ޚަބަރު

މަތިވެރީގެ ތަރައްޤީއަށް އިންޤިލާބީ ބަދަލެއް


  • ފަތުރުވެރިކަމާއި އިޤުތިޞާދު ކުރިއަރުވަން ދަނީ މަސައްކަތްތަކެއް ކުރަމުން

  • އިޖުތިމާއީ ފޭރާން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދޭ

އަރިއަތޮޅު އުތުރުބުރީ މަތިވެރިއަކީ ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ތަރައްޤީގެ އައު އުސްމިންތަކަކަށް ވާސިލުވަމުން އަންނަ ހިތްގައިމު ރަށެކެވެ. ރަށުގެ ކައުންސިލާއި، ސަރުކާރުން ގުޅިގެން ރައްޔިތުންނަށް ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކަކީ، ފާހަގަކޮށްލަންޖެހޭ ފަދަ ނަމޫނާ މަސައްކަތްތަކެކެވެ. ޚާއްޞަކޮށް ރަށުގެ އިޖުތިމާޢީ ފޭރާން ރަނގަޅު ކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމާއި އަދި އަސާސީ ޚިދުމަތްތައް ތަރައްޤީ ކުރުމަށް ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ ކުދި އަދި ބޮޑެތި މަޝްރޫޢުތަކުން ރަށުގެ މަންޒަރު މުޅިން ބަދަލުކޮށްލާފައިވެއެވެ.

އެރަށުގައި އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢަކީ، 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް ބިނާކުރުމުގެ މަޝްރޫޢެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކޭ އެންޑް އެފް ހޯލްޑިންގްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ، މިހާރު ރަށުގައި ހުރި މިސްކިތްތަކުގެ ޖާގަ ނެތުމުގެ ދަތިކަމަށް ލިބިގެންދާނެ ދާއިމީ ހައްލެކެވެ.

މިމިސްކިތް ތަރައްޤީކުރަމުންދަނީ، ތިމާވެއްޓާ ރައްޓެހިގޮތަށް އަވިން ހަކަތަ އުފައްދާ ނިޒާމަކާއެކު އޭސީކޮށް، އަންހެނުންނަށް ނަމާދުކުރެވޭނެ ޚާއްޞަ ބަޔަކާއި، ލައިބްރަރީއަކާއި، ކުލާސްރޫމެއް ހިމެނޭ ގޮތަށެވެ. މި ޒަމާނީ މިސްކިތުގެ މަސައްކަތާ ގުޅޭގޮތުން މަތިވެރި ކައުންސިލުގެ ރައީސް އިސްމާއިލް އާތިފް ވިދާޅުވީ، އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މި މިސްކިތުގެ މަސައްކަތް އެއްކޮށްނިންމާ އާއްމުންނަށް ހުޅުވާލެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އެއްޖަމާއަތެއްގައި ނަމާދުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"ހަޤީޤަތުގައިވެސް މިހާރު ބޭނުންކުރާ ދެންހުރި މިސްކިތްތަކުގައި ޖާގައެއް ނެތް. ބޭރުގައި ކޮންމެ ދުވަހަކުވެސް މިތިބެނީ، ހުކުރަށް އަދި އެއްކޮށް ފުރިގެން ދާނީ. ދެން ޒަމާނީ މިސްކިތެއް އެބަ ބޭނުންވޭ. ވަރަށް ކުރީގައި މީގެ 50 ވަރަކަށް އަހަރު ކުރީގެ މިސްކިތެއް އަދި އެއަށްވުރެސް ކުރިން އަޅާފައިހުރި މިސްކިތެއް ބޭނުންކުރަމުން މިއަންނަނީ. އެހެންވީމާ ވަރަށް ބަލާލަން ރީތި، ހިތްގައިމު މަންޒަރަކަށް ވާނެ މިސްކިތް ނިމޭއިރުގައި." އިސްމާއިލް އާތިފް ވިދާޅުވިއެވެ.

