މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އަސްކަރީ ތަމްރީނުތަކެއް މާދަމާ ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ޑިފެންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ މާދަމާ ފަތިހު 05:00 އިން ހެނދުނު 09:00 އަށް އެމްއެންޑީއެފްގެ ތަމްރީނުތަކެއް ހުޅުމާލޭގައި ކުރިއަށްގެންދަވާނެކަމަށެވެ. އަދި އެ ތަމްރީނުތަކުގައި ސިފައިން ޙަރަކާތްތެރިވީ ނަމަވެސް އެ ހަރަކާތްތަކުގައި އެއްވެސް ބާވަތެއްގެ ހަތިޔާރެއް ބޭނުން ނުކުރާނެކަމަށެވެ.
އެ ތަމްރީނުތަކުގެ އިތުރު ތަފްސީލު ހާމަކުރައްވާފައެއް ނުވެއެވެ.
ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށާއި ފެންވަރު ރަނގަޅުކުރުމަށް އެކި ކަހަލަ ތަމްރީނު ޕްރޮގްރާމްތައް ހިންގައެވެ. އާއްމު ގޮތެއްގައި އެމްއެންޑީއެފްގެ އަސާސީ ތަމްރީނުތައް ކުރިއަށް ގެންދަވަނީ ޅ. މާފިލާފުށްޓާއި، ކ. ގިރިފުށީގައެވެ. ނަމަވެސް އެ ނޫން ގޮތްގޮތަށް ވެސް ބައެއް ތަމްރީނުތައް ހިންގާކަން ފާހަގަކޮށްލެވެއެވެ.