލް ވިދާޅުވީ ބަނދަރު ހަލާކުވުމުން ގެއްލުންވަނީ ހަމައެކަނި ކިހާދޫ ރައްޔިތުންނަށް އެކަނި ނޫންކަމަށައި، ކިހާދޫއަށް އެކިބޭނުންތަކުގައި އަންނަ މީހުންނަށް މިކަމުގެ ސަބަބުން ދަތިވާކަމަށެވެ. އަދި މީގެ ސަބަބުން އޮޑިދޯނިފަހަރަށްވެސް ބޮޑެތި ގެއްލުންތައް ވަމުންދާކަން ކިހާދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"މިތަނަށް ވަދެ ނުކުމެ އުޅެނީ ހަމައެކަނި ކިހާދޫ އޮޑިދޯނި ފަހަރެއްނޫން މިތާ ކައިރި ރިސޯޓްތަކުންވެސް މީހުން އާދޭ. ބޮޑެތި ލޯންޗުތައް މިއަންނަނީ އެމީހުންވެސް ބޭނުމެއް ނުވާނެ ދެއްތޯ މިތާ ޖެހިގެން ލޯޗު ނުވަތަ ފެންޑަރެއް އަދި ވަލެއްވެސް ކަނޑައިގެން ދާކަށް، މި ރަށުގައި އޮޑޮދޯނިފަހަރު ގެންގުޅޭ މީހުން ގަދަވެއްޖެއްޔާ ތިބޭނީ ނުނިދާ ބަނދަރުގައި، އެއްގަމު ތޮއްޓާއެއްވަރަށް ބޭރު ތޮށިވެސް މިއޮތީ ހަލާކުވެފަ." ފަޒީލް ވިދާޅުވިއެވެ.

އާބާދީގައި 495 މީހުން ދިރިއުޅޭ ބ. ކިހާދޫ ބަނދަރު ހަދާފައިވަނީ 1999 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ފާރާތަކާއި، އެރަށު ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެންނެވެ. ކިހާދޫ ބަނދަރުގެ އެއްގަމު ތޮށި ހަލާކުވެފައިވަނީ 2004 ވަނަ އަހަރު ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައެވެ. ބަނދަރު ހަލާކުވިތާ 14 އަހަރު ވެފައިވާއިރު ރައްޔިތުން ތިބީ ބަނދަރު ހެދޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ރައްޔިތުންގެ މި އުންމީދު ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ސަރުކާރުން މިވަނީ ދެއްވާފައެވެ.