ޚަބަރު

ދ.މީދޫ، ބަނޑިދޫ އަދި ށ.ފުނަދޫ އައިސްޕްލާންޓްގެ މަސައްކަތް ބާރަށް ކުރިއަށް


  • ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ މަސައްކަތެއް

  • މިއީ 8 މިލިއަން ރުފިޔާ މަޝްރޫއެއް

ދ.މީދޫ، ދ.ބަނޑިދޫ އަދި ށ.ފުނަދޫގައި ސަރުކާރުން އަޅާ އައިސްޕްލާންޓްތަކުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި 3 ރަށުގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް މިފްކޯއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.

މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. ދ.މީދޫ، ދ.ބަނޑިދޫ އަދި ށ.ފުނަދޫ އަޅާ އައިސްޕްލާންޓްތަކަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ 24 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. އެއްބަސްވުމުގެ ދަށުން ޤާއިމްކުރާ އައިސް ޕްލާންޓެއްގެ އަގަކީ 8 މިލިޔަން ރުފިޔާ ކަމަށާއި މަސައްކަތުގެ މުއްދަތަކީ 8 މަސް ދުވަހެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މީދޫ އައިސްޕްލާންޓްގެ ސިވިލް ވޯކްސް ނިމިފައިވާކަމަށެވެ. އަދި ދެން އޮތީ އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތްކަމަށެވެ. މަހެއްހައި ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވެނޭކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އެ ވުޒާރާއިން ވިދާޅުވީ، ބަނޑިދޫ އަދި ފުނަދޫ އައިސްޕްލާންޓް މިހާރު އެވޯޑްކުރެވިފައިވާކަމަށެވެ. އަދި ސިވިލް ވޯކްސްގެ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެކަމަށެވެ.

ދ.މީދޫ، ދ.ބަނޑިދޫ އަދި ށ.ފުނަދޫގައި މުޅިން އަލަށް ގާއިމްކުރާ އައިސްޕްލާންޓުތަކުގައި 30 ޓަނު އަދި އައިސް ސްޓޯރޭޖްގައި 50 ޓަނު ހުންނާނެއެވެ. މި ތިން ރަށުގައި އައިސްޕްލާންޓް ޤާއިމުކުރަނީ 11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރުމުގެ މަޝްރޫޢުގެ ދަށުންނެވެ.

މި ތިން ރަށުގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު މިއީ މަސް ދޯނިތަކަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަސައްކަތުގެ އިތުރުންވެސް ސަރުކާރުން ދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް، މަސްވެރިންނަށް ބޭނުންވާ އެކި ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.