ލޭ ރައްކާކުރުމާއި ލޭ އެޅުމާއި ގުޅޭގޮތުން 2 އުސޫލެއް ތައާރަފްކޮށްފިއެވެ. މިކަމަށްޓަކައި ސިއްހީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އުސޫލުތައް އިފްތިތާޙުކޮށްދެއްވީ، ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ އަބްދުއްސަމަދު އަބްދުﷲއެވެ.
އަލަށް ތައާރަފްކޮށްފައިވާ މިންގަނޑުތަކަކީ، 'ނޭޝަނަލް ސްޓޭންޑަރޑްސް ފޮރ ބްލަޑް ބޭންކްސް އެންޑް ބްލަޑް ޓަރާންސްފިއުޝަން ސަރވިސަސް' އަދި 'ނޭޝަނަލް ގައިޑްލައިން އޮން ބްލަޑް ޑޮނަރ އެސެސްމެންޓެ އެންޑް ސެލެކްޝަން ޕްރޮސީޖަރ' އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ އަބްދުއްސަމަދު އަބްދުﷲ ވިދާޅުވީ، މިއަދު އިފްތިތާޙުކުރި 'ނޭޝަނަލް ސްޓޭންޑަރޑްސް ފޮރ ބްލަޑް ބޭންކްސް އެންޑް ބްލަޑް ޓަރާންސްފިއުޝަން ސަރވިސަސް' އަދި 'ނޭޝަނަލް ގައިޑްލައިން އޮން ބްލަޑް ޑޮނަރ އެސެސްމެންޓެ އެންޑް ސެލެކްޝަން ޕްރޮސީޖަރ'އަކީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު އައު ހަރުފަތަކަށް ގެންގޮސްދޭނެ ވަރަށް ބޭނުންތެރި މިންގަނޑުތަކެއް ކަމަށެވެ.
މި އުސޫލުތައް ތައާރަފްކުރުމަކީ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަދި ޞިއްޙީ ނިޒާމަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ބައެއްކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
"މި އުސޫލުތައް ތައާރަފުކުރުމަކީ ރާއްޖޭގައި ލޭ އެޅުމުގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް. ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަދި ޞިއްޙީ ނިޒާމަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ބައެއް." ސްޓޭޓް މިިނިސްޓަރ ވިދާޅުވިއެވެ.
"ނޭޝަނަލް ސްޓޭންޑަރޑްސް ފޯރ ބްލަޑް ބޭންކްސް އެންޑް ބްލަޑް ޓްރާންސްފިއުޝަން ސަރވިސަސް" އަކީ، ރާއްޖޭގައި ހިންގާ ހުރިހާ ބްލަޑް ބޭންކުތަކަކާއި، ލޭ އެޅުމުގެ ޚިދުމަތް ދޭ އެންމެހައި މަރުކަޒުތަކުގެ ފެންވަރާއި، ރައްކާތެރިކަން އަދި އެއްހަމަކަން ކަށަވަރު ކުރުމަށް އެކުލަވާލި ޤައުމީ އޮނިގަނޑެކެވެ. "ނޭޝަނަލް ގައިޑްލައިން އޮން ބްލަޑް ޑޮނަރ އެސެސްމެންޓް އެންޑް ސެލެކްޝަން ޕްރޮސީޖަރ"ގެ ސަބަބުން ލޭ ހަދިޔާކުރާ ފަރާތްތަކުގެ ޞިއްޙީ ފެންވަރު ބެލުމާއި، ލޭ ލިބިގަންނަ ބަލި މީހާގެ ރައްކާތެރިކަން އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް އުސޫލުތަކެއް ޤާއިމުވެގެންދާނެއެވެ.
ނޭޝަނަލް ބްލަޑް ކައުންސިލުން ވަނީ، މި ލިޔެކިޔުންތައް އެކުލަވާލުމުގައި އެހީތެރިވެދެއްވި ޓެކްނިކަލް ވަރކިންގ ކޮމިޓީތަކާއި، އަދި ޚާއްސަ ގޮތެއްގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ)، އިންޓަރނޭޝަނަލް ސޮސައިޓީ އޮފް ބްލަޑް ޓްރާންސްފިއުޝަން، ދަ ހޮންކޮންގ ރެޑް ކްރޮސް ބްލަޑް ޓްރާންސްފިއުޝަން ސަރވިސް، އަދި ތައިލެންޑުގެ ނޭޝަނަލް ބްލަޑް ސެންޓަރު ފަދަ ތަންތަނުގެ ފަންނީ އެހީތެރިކަން ފާހަގަކޮށް، ޝުކުރު އަދާކޮށްފައެވެ.