ރަށުގެ ތައުލީމީ މުސްތަޤުބަލަށްޓަކައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫޢަކީ، މަތިވެރި ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފަށާފައިވާ 12 ކްލާސްރޫމުގެ އައު އިމާރާތުގެ މަޝްރޫޢެވެ. ވޭތުވެދިޔަ 6 އަހަރު ދެ ދަންފަޅިއަށް ކިޔެވުން ބަދަލުކުރަން ޖެހުމުގެ ސަބަބުން ދަރިވަރުންނަށާއި، ޓީޗަރުންނަށް އަދި ބެލެނިވެރިންނަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ގުޅޭގޮތުން ސްކޫލުގެ ޕްރިންސިޕަލް ހަސަން ހަމީދު އިބްރާހީމް ފާހަގަކުރެއްވި ގޮތުގައި، ހެނދުނު 6:00 އިން ރޭގަނޑު 6:00 އާ ހަމައަށް ދެ ދަންފަޅިއަށް ކިޔަވައިދިނުން ކުރިއަށް ގެންދަން ޖެހުމުގެ ސަބަބުން އިތުރު ހަރަކާތްތަކާއި ކުޅިވަރުގެ ކަންކަން ރާވަން ބޮޑެތި ދަތިތަކެއް ދިމާވާ ކަމަށެވެ. ނަމަވެސް ސަރުކާރުން އަޅަމުންދާ މި 12 ކްލާސްރޫމުގެ އިމާރާތާއި، އޮކްޓޯބަރު މަހު މަސައްކަތް ފަށާ މަލްޓިޕާޕޯސް ހޯލުގެ މަޝްރޫޢާއެކު އަންނަ އަހަރުގެ ދިރާސީ އަހަރަށް ސްކޫލު އަލުން އެއް ދަންފަޅިއަށް ބަދަލުވެ، ދަރިވަރުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މަތިވެރި ރަށު ކައުންސިލުން އިސްނަގައިގެން މިވަގުތުވެސް ހަތަރުވަރަކަށް މަސައްކަތް އެއްފަހަރާ ކުރިއަށް ގެންދަމުންދާއިރު، ރަށުގެ އިޤުތިސާދީ ފުދުންތެރިކަން އިތުރުކުރުކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކައުންސިލުން ހިންގާ އެންމެ މުހިންމު އެއް މަޝްރޫޢަކީ ބިންތައް ދޫކޮށްގެން ގެސްޓްހައުސް ތަރައްޤީ ކުރުމެވެ. މިހާރުވެސް ދެ ބިމެއްގެ އެގްރީމެންޓުގައި ސޮއިކޮށްފައިވާއިރު، ރަށުގެ ތަރައްޤީގެ އެންމެ ބޮޑު އެއް ހިއްސާކަމަށްވާ 'ކާޒާމިޔާ' ބިން ވަރަށް އަވަހަށް އިއުލާން ކުރެވޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ. ކައުންސިލުން ދެކޭ ގޮތުގައި ކާޒާމިޔާގެ އާމްދަނީ ލިބެން ފެށުމުން ރަށުގެ އިޖުތިމާޢީ އަދި ތިމާވެށީގެ ކަންކަން ތަރައްޤީ ކުރުމަށް އިތުރު ބައެއްގެ އެހީތެރިކަން ހޯދަން ނުޖެހި، ރަށުގެ އަމިއްލަ އާމްދަނީއިން ރަށުގެ ތަރައްޤީގެ މަސައްކަތްތައް ކުރެވޭނެއެވެ.

