ދިވެހިރާއްޖެއާއި ޕާކިސްތާނާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރީ 1965 ވަނަ އަހަރު ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމަށް ފަހު ޤައުމުތަކާއިއެކު ޤާއިމްކުރަން ފެށި ގުޅުމުގެ ތެރެއިންނެވެ. އެގޮތުން ރަސްމީ ސިފައެއްގައި މި ގުޅުން ޤާއިމް ކުރެވުނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. ދެ ޤައުމުގެ ސިޔާސީ ގުޅުން މިހާ ހިސާބުން ފެށިގެން އައިއިރު ދެ ޤައުމުގެ ގުޅުން އޮތް އެހެން ސަބަބެއްވެސް އޮތެވެ. އެއީ އިސްލާމީ އަޚުވަންތަކަމުގެ ގުޅުމެވެ.
ޕާކިސްތާނާއި ދިވެހިރާއްޖޭގެ ޚާރިޖީ ގުޅުންތައް އެހާ ހިސާބުން ފެށިގެން އެކި ފަންތީގައި އޮތްކަން އެނގެއެވެ. އޭގެ އެއް ހެއްކަކީ ޕާކިސްތާނުގެ ހަބީބް ބޭންކް 1976 ވަނަ އަހަރު ދިވެހިރާއްޖޭގައި ޤާއިމްވުމެވެ. ދިވެހިރާއްޖޭގެ ހަތަރު ވަނަ ޤާނޫނު އަސާސީ ނުވަތަ ނޫ ޤާނޫނު އަސާސީ އެކުލަވާލުމުގައި ޕާކިސްތާނު ސަރުކާރުން ވަކިލާކު ފޮނުއްވައި އެކަމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާފައިވެެއެވެ. މިކަން ރައީސް މައުމޫން 1981 ވަނަ އަހަރު ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް "ޤާނޫނުއަސާސީގެ ނަމޫނާ" ހުށަހަޅުއްވަމުން ވަނީ ފާހަގަކުރައްވާފައިވެއެވެ.
އޭގެ ފަހުންވެސް ދެ ޤައުމު ދެމެދު ގުޅުންތައް ދެމިގެންގޮސް، ދިވެހި ދައުލަތުގެ ވެރިޔަކު އެންމެ ފުރަތަމަ ފަހަރަށް ޕާކިސްތާނަށް ވަޑައިގެންފައިވަނީ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވެރިކަމުގައެވެ. އެމަނިކުފާނު 1984 ވަނަ އަހަރު ކުރެއްވި ދަތުރުފުޅުގެ ވެގެން ދިޔައީ އިސްލާމީ އަޚްވަންތަ ގާތް ގުޅުމެއްގެ ފެށުން ކަމުގައެވެ. ޕާކިސްތާނުގެ އޭރުގެ ރައީސް ޖެނެރަލް މުޙަންމަދު ޟިޔާއުލްޙައްޤު ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެ ދަތުރުފުޅު ވެގެން ދިޔައީ ދެ ޤައުމުގެ ގުޅުމުގެ ބަދަހިވުމަށް އެޅުނު މުހިންމު ބިންގަލަކަށެވެ.
މިއާއެކުއެކު ޕާކިސްތާނުގެ ރައީސް ޖެނެރަލް މުޙަންމަދު ޟިޔާއުލްޙައްޤު ދިވެހިރާއްޖެއަށް 1985 ވަނަ އަހަރު ވަޑައިގެންނެވިއެވެ. މިއީ ތާރިޚުގެ ތެރެއިން ޕާކިސްތާނުގެ ވެރިޔަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މިދަތުރުފުޅާއެކު ދެ ޤައުމުގެ ބަދަހި ގުޅުން އިތުރު ހަރުފަތަކަށް ޖެހި އެކި ދައިރާތަކުން ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރެވިގެން ދިޔައެވެ.
ދެ ޤައުމުގެ ސިޔާސީ ގުޅުމުގެ ދެން އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚުސިއްޔާތަކަށްވާނީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްއެވެ. އެމަނިކުނުފާނު ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ 1990 ވަނަ އަހަރު 5 ވަނަ ސާކް ސަމިޓަށެވެ. ދެކުނު އޭޝިއާގެ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބާއްވާ ސަމިޓު ދިވެހިރާއްޖޭގައި 3 ފަހަރެއްގެ މަތިން ބޭއްވިގެން ދިޔައިރު އޭގެ ތެރެއިން ދެ ފަހަރު ޕާކިސްތާނު މި ސަމިޓުގައި ތަމްސީލް ކޮށްދެއްވާފައިވަނީ ބޮޑުވަޒީރު ނަވާޒް ޝަރީފްއެވެ. އެއީ 1990 ވަނަ އަހަރާއި 1997 ވަނަ އަހަރުގެ ސާކް ސަމިޓެވެ.
