ޚަބަރު

ޔުނައިޓެޑް ބަލިކޮށް އާސެނަލް އަށް ރަގަޅު ފެށުމެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮށްފި އެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗަށް އެ އެ ޓީމުން ނިކުތްއިރު ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ވަނީ މި ސީޒަނަށް ގިނަ ހޭދަތަކެއްކޮށް ކުޅުންތެރިންތަކެއް ހޯދާފަ އެވެ. ނަމަވެސް މި މެޗުގައި އެ ކުޅުންތެރިންގެ ފަރާތުން މާ އެދެވޭ ކުޅުމެއް ވަނީ ފެންނަ ގޮތް ނުވެފަ އެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް ގޯލު ކީޕަރުންގެ މައްސަލަ ކުރިމަތިވެފައިވާއިރު މި މެޗުގައިވެސް ރަގަޅު ކީޕަރެއް އެ ޓީމުގައި ނެތްތަން ވަނީ ފެނިގެންގޮސްފަ އެވެ. މިދިޔަ ސީޒަނުގައި ލިބުނު އަނިޔާގެ ސަބަބުން ފުރަތަމަ ކީޕަރު އެންޑްރޭ އޮނާނާ ޕްރީ ސީޒަނުގެ އެއްވެސް މެޗެއްގައި ކުޅެފައިނުވާއިރު އަމޮރިމް މި މެޗުގައި ބޭނުން ކޮށްފައިވަނީ ތުރުކީގެ ކީޕަރު އަލްޓޭ ބައިންދިރު އެވެ.

މި މެޗުގައި އާސެނަލް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 13 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރިކާޑޯ ކަލަފިއޯރީ އެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ކޯނަރެއް ޑެކްލަން ރައިސް ނަގައިދިން ވަގުތު ކީޕަރު އަތުގައި ޖެހިފައި ނިކުތްއިރު ކަލަފިއޯރީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

މެންޗެސްޓަރ ޔުނައިޓެޑް އިން މެޗު ޑޮމިނޭޓް ކޮށްގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ވަނީ އާސެނަލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.