ޚަބަރު

ފިޔާ ލިބުމުގެ ދަތިކަން ޙައްލުކުރުމަށް އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް ގެންނަނީ


  • ރާއްޖެއަށް ފިޔާ ލިބުން ދަތިވެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން

  • ފިޔާ ރާއްޖެ ގެންނަނީ އަމިއްލަ ކުންފުނިތަކުން

ފިޔާ ލިބުމުގެ ދަތިކަން ޙައްލުކުރުމަށް އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.

ފިޔާ އަންމުކޮށް ގެންނަނީ މުދާ އިމްޕޯޓްކުރާ އަމިއްލަ ވިޔަފާރިތަކުން ކަމަށްވާއިރު އެސްޓީއޯއިން ދާއިމީކޮށް ފިޔާ ނުގެނެއެވެ. ނަމަވެސް އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ލިބުމުގައި ދަތިވާ ޙާލަތްތަކުގައި އެސްޓީއޯއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެސްޓީއޯއި ވިދާޅުވީ ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިވެފައިވަނީ މިދުވަސްވަރު މޫސުން ގޯސްކޮށް އުޅޭތީކަމަށެވެ. އެހެންކަމުން ފިޔާ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ކުރަމުންދަކަމަށާއި، ފިޔާ ޝިޕްމަންޓް ގެންނަން މަސައްކަތްކުރަމުންދަނީ އިންޑިއާއިންކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެއްވައެވެ.

ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުން ދަތިވެފައިވަނީ، ފިޔާ ރާއްޖެއަށް އެތެރެކުރުމުގައި ދިމާވެފައިވާ ދަތިކަމެއްގެ ސަބަބުންނެވެ.

މިކަމުގައި މަޢުލޫމާތު ޙިއްސާކުރައްވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ވިދާޅުވީ، ފިޔާފަދަ ޕެރިޝަބަލް މުދާ ހިފައިގެންގެން ރާއްޖެ އައިސްފައިވާ 4 އުޅަނދެއް މިހާރުވެސް ބަނދަރުގައި އެބައޮތްކަމަށެވެ. މީގެތެރޭގައި ގިނަ އަދަދަކަށް ފިޔާވެސް ހިމެނޭކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. ނަމަވެސް ބޯޓުތަކުން މުދާ ހުސްކުރުން ލަސްވަމުންދަނީ، މޫސުން ގޯސްކޮށް އުޅޭތީކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

އެމްޕީއެލްއިން ވިދާޅުވީ މޫސުން ގޯސް ދުވަސްވަރު ޕެރިޝަބަލް މުދާ ހިފައިގެން އަންނަ ބޯޓުތަކުން މުދާ ކްލިއަރކުރުމުގައި އަބަދުވެސް ދަތިތައް ކުރިމަތިވާކަމަށެވެ. ނަމަވެސް އެ ކުންފުނިން މަސައްކަތްތަކުރަނީ ވީހާވެސް އަވަހަށް އެ މުދާ ބޯޓުތަކުން ބާލާ، ވިޔަފާރިތަކަށް ކްލިއަރ ކޮށްދިނުމަށްކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

އެސްޓީއޯއިން ވިދާޅުވީ ބަނދަރުގައި އޮތް ބޯޓުތަކުގެ ޝިޕްމަންޓްތައް މާކެޓަށް ލިބުމުން، ފިޔާ ލިބުމުގައި ދިމާވެފައިވާ ދަތިކަމަށް ކޮންމެވެސްވަރެއްގެ ޙައްލެއް ލިބޭނެކަމަށެވެ. އަދި އެސްޓީއޯއިންވެސް މަސައްކަތްކުރަމުންދަނީ ވިހާވެސް އަވަހަށް ފިޔާ ޝިޕްމަންޓް ރާއްޖެ ގެނެސް، ފިޔާ ލިބުމުގައި ދިމާވެފައިވާ ދަތިކަން ޙައްލުކޮށްދިނުމަށްކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ފިޔާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު މިދުވަސްވަރަކީ ރާއްޖެއަށް ފިޔާ އެންމެ ގިނައިން އެތެރެކުރާ އިންޑިއާއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ.