ޚަބަރު

ބެއިޖިންގަށް ބޯކޮށް ވާރޭވެހި 30 މީހުން މަރުވެ، އެތައް ހާސް ބަޔެއްގެ ގެދޮރު ގެއްލިއްޖެ


ޗައިނާގެ ވެރިރަށް ބެއިޖިންގްއަށް ކުއްލި ގޮތަކަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން ކުރިމަތިވި ނުރައްކާތެރި ހާދިސާތަކެއްގައި 30 މީހުން މަރުވެއްޖެއެވެ. ޗައިނާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، އެންމެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަހަރެއްހާ ދުވަހު ވެހޭ މިންވަރަށް ވާރޭވެހުމާ ގުޅިގެން ބެއިޖިންގްގެ ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. އަދި، ފެންބޮޑުވުމާ ގުޅިގެން 80,000އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމުގައެވެ.

ޗައިނާގެ ކަމާ ގުޅޭ އިދާރާތަކުން ބުނީ ފެންބޮޑުވުމާ ގުޅިގެން ގިނަ އަދަދެއްގެ މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައެވެ. އަދި، ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާއިރު، 130އަށް ވުރެ ގިނަ އަވަށުން މުއާޞަލާތީ ޚިދުމަތްތައް ކެނޑިފައިވާ ކަމުގައެވެ. ބެއިޖިންގްގެ ސަރަޙައްދުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުން އެތަކެއް ސަތޭކަ ވައިގެ އުދުހުންތަކެއް ވެސް މެދުކަނޑައިލަން މަޖުބޫރުވިއެވެ. އަދި، ރޭލު ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ވެސް ބޮޑެތި ބުރޫތަކެއް އެރިއެވެ.

ޗައިނާގެ މީޑިޔާތަކުން ބުނީ، ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ޗައިނާގެ ބޮޑު ފާރު ކައިރީގައި އޮތް ފަރުބަދަމަތީ ސަރަޙައްދުތަކަށް ކަމުގައެވެ. ފެންބޮޑުވުމާ ގުޅިގެން ކުރިމަތިވި އެކި ހާދިސާތަކުގައި މީޔަން އަވަށުން 28 މީހުން މަރުވިއެވެ. އަދި، ޔަންޗިންގުން އިތުރު ދެ މީހުން މަރުވި ކަމުގައި ޗައިނާގެ ނޫސް އޭޖެންސީ، ޝިންހުއާން ރިޕޯޓު ކުރިއެވެ. ނަމަވެސް، އެ މީހުން މަރުވާން މެދުވެރިވި ސަބަބު ޗައިނާގެ އެއްވެސް ރަސްމީ އިދާރާތަކުން ސާފު ކޮށްދީފައެއް ނެތެވެ.

ޗައިނާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ޖުލައި 23ވަނަ ދުވަހު މީޔަންއަށް 573.5 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމުގައެވެ. އަދި، ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައެވެ. ޗައިނާގެ ކަމާ ގުޅޭ އިދާރާތަކުން ބުނީ، ޢާންމު ގޮތެއްގައި ބެއިޖިންގްއަށް އަހަރެއްގެ މައްޗަށް ވެސް ވެހެނީ 600 މިލިމީޓަރުގެ ވާރޭ ކަމުގައެވެ.

ބެއިޖިންގްގެ އިތުރުން ޗައިނާގެ ހަރބެއި ޕުރޮވިންސަށް ވެސް ދަނީ މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހެމުންނެވެ. އެ ޕުރޮވިންސުގެ ޝިންގްތާއިއަށް ދެ ދުވަހުގެ ތެރޭގައި 1,000 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމުގައި ޗައިނާގެ އިދާރާތަކުން ހާމަކުރިއެވެ. މޫސުން ގޯސްވެ، ބިންގަނޑު ކަނޑައިގެން ދިޔުމާ ގުޅިގެން ހަރބެއިން ވަނީ އަށް މީހުން މަރުވެފައެވެ.