ޚަބަރު

2019 ގައި އެންމެ އިސްކަންދޭނީ މަސްވެރިން ހޭލުންތެރިކުރަން - ބަޔޯސްފިއަރ ރިޒާރވް


ބ. އަތޮޅު ބަޔޯސްފިއަރ ރިޒާރވް އޮފީހުން މިއަހަރު އެންމެ ޚާއްޞަ އިސްކަމެއް ދޭނީ ހިމާޔަތްކޮށްފައިވާ ތަންތަނާމެދު މަސްވެރިން ހޭލުންތެރި ކުރުވުމަށްކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ބަޔޯސްފިއަރ ރިޒާވް އޮފީހުގެ އައުޓް ރީޗް އޮފިސަރ ޝާފީ ޢަލީ ވިދާޅުވީ ހިމާޔަތް ކޮށްފައިވާ ތަންތަނުގެ ތެރެއިން އެ އޮފީހުގެ ބެލުމުގެދަށުގައި ހުރި ތަންތަނާމެދު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވަނީ ބ. އަތޮޅު ނޫން އަތޮޅުތަކުގެ ރައްޔިތުންނާއި މަސްވެރިންނަށް އަމާޒުކޮށްގެން ކަމަށެވެ. އަދި މިއަހަރު އެންމެ ބޮޑު އިސްކަމެއް އަތޮޅުން ބޭރަށް ދޭންޖެހުނު މައިގަނޑު އެއްސަބަބަކީ، ހިމާޔަތްކޮށްފައި ހުރި ތަންތަނާ ގުޅޭގޮތުން އެންމެ ގިނައިން ހުށަހެޅެނީ އަތޮޅުން ބޭރުގެ މަސްވެރިން އެ ސަރަހައްދުތަކަށް ވަނުމުގެ މައްސަލަތައް ކަމަށްވާތީކަމަށް އެ އޮފީހުން ބުނެއެވެ. ޝާފީ ޢަލީ ވިދާޅުވީ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް މިއަހަރު ނ. ރ. އަދި ބ. އަތޮޅުގެ މަސްވެރިންނަށް ހިންގާނެކަމަށެވެ.

އެގޮތުން ބ. އަތޮޅުގައި ހިމާޔަތް ކޮށްފައިވާ މައިގަނޑު 10 ސަރަހައްދުގެ ތެރެއިން ހަނިފަރު ސަރަހައްދަކީ ޚާއްޞަ އިސްކަމެއްދީގެން ބަލަމުންދާ ސަރަހައްދަކަަށް ވުމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ހަނިފަރު ސަރަހައްދަށް ޚާއްޞަ އިސްކަމެއް ދޭނެކަމަށް ބަޔޯސްފިއަރ ރިޒާވް އޮފީހުގެ އައުޓް ރީޗް އޮފިސަރ ޝާފީ ޢަލީ ވިދާޅުވިއެވެ.

"ޖުމްލަކޮށް ވަރަށް ކުދި މައްސަލަތައް ހުށަހެޅިފައިހުރީ، އެހެން ނަމަވެސް އެބަހުރި ބޮޑެތި ސީރިއަސް މައްސަލަތައްވެސް ހުށަހެޅިފަ، ރަގަޅަށް ބެލެހެއްޓެމުންދާ ތަންތަނުން މައްސަލަތައްވެސް ފެންނާނެ އަދި ރިޕޯޓް ކުރާ މީހުންވެސް ގިނަވާނެ، މައްސަލަތަކުގެ ތެރެއިންވެސް ގިނައިން ހުށަހެޅިފައި ހުރީ އަތޮޅުން ބޭރުފަރާތްތަކުގެ މައްސަލަތައް، އެހެންކަމުން މިއަހަރު އެންމެ ބޮޑު އިސްކަމެއްދޭނީ އަތޮޅުން ބޭރުގައި ހިމާޔަތްކޮށްފައިވާ ތަންތަނާބެހޭ މައުލޫމާތުދީ އެމީހުން މިކަމަށް ހޭލުންތެރި ކުރުވަން". ބަޔޯސްފިއަރ ރިޒާވް އޮފީހުގެ އައުޓް ރީޗް އޮފިސަރ ޝާފީ ޢަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު ހިމާޔަތް ކޮށްފައިވާ ތަންތަނާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާ ޚިލާފުވެފައިވަނީ އެކަމާ ގުޅޭ މައުލޫމާތު ނޭންގޭތީކަމަށެވެ. ނަމަވެސް ބ. އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ވޭތުވެދިޔަ 6 އަހަރު ތެރޭގައި ހިންގި ޕްރޮގްރާމްތަކުގެ ނަތީޖާ އެ އަތޮޅުން ފެންނަމުންދާކަމަށް އެ އޮފީހުން ބުނެއެވެ.