ޚަބަރު

ރިސޯޓު ހަދަން އިތުރު ރަށްތައް އެމްޓީޑީސީއަށް ދިނުމުގެ ވިސްނުން އެބަހުރި: ވަޒީރު ފައިޞަލް


  • އެމްޓީޑީސީގެ އައު އޮފީސް ޢިމާރާތުގެ ބިންގާ މިއަދު ވަނީ އަޅާފައި

  • މި ޢިމާރާތުގެ މަސައްކަތް އަންނަ އަހަރު ފަހު ކޮޅު ނިމޭނެ

  • މި ޢިމާރާތުގައި ކުއްޔަށްދޭ އޮފީސް ޖާގަތައް ހުންނާނެ

ރިސޯޓު ހަދަން އިތުރު ރަށްތައް މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެމްޓީޑީސީއަށް ދިނުމުގެ ވުސްނުން އެބަހުރިކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެމްޓީޑީސީގެ އައު އޮފީސް ކޮމްޕްލެކްސްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.

2010 ވަނަ އަހަރުން ފެށިގެން އެމްޓީޑީސީ ހިންގަމުން އައިސްފައިވަނީ ގެއްލުމުގައެވެ. އެހެންނަމަވެސް ކުންފުނި ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު އެމްޓީޑީސީއަކީ މިހާރު ފައިދާވާ ކުންފުންޏެކެވެ. އެމްޓީޑީސީގެ އާމްދަނީ މައިގަނޑުގޮތެއްގައި ބިނާވަނީ އަނަންތަރާ ކިހަވަކާއި އަޔާޑާ މަގުއްދޫ ކުއްޔަށް ދީގެން ލިބޭ އާމްދަނީއެވެ. އަދި އެމްޓީޑީސީން ގެންދަނީ އެ ކުންފުންޏަށް ކުއްޔަށް ދީފައިވާ ރަށްތަކުގަިއ ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ކޯޕަރޭޝަންގެ އައު އޮފީސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ފައިދާވާ ކުންފުނިތަކަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެމްޓީޑީސީއަކީ ފައިދާވާ ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާކުރާ ކުންފުންޏެއް ކަމަށެވެ.

އެމްޓީޑީސީއަށް މިހާރުވެސް ސަރުކާރުން ވަނީ 9 ރަށެއް ދެއްވާފައެވެ. ވަޒީރު ވިދާޅުވީ، ރިސޯޓު ހަދަން އިތުރު ރަށްތައް އެ ކުންފުންޏަށް ދިނުމުގެ ވިސްނުން އެބަހުރިކަމަށެވެ.

"އެމްޓީޑީސީން ދަނީ ވަރަށް ހަރުދަނާ އުޞޫލެއްގެ ދަށުން، އެމީހުންނާ ހަވާލުކޮށްފައިވާ ރަށްތައް ތަރައްޤީކުރަމުން. އަދިވެސް އެމްޓީޑީސީ އިތުރަށް ފުޅާކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި، މި ކުންފުންޏަށް އިތުރު ރަށްތައްދޭ ގޮތަށް ވިސްނުން އެބަހުރި." ވަޒީރު ވިދާޅުވިއެވެ.

އެމްޓީޑީސީގެ އޮފީސް ކޮމްޕްލެކްސްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ނިޔާޒް ވިދާޅުވީ، އޮފީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ފަހު ކޮޅު ނިންމާލެވޭނެ ކަމަށެވެ.

މި އޮފީސް ކޮމްޕްލެކްސްގައި ކޮންވެންޝަންތައް ބާއްވާ ހޯލަކާއި މީޓިން ބާއްވާ ލައުންޖްތަކަކާއި ކުއްޔަށް ދޫކުރާ އޮފީސް ޖާގަތައް ހިމެނޭނެކަމަށް ނިޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ފަހިވާނެ މި ޢިމާރާތުގެ ސަބަބުން. އެގޮތުން ލޯނަށްދޭ ގޮތަށް އޮފީސް ޖާގަތައް މި ޢިމާރާތުގައި ހުންނާނެ. އެމްޓީޑީސީގެ އޮފީސް ބައި ހުންނާނީ އެންމެ މަތީ ފަންގިފިލާގައި." ނިޔާޒް ވިދާޅުވިއެވެ.

އެމްޓީޑީސީގެ އޮފީސް ކޮމްޕްލެކްސް އަޅަނީ 11 ފަންގިފިލާއަށެވެ. މި ޢިމާރަތް ފަރުމާކޮށްފައިވަނީ ގެޑޯ ކުންފުނިންނެވެ. އަދި މަސައްކަތްކުރާނީވެސް ގެޑޯ ކުންފުނިންކަމަށް އެމްޓީޑީސީން މަޢުލޫމާތު ދެއެވެ. މި ޢިމާރާތް ހުންނަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކު ކުރިމަތީގައެވެ.