"ކާޒާމިޔާ އިއުލާންކުރުމުން އެއީ މަތިވެރި ރައްޔިތުންނަށް ލިބިގެންދާ ވަރަށްބޮޑު އުފާވެރި ޚަބަރަކަށް ވެގެންދާނެ. އެއީ މަތިވެރީގެ ތަރައްގީގެ އެންމެ ބޮޑު އެއް ހިއްސާއަކީ ކާޒާމިޔާ ކަމަށް އަޅުގަނޑުމެން މި ގަބޫލުކުރަނީ. އެހެންވީމައި ކާޒާމިޔާގެ އާމްދަނި ލިބެންފެށުމައިއެކު އަޅުގަނޑުމެންނަށް، ހާއްސަކޮށް އިޖުތިމާއީ ކަންކަމާއި ރަށުގެ ވަށައިގެން މިއޮތް މާހައުލު ތަރައްގިކުރާކަށް އަޅުގަނޑުމެން އިތުރު އެހެންބައެއްގެ އެހީތެރިކަމެއް ހޯދާކަށެއް ނުޖެހޭނެ." އިސްމާއިލް އާތިފް ވިދާޅުވިއެވެ.

މީގެއިތުރުން މަތިވެރި ފިނޮޅު ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު މިހާރު ކުރިއަށްދާއިރު، ބާބަކިޔު ހަޓަކާއި ފާހަނަ ބުލޮކްތައް ހެދުންވެސް ކައުންސިލުން ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. މި މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހަށް ނިމުމުން، މަތިވެރި ފިނޮޅު ވެގެންދާނީ ރާއްޖޭގައި އޮތް އެންމެ ހިތްގައިމު އަދި ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި އެންމެ މަޤުބޫލު އެއް މަންޒިލަށް ކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި ރަށުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަޅުތެރޭގައި ސޭފްޓީ ބޮއިތަކާއި، ރިންގުތައް އެޅުމުގެ މަސައްކަތްތައްވެސް މިހާރުވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މަތިވެރި ފިނޮޅާއި މަތިވެރިއާ ދެމެދު ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކުރުމަށް ގިނަ މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭ ފެންވަރުގެ ބޮޑު ޑިންގީއެއް ހެދުމުގެ މަސައްކަތްވެސް އެރަށު ކައުންސިލުން އަންނަނީ ކުރަމުންނެވެ.

މަތިވެރިއަކީ، ފަތުރުވެރިންގެ މެދުގައި މަޝްހޫރު ޝާކް ޕޮއިންޓެއް އޮންނަ ރަށަކަށް ވުމާއިއެކު، ކައުންސިލުގެ ބަޖެޓުން ޚަރަދު ކޮށްގެން ގިނަ ބަޔަކަށް އެތަން ބެލޭނެ ގޮތަށް މި ޝާކް ޕޮއިންޓް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި އެރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ދޭ ޚިދުމަތް ރަނގަޅު ކުރުމަށް ޓޫރިޒަމް ޒޯނުގައި ދެ ފާހަނައާއި، ޗޭންޖިން ރޫމެއްގެ އިތުރުން ފެންވެރޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، މި މަސައްކަތް މި މަސް ނިމުމާ ހަމައަށް ނިންމާލެވޭނެކަމަށް ކައުންސިލުން އުއްމީދު ކުރެއެވެ.

ރަށުގެ އިޖުތިމާއީ ފޭރާން ރަނގަޅު ކުރުމަށްވެސް ކައުންސިލުން ދަނީ، މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. ފަތުރުވެރިން އުޅޭ މިންގަނޑު ރަނގަޅު ކުރުމަށްޓަކައި ރަށުގެ އެކި ސަރަޙައްދުތަކުގައި ޚާއްޞަ ބޯޑުތައް ހަރުކުރަމުންދާއިރު، މިހާރު ރަށު ތެރޭގައި ފަތުރުވެރިންގެ އުޅޭގޮތް ބަދަލުވެ، އެކަށީގެންވާ ރަނގަޅު ހެދުމެއްގައި އުޅޭ މަންޒަރު ފެނުމަކީ ލިބޭ އުފަލެއްކަމަށް ކައުންސިލުން ފާހަގަކުރައްވައެވެ.

