ލައިފް ސްޓައިލް

އީ ސިނގިރޭޓެއްގެ ސަބަބުން ފްލައިޓެއް ނުރައްކަލަށް!


އެއަރ ޗައިނާގެ ފްލައިޓެއްގެ ޕައިލެޓުންތަކެއް ކޮކްޕިޓުގައި އީ–ސިނގިރޭޓެއް ބޭނުންކުރުމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެއްޖެއެވެ.
މިދިޔަ ހަފްތާގައި ހޮންގކޮންގުން ޗައިނާގެ ޑަލިއަންއަށް ދަތުރުކުރި ފްލައިޓެއްގައި މިހާދިސާ ހިނގީ ބޯޓުގެ ޕައިލެޓުން އީ-ސިނގިރޭޓް ބޯންވެގެން ކޮކްޕިޓުގައި ހުރި ފަންކާއެއް ނިއްވާލަން އުޅުމުގެ ތެރޭގައި އޮޅިގެން ފްލައިޓްގެ އެއަރ ކޮންޑިޝަން ޔުނިޓް ނިއްވާލުމާ ގުޅިގެނެވެ.
އެއަރ ކޮންޑިޝަން ޔުނިޓް ނިއްވާލުމާއެކު ބޯޓުގެ ކެބިން ޕްރެޝަރ ދަށަށް ގޮސް، މަތިންދާބޯޓު 6500 މީޓަރަށް ކުއްލިއަކަށް ތިރިކުރަންޖެހުނެވެ. މަތިންދާބޯޓެއް ވައިގެ ތެރޭގައި އޮއްވާ ކެބިން ޕްރެޝަރ ދަށަށް ދާނަމަ ފަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތަށް ވަގުތުން މަތިންދާބޯޓުގެ އެލިޓިޓިއުޑް ދަށްކުރަން ޕައިލެޓަށް މަޖުބޫރުވެއެވެ. އެއާއެކު ފްލައިޓުގައި އިމަރޖެންސީ ހާލަތު އިޢުލާންކޮށް، އޮކްސިޖަން މާސްކުތައް ތައްޔާރީ ހާލަތަށްއައެވެ.

ފްލައިޓަށް ނުރައްކާތެރި ހާދިސާއެއް ކުރިމަތިނުވެ ސަލާމަތްވީ، ނިއްވާލާފައިވާ އެއަރ ކޮންޑިޝަން ޔުނިޓް އަލުން ޖެއްސުމުންނެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާއިރު، މަތިންދާބޯޓުގެ ދަތުރުވެސް ޝެޑިއުލާ އެއްގޮތަށް ދިޔައެވެ. ނަމަވެސް މިިކަމުގައި ޝާމިލުވާ ޕައިލެޓުންނަށް ޗައިނާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ހަރުކަށި އަދަބު ދީފައެވެ. އެގޮތުން އެކަން ކުރި ދެ ޕައިލެޓުންގެ ލައިސަންސް ވަނީ ބާތިލުކޮށްފައެވެ. އަދި އެއަރ ޗައިނާ އެއަރލައިން ވަނީ ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން 3 މަސްދުވަހުގެ ސޭފްޓީ ރެވިއުއެއް ހަދަންވެސް ވަނީ އެއަރލައިނަށް އަންގާފައެވެ.