ދިވެހިރާއްޖެއާއި ޕާކިސްތާނާއި ދެމެދު އޮތް ޚާރިޖީ ގުޅުމުގެ އެންމެ ބޮޑު އެއް މިސާލަކަށް ވާނީ، ޕާކިސްތާނުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި މިހާރުވެސް ބޭނުންކުރަމުންދާ ރައްޔިތުން މަޖިލިސް ކުރާ ގެއެވެ. މިތަން ހުޅުވައި ދެއްވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގައި 1998 ވަނަ އަހަރުއެވެ. އެމަނިކުފާނު އެންމެ ފަހުން ދިވެހިރާއްޖެއަށް ވަޑައިގެންފައިވަނީ 2017 ވަނަ އަހަރު ފުރަމާނަ ދަތުރުފުޅެއްގައެވެ.
ސާކު ސަމިޓަކީ މި ސަރަހައްދުގެ ޤައުމުތަކުގެ ވެރިން އެއް ޤައުމު އަނެއް ޤައުމަށް ޒިޔާރަތްކުރުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ވަނީ ވެފައެވެ. މިގޮތުން ޕާކިސްތާނުގައި ސާކް ސަމިޓު ބޭއްވި ދެ ފަހަރު ރައީސް މައުމޫން އިސްލާމްއާބާދަށް ވަޑައިގެން އެ ސަމިޓުގައި ބައިވެރިވެފައިވެއެވެ. އެމަނިކުފާނު ޕާކިސްތާނަށް ވަޑައިގަންނަވާފައިވަނީ 1988 ވަނަ އަހަރު ބޭއްވި 4 ވަނަ ސާކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށާއި، 2004 ވަނަ އަހަރު ބޭއްވި 12 ވަނަ ސާކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. ރާއްޖޭގައި އެންމެ ފަހުން 2011 ވަނަ އަހަރު ބޭއްވި ސާކް ސަމިޓުގައި ބައިވެރިވެވަޑައިގެންފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒިރު ޔޫސުފް ރަޒާ ގިލާނީއެވެ.
ޕާކިސްތާނު ލީޑަރުންގެ ތެރެއިން ދެން ރާއްޖެއަށް ވަޑަގަންނަވާފައިވާ ބޭފުޅުންގެ ތެރޭގައި 2004 ވަނަ ރާއްޖެއަށް ޒިޔާރަތް ކުރެއްވި ބޮޮޑުވަޒީރު ޝައުކަތު އަޒީޒް އަކީ ފާހަގަކޮށްލެވޭ ފަރާތެކެވެ. 2004 ވަނަ އަހަރު ސުނާމީގައި ރާއްޖޭގެ ރިސޯޓުތަކުގައި ހާލުގައި ޖެހުނު ފަތުރުވެރިންނަށް އެހީވުމަށް ޕާކިސްތާނުގެ އަސްކަރީ މަނަވަރުތައް ހަރަކާތްތެރިވެފައިވެއެވެ. މިއީ ދެޤައުމުގެ އޮތް ގުޅުން ރަމްޒުކޮށްދިން ހެއްކެކެވެ.
ރައީސް މައުމޫނަށްފަހު ދިވެހިރާއްޖޭގެ ވެރިޔަކު ޕާކިސްތާނަށް ޒިޔާރަތްކުރައްވާފައި ވަނީ 2015 ވަނަ އަހަރުއެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޕާކިސްތާނަށް ކުރެއްވި ޒިޔާރަތާއެކު، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް 2017 ވަނަ އަހަރު ރާއްޖެއަށް ޒިޔަރާތްކުރައްވާފައިވެއެވެ.
ރާއްޖެއާއި ޕާކިސްތާނު ދެމެދު އޮތް ޚާރިޖީ ގުޅުމުގެ އިތުރު ބޮޅެއް އިތުރުވެގެންދަނީ 10 އަހަރު ފަހުން ދެ ޤައުމުގެ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާއާއި ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމަށް ކުރައްވާ ދަތުރުފުޅާއެކުއެވެ. މިއީ ޒަމާންވެފައިވާ މި ގުޅުން އައު ހަރުފަތަކަށް ގެންދާނެ ދަތުރަކަށް ވެގެންދާނެއެވެ.