"އުފާކުރަންޖެހޭ ކަމަކީ މިކުރެވޭ މަސައްކަތުގެ ނަތީޖާގައި ފަތުރުވެރިން އުޅޭގޮތަށްވެސް މިހާރު ވަރަށް ބޮޑަށް ބަދަލުވެއްޖެކަން. ރަށުތެރެއިން ނުފެންނާނެ މިހާރު ގޯސްކޮށް ފަތުރުވެރިޔަކު ހިނގާ ތަނެއް. ހަމަ އެކަށީގެންވާ ރަނގަޅު ހެދުމެއް ލެވިގެން ހުންނާނީ" އިސްމާއިލް އާތިފް ވިދާޅުވިއެވެ.

މީގެއިތުރުން ރަށުގެ އިޖުތިމާޢީ ރައްކާތެރިކަމަށްވެސް ގިނަ ކަންތައްތަކެއް ރަށުގެ ކައުންސިލުން ވަނީ ކޮށްފައެވެ. ރަށުގެ ހިމަ މަގުތަކުގެ ދެފަރާތުގައި ސައިކަލު ޕާކުކުރުމުގެ ސަބަބުން ދިމާވާ ދަތިތައް ޙައްލުކުރުމަށް ކޮންމެ މަގެއްގެވެސް އެއްފަރާތުގައި ޕާކުކުރާ ގޮތަށް ޕާކިން ބޯޑުތައް ހަރުކުރުމާއި، ސްޕީޑް ކޮންޓްރޯލް ކުރުމަށް 20 ކިލޯ މީޓަރަށްވުރެ ބާރަށް ނުދުއްވޭގޮތަށް ބޯޑު ޖެހުމާއި އަދި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ބޯޑުތައް ހަރުކުރުމުގެ މަސައްކަތްވެސް ކައުންސިލުން ދަނީ ކުރަމުންނެވެ.

ސަރުކާރާއި ގުޅިގެން ގްރީން ހައުސްއެއް ހެދުމުގެ މަސައްކަތް ކުރުމަށްވެސް މިހާރު ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން ކައުންސިލުން އަލަށް ފަށާ ލައިސަންސް ޓްރެކެއް އެޅުމުގެ މަސައްކަތާއި، ނެޓްބޯޅަ ކޯޓުގެ މަސައްކަތްވެސް އޮކްޓޯބަރު މަހުގެ ތެރޭގައި ފަށައި ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ރަށުގެ ތަރައްޤީއަށް ކައުންސިލުން ދޭ އަހައްމިޔަތުކަން ހާމަކޮށްދޭ ކަންކަމެވެ.

ޖުމްލަކޮށް ބަލާއިރު، ސަރުކާރާއި ކައުންސިލް ގުޅިގެން ހިންގަމުންދާ މި ބޮޑެތި އަދި މުހިންމު ތަރައްޤީގެ މަޝްރޫޢުތަކާއެކު މަތިވެރި ވެގެންދާނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެންމެ އުޖާލާ، އެންމެ ފުރިހަމަ އަދި ރައްޔިތުންނަށް ބޭނުންވާ އެންމެހައި ޚިދުމަތްތައް ފުރިހަމަ ގޮތެއްގައި ލިބެންހުރި ނަމޫނާ އެއް ރަށަށެވެ. ތަޢުލީމާއި ދީނީ ކަންކަން ހަރުދަނާ ކުރުމާއި، އިޤުތިޞާދީ ފުދުންތެރިކަން އިތުރު ކުރުމުގެ އިތުރުން އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމަށް ކުރާ މިފަދަ ބުރަ މަސައްކަތްތަކުގެ ސަބަބުން މަތިވެރީގެ ރައްޔިތުންނަށް އުފާވެރި، ފާގަތި އަދި އުއްމީދުން ފުރިގެންވާ ފުރިހަމަ މުސްތަޤުބަލެއް ކަށަވަރު ވެގެންދާނެއެވެ.