ޚަބަރު

ވެހިކަލްތައް ހަލާކުވެގެން ތިނަދޫ މަގުތައް މަރާމާތު ނުކުރެވިފައި


ގދ. ތިނަދޫގެ ތާރު އެޅި މަގުތައް ހަލާކުވެ، ވެލި މަގުތައް އަޑިގުޑަންވުމުގެ ސަބަބުން ތިނަދޫގައި އެއްގަމު ދަތުރުފަތުރުކުރުމަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަމަށް ތިނަދޫ ކައުންސިލުން ބުނެފިއެވެ. ތިނަދޫ ކައުންސިލުން ބުނީ މި މައްސަލަތައް ހައްލުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ.

އާބާދީގައި 13000 އެއްހާ މީހުން ދިރިއުޅޭ ގދ. ތިނަދޫގެ ވެލި މަގުތަކާއި ތާރު އެޅި މަގުތައް މަރާމާތަށް ބޭނުންވެފައިވާއިރު، ވެލި މަގުތަކުގައި ވަޅުގަނޑު ހެދި، ފެން ބޮޑުވެ ޗަކަ ހެދުމުގެ މައްސަލަ ވަނީ މިހާރު ބޮޑުވެފައެވެ. އަދި ތާރު އެޅި މަގުތަކުގެ ކާނުތަކުގައި ފެން ނުހިނދި، އެތަނުގައި މަދިރި އާލާވެ އެތަންތައް ސާފު ނުކުރެވި ހުރުމުގެ ސަބަބުން ރަށުތެރޭގައި އެކަމުގެ ކަންބޮޑުވުންވެސް ވަނީ ބޮޑުވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލުގެ ރައީސް އިބްރާހިމް އައްސަދު ވިދާޅުވީ، މަގުތަކަށް ބޭނުންވާ މަރާމާތު ކުރުމަށްޓަކައި އެރަށުގައި ހުންނަ ޕަބްލިކް ވޯކްސްގެ އެހީތެރިކަމަށް އެތައް ފަހަރެއްގެ މަތިން އެދިފައިވާނެ ކަމަށެވެ. ނަމަވެސް މަސައްކަތަށް ބޭނުންވާ މެޝިނަރީސްއާއި، ވެހިކަލްތައް އެތަނުގައި ނެތުމުގެ ސަބަބުން އެމަސައްކަތް ކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕަބްލިކް ވޯރކްސްގެ ވެހިކަލްތަކަށް ބަލާއިރުގަ މިވަގުތު ބޭނުންކުރެވެން އިނީ ލޯޑަރެއް އެކަނި. ދެން އިނީ ބަރެއް. ދެން ހުރި ތަކެތި ވަނީ މަރާމާތަށް ބޭނުންވެފަ. ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އަހަރަކާ ގާތް މިކުރަނީ އެކްސްކެވޭޓަރެއް އެބައޮތް ކުނި ގޮނޑު ސަރަހައްދުގަ އެއްލާލާފަ. މި ނޫންވެސް އެތަނުގައި ހުރި ގިނަ ވެހިކަލްތައް ހުރީ ބޭނުން ނުކުރެވޭ ހާލަތުގަ" އައްސަދު ވިދާޅުވިއެވެ.

މިމައްސަލަތައް ހައްލުކުރެވޭނީ ތިނަދޫ ޕަބްލިކް ވޯރކްސްގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެތަނުގައި ހުރި އިކްއިޕްމަންޓްތައް މަރާމާތުކޮށްގެންކަމަށް ތިނަދޫ ކައުންސިލުން ބުނެއެވެ.

މިކަމާ ގުޅިގެން ގދ. ތިނަދޫ ޕަބްލިކް ވޯކްސް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަހުމަދު މުރުތަޟާ ވިދާޅުވީ ހަލާކުވެފައިވާ ވެހިކަލްތަކަށް ބޭނުންވާ ސްޕެއަރތައް މިހާރު ލިބިފައި ވާކަމަށާއި، އުންމީދަކީ އެ ވެހިކަލްތައް މަރާމާތުކޮށް ވީ އެންމެ އަވަހަކަށް މަސައްކަތް ކުރަންފެށުންކަމަށެވެ. ތިނަދޫ ޕަބްލިކް ވޯރކްސްގައި ބޭނުންކުރެވޭ ޙާލަތުގައިހުރީ ތިން ޓަނުގެ ލޮރީއަކާއި ފޯކް ލިފްޓަކާއި، ބަރެއްގެ އިތުރުން ލޯޑަރެކެވެ. ތިނަދޫ ތާރު އެޅި މަގުތަކަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އެ މަގުތަކުގެ މަރާމާތުގެ މަސައްކަތްތަކަކީ ޕަބްލިކް ވޯކްސް އިން ކުރަންޖެހޭ ކަންތައްތަކެއް ނޫން ކަމަށެވެ.

"އަސްލު ހަގީގަތުގަ ތާރު މަގުތަކަކީ އެއީ ލަންކާގެ ސިއެރާ ކުންފުނިން މިކޮޅުގަ ކުރަމުން ދިޔަ މަސައްކަތެއް. އެ ކުންފުނީގެ ސައިޓެއް މިހާރުވެސް މިތަނުގެ އެބަހުރި. އެކަމަކު ސައިޓު އެކަނި ހުރީ. އެއްވެސް މެޝިނަރީއެއް ނެތް. ތާރު އެޅުމުގެ މަސައްކަތް ނިންމާފަ އަދި މެއިންޓެއިން ކުރުމާއެކީގަ އެފަދަ މަސައްކަތްތަކެއް ހުރީމަ އެމީހުން މިތަނުގެ ތިބެން ޖެހޭހެން އަޅުގަނޑަށް ހީވަނީ. އެހެން ނަމަވެސް އެކަހަލަ އެއްވެސް ކަމެއް އެމީހުންގެ ފަރާތުން ފެނިގެނެއް ނުއެއް ދޭ. އަދި އަޅުގަނޑުމެންނާ ނެތް އަދި ރަސްމީ ސިފައެއްގަ ތާރު މަގުތައް ބެލެހެއްޓުމުގެ އެއްވެސް މަސައްކަތެއް ހަވާލުކޮށްފަ. އަދި ތާރުތައް ހަލާކުވުމުގެ ސަބަބުން މަގުތަކަށް ދެވޭނެ އެއްވެސް ފަރުވާއެއް ދޭނެ އެއްވެސް މެޝިނަރީއެއް މިތަނުގަ ނުއެއް ނެތް" މުރުތަލާ ވިދާޅުވިއެވެ.

ރާއްޖޭގެ ނިސްބަތުން ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ތިނަދޫގެ މަގުތައް ހަލާކުވެ އަޑިގުޑަންވުމުގެ ސަބަބުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭކަމަށް ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ތިނަދޫ ރައްޔިތުން ބުނެޏެވެ.