ލައިފް ސްޓައިލް

ދުނިޔޭގެ އެއްވަނަ ރެސްޓޯރެންޓު : އޮސްޓެރިއާ ފްރެންޗަސްކާނާ


ދުނިޔޭގެ އެންމެ މަޤުބޫލު 50 ރެސްޓޯރެންޓުގެ އެވޯޑު އިޓަލީ ވިލާތުގެ އޮސްޓެރިއާ ފްރެންޗަސްކާނާ ވަނީ ކާމިޔާބުކޮށްފައެވެ.
ވިލިއަމް ރީޑް ބިޒްނަސް މީޑިއާއިން ދޭ ދުނިޔޭގެ އެންމެ މަޤުބޫލު 50 ރެސްޓޯރެންޓުގެ ހޮވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ސްޕެއިންގެ ބިލްބާއޯގައެވެ.
މިއަހަރުގެ މިއެވޯޑުގެ އެއްވަނަ "އޮސްޓެރިއާ ފްރެންޗަސްކާނާ" ކާމިޔާބުކޮށްފައިވާއިރު، މިއީ މިއެވޯޑު މިރެސްޓޯރެންޓުން ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އޮސްޓެރިއާ ފްރެންޗަސްކާނާ ރެސްޓޯރެޓު ހުންނަނީ އިޓަލީގެ އުތުރުގެ، ކެއުން ބުއިމުގެ ކަންކަމަށް ނަންމަޝްހޫރު، ސަރަހައްދެއްކަމަށްވާ މޯދެނަގައެވެ. މިރެސްޓޯރަންޓަކީ މިޝެލިން ސްޓާރ ލިބިފައިވާ ރެސްޓޯރެންޓެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ މަޤޫބޫލު ރެސްޓޯރެންޓުތައް ހޮވުމަށް ބާއްވާ އެވޯޑުގެ އެންމެ ޝަރަފްވެރި ވަނަ އޮސްޓެރިއާ ފްރެންޗަސްކާނާ ހޯދާފައިވަނީ އެތަނަކީ އިޓަލީގެ އެންމެ އިހު ޒަމާނުގެ ކެއްކުމުގެ ރަހަތައް މިޒަމާނަށް ފައްތައިގެން ވަރަށް ތަފާތުކޮން ކަސްޓަމަރުންނަށް އިންސާފުކުރުމުގެ ފުރުސަތު ދޭ ތަނެއްކަމުންކަމަށް އެވޯޑު އިންތިޒާމްކުރި ފަރާތުން ބުނިއެވެ.
މިރެސްޓޯރެންޓަކީ 1995 ވަނަ އަހަރު މަސިމޯ ބޮއްޓޫރާ ހުޅުވި ރެސްޓޯރެންޓެކެވެ. ދެވަނަ ފަހަރަށް އެވޯޑު ލިބުމާ ގުޅިގެން އޭނާ ބުނީ މިއީ ވަރަށް ބޮޑު ފަހުރެއްކަމަށާއި، މިއީ މުޅި ރެސްޓޯރެންޓުގެ ހުރިހާ ފަރާތެއްގެ ބުރަ މަސައްކަތުގެ ފޮނިމީރުކަންކަމަށެވެ.
ވިލިއަމް ރީޑް ބިޒްނަސް މީޑިއާއިން ދޭ ދުނިޔޭގެ އެންމެ މަޤުބޫލު 50 ރެސްޓޯރެންޓުގެ އެވޯޑުގައި ވަނަ ލިބޭ ފަރާތްތަށް ހޮވަނީ 1000 ޝެފުންނާ، ފުޑް ކްރިޓީކްސް އަދި އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ އެހީގައެވެ.
މިއެވޯޑުގެ ދެވަނަ ލިބިފައިވަނީ ކެތަލޯނިއާގެ އެލް ސެޔޭ ދި ކާން ރޯކާއަށެވެ. އަދި ތިންވަނަ ލިބިފައިވަނީ ފްރެންޗް ރިވޭރިއާގައި ހުންނަ މިޤާޒޫއަށެވެ.