ޚަބަރު

"ގައްދޫއަށް އީގަލްސް ބަލިކުރެވޭނެ"


  • އަމިއްލަ ފަސްގަނޑުގައި ކުޅެ ދެމެޗުން ގައްދޫ ވަނީ ބަލިވެފައި

  • 3ވަނަ މެޗުގައި އީގަލްސްއާ ދެކޮޅަށް ނުކުންނާނީ އާދިއްތަ ދުވަހު ހަވީރު

ގައްދޫ ރެކްރިއޭޝަން ކުލަބުގެ ކުޅުންތެރިން ދިވެހި ލީގުގައި ފާއިތުވީ ދެ މެޗުގައި ދެއްކި ކުޅުމާއިމެދު ރަށުގެ ރައްޔިތުން ހިތްހަމަޖެހޭ ކަމަށާއި، ކުރިއަށް އޮތް މެޗުގައި ކްލަބް އީގަލްސްގެ މައްޗަށް ގައްދޫ ޓީމަށް ކުރިހޯދޭނެކަމަށް ގަބޫލުކުރާކަމަށް އެޓީމުގެ މެނޭޖަރު އަމްޖަދު ނަސީރު ބުނެފިއެވެ.

ލީގުގައި އާދިއްތަ ދުވަހު ހަވީރު އީގަލްސްއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އަމްޖަދު ބުނީ، އަމިއްލަ ފަސްގަނޑުގައި ކުޅެ ދެ މެޗުން ބަލިވުން އެއީ ސަޕޯޓަރުންނަށ ގަބޫލުކުރަން އުނދަގޫވި ކަމެއް ކަމަށެވެ. އެހެންނަމަވެސް، ޖުމްލަ ގޮތެއްގައި ޓީމުގެ ކުޅުމާއިމެދު ރަށުގެ ރައްޔިތުން ތިބީ ހިތްހަމަޖެހިގެންކަން އޭނާ ހާމަކުރިއެވެ.

"ކުރީ ދެ މެޗުން ބަލިވެފައި އޮތްއޮތުން، ހަގީގަތުގައި ހަމަ ރަށެއްގައި އެއުޅޭ ސަޕޯޓަރުންނަށް ހަމަ އެކަން ގަބޫލުކުރުމަކީ އުނދަގޫކަމަކަށް ވާނެ. އެހެންނަމަވެސް ރަށުގެ ރައްޔިތުންވެސް ގަބޫލުކުރޭ ޓީމު ހަމަ ވަރަށް ރަނގަޅަށް އެ ދެމެޗުގައި ވެސް ޕާފޯމްކުރިކަން. އެހެންވީމަ ތިންވަނަ މެޗަކަށް ދާއިރުގައި، ތިންވަނަ މެޗަކީ އަޅުގަނޑުމެންނަށް އެލެވަލްގައި ޕާފޯމް ކުރެވިއްޖެއްޔާމު ޔަގީންކަމާއެކު ހަމަ ތިން ޕޮއިންޓު ނެގިދާނެ މެޗެއްކަމަށް ހަމަ ރައްޔިތުން ހަމަ ގަބޫލުކުރޭ. އެހެންވީމަ އަޅުގަނޑުމެން މި ތައްޔާރުވަނީ ހަމަ މި މެޗުގައި ވެސް ތިން ޕޮއިންޓު ނަގައިގެން ކާމިޔާބު ހޯދޭނެ މެޗަކަށް ވެގެންދާނެކަމަށް". ޓީމުގެ ކޯޗު މުހައްމަދު ނަޒީހުގެ ސިއްހީ ހާލު ހުރިގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިނުވެވުމުން ނޫސްވެރިންނާ ބައްދަލުކުރި ޓީމުގެ މެނޭޖަރު، އަމްޖަދު ބުންޏެވެ.

ރާއްޖޭގެ ދެކުނުގެ ޗެމްޕިއަނުންގެ ގޮތުގައި މާލެ އައިސް، މާލޭގައި ދިވެހި ލީގުގެ ކޮލިފިކޭޝަނުގައި ވާދަކޮށް ނަތީޖާނެރެގެން މި ސީޒަނުގެ ދިވެހި ލީގުން ޖާގަހޯދި ގައްދޫއިން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ނުކުތީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މި ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި ނިއުއާ ދެކޮޅަށް އަމިއްލަ ފަސްގަނޑުގައި ކުޅެ ގައްދޫ ބަލިވީ 0-2ގެ ނަތީޖާއަކުންނެވެ.

ގައްދޫގެ ދެވަނަ މެޗުގައި ކުޅެން ޖެހުނީ ފާއިތުވީ ސީޒަނުގެ ފަހު ކޮޅުން ފެށިގެން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ކޯޗު މުޙައްމަދު އާތިފްގެ އިރުޝާދުގެ ދަށުން ތަފާތު ދައްކަމުން އަންނަ ޓީސީއާ ދެކޮޅަށް ކުޅެ ގައްދޫ ބަލިވީ 2-4ގެ ނަތީޖާއަކުންނެވެ.

މާލޭގައި ކުޅެންޖެހޭ ލީގު މެޗުތަކުގެ ކުރިން އަމިއްލަ ފަސްގަނޑުގައި ކުޅޭ ފަހު މެޗުގައި، އީގަލްސްއާ ދެކޮޅަށް ގައްދޫ ކުޅޭ މެޗު ފަށާނީ އާދިއްތަ ދުވަހުގެ ހަވީރު 16:00 ގައެވެ.