ކުޅިވަރު

އިނގިރޭސިން ރަނަށްވާނަމަ، ކްރޮއޭޝިއާ އަކީ ރަތުލޮޔެއް ނޫން


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އަލްބޭނިއާ އާއި ކްރޮއޭޝިޔާ ބައްދަލު ކުރާ މެޗަކީ ބަލިވެގެން ދެ ޓީމަށް ފަރުޖައްސާލެވެން ނެތް މެޗެކެވެ. ފުރަތަމަ މެޗުގައި ސްޕޭން އަތުން ކްރޮއޭޝިޔާ ބަލިވުމުން އެމީހުން މިރޭގެ މެޗުން ތިން ޕޮއިންޓް ބޭނުންވާ އެންމެ މުހިންމު ސަބަބަކީ ގްރޫޕުގެ ފަހު މެޗުގައި ޗެމްޕިއަން އިޓަލީއާ ވާދަކުރަންޖެހޭތީ އެވެ. އަތުގައި އެކައްޗެއްވެސްނެތި އެމެޗާ ކުރިމަތިލުމަކީ އަނގުރު އަލިފާނަށް އެރުން ފަދަ ކަމެކެވެ.

ޔޫރޯގެ އެންމެ އަވަސް ގޯލު އިޓަލީ ކޮޅަށް ޖެހި ނަމަވެސް ގްރޫޕުގެ ފަހު މެޗުގައި އަލްބޭނިއާ ވާދަކުރަން ޖެހޭނީ ސްޕޭނާ އެވެ. މިހެންވެ ކްރޮއޭޝިޔާ މެޗުން ބަލިވެއްޖެނަމަ ސްޕޭން މެޗުގެ ކުރިން އަލްބޭނިޔާ ކަޓާވެސްފާނެ އެވެ. މިއީ އެމީހުން ވެސް ބޭނުންވާ ގޮތެއްނޫނެވެ.

މިރޭގެ މެޗަށް ނުކުންނައިރު ކްރޮއޭޝިޔާގެ ނިކޮލާ ވްލަސިޗް ވަނީ އަނިޔާގެ ސަބަބުން މުބާރާތާ އަލްވަދާއު ކިޔާފަ އެވެ. އޭނާ އެނބުރި ގައުމަށް ދަމުން ކުޅުންތެރިން ގާތުގައި އެދުނީ ކުރީ މުބާރާތްތަކުން ހިތްވަރު ލިބިގަތުމަށެވެ. މި ދައްކަނީ ވޯލްޑް ކަޕާއި ޔޫރޯގައި ވެސް ފުރަތަމަ މެޗުން މޮޅުވެގެން ކްރޮއޭޝިޔާ ކުރިއަށް ދިޔަ ވާހަކަ އެވެ. ޔޫރޯ 2021ގައި ކްރޮއޭޝިޔާ ދެ ވަނަ ބުރަށް ދަތުރުކުރީ ފުރަތަމަ މެޗުގައި އިނގިރޭސިން އަތުން ބަލިވެގެންނެވެ. އެންމެ ފަހުގެ ވޯލްޑްކަޕުގެ ތިން ވަނަ ހޯދީ މުބާރާތް ފަށަން މޮރޮކޯއާ ދެކޮޅަށް ކުޅެ ބަލިވެގެންނެވެ. އަނެއްކޮޅުން ބޮޑު މުބާރާތެއްގައި ޖެހިޖެހިގެން ދެ މެޗުން ކްރޮއޭޝިޔާ ބަލިވެފައި ނެތުމަކީ ވެސް ނަފްސާނީ ގޮތުން މެޗަށް ތައްޔާރުވާން އެމީހުންގެ ކޭމްޕް ތެރޭގައި ދައްކަމުން އަންނަ ވާހަކައެކެވެ.

ކޯޗު ލަޓްކޯ ޑަލިކް ވާހަކަތައް ހުރީ ވެސް ވަރަށް އިތުބާރުބޮޑުކޮށެވެ. އޭނާ ބުނީ އަލްބޭނިއާ އަކީ ސްޕޭން ފަދަ ވަރުގަދަ ޓީމެއްނޫން ކަމަށެވެ. އެކަމަކު އެއީ ވަރަށް އޮގަނައިޒް، ވަރަށް ޒުވާން، އެހާމެ ހިތްވަރު ކުރާ ޓީމެއް ކަމަށާއި އޭނާގެ ޓީމު ކޮންމެ މެޗަކަށް ނުކުންނާނީ ވެސް އިދިކޮޅު ޓީމަށް އިހްތިރާމް ދީގެން ކަމަށެވެ.

ކޯޗު ވަނީ މި މެޗުގެ ކުރިން މީޑިއާތަކާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ އެންމެންވެސް ކްރޮއޭޝިޔާ ރޭންކު ކުރަނީ މާ ދަށް ޓީމެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އެއީ އެކަންވާންޖެހޭ ގޮތްނޫން ކަމަށެވެ. ސަބަބަކީ ކްރޮއޭޝިޔާއިން ވޯލްޑް ކަޕުގައި މިހާތަނަށް ތިން މެޑަލް ހާސިލްކޮށްފައިވުން ކަމަށާއި މިއާ ހިލާފަށް 58 އަހަރުގެ މަސައްކަތުން އިނގިރޭސިންނަށް ހޯދުނީ އެންމެ މެޑެއްޔެއް ކަމަށެވެ. އެކަމަކު އިނގިރޭސިން ރަނަށްވެފައި ކްރޮއޭޝިޔާ އަކީ ރަތުލޯ ކަމަށް ހަދައިފިނަމަ އެވެވެނީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.

ކޯޗު ބުނީ ސްޕޭން އަތުން ބަލިވި ނަމަވެސް މޮޅަށް ކުޅުނީ އޭނާގެ ޓީމު ކަމަށާއި އަލްބޭނިއާއާ އަތުން މޮޅުވުމަށް ކުޅެންވީ އަވަސް އަރުވާލައިގެން ތެޅި ނުގަނެ ކެތްތެރިކަމާއެކުގައި ކަމަށެވެ.
މެޗުގެ ކުރިން އަލްބޭނިއާ އިން ބުނީ ކްރޮއޭޝިޔާ އަކީ ދުނިޔޭގެ އެންމެ ގަދަ ކުލަބުތަކަށް ކުޅޭ މޮޅު ކުޅުންތެރިން ތިބި ޓީމުކަމަށެވެ. މިހެންވެ ބަލިވެދާނެ ކަމުގެ ހުރިހާ ޕްރެޝަރެއް އޮތީ ވެސް ކްރޮއޭޝިޔާ އަށް ކަމަށެވެ. އަދި މިއީ އަލްބޭނިއާ ޔޫރޯގައި ކުޅޭ ދެ ވަނަ ފަހަރުކަމުން ހިތްތިރިކޮށްގެން އެމީހުން ކުރަމުންދާ ކަމަކީ ކްރޮއޭޝިޔާ ފަދަ ޓީމުތަކުގެ ކިބައިން ދަސްކުރުން ކަމަށެވެ. ކޯޗު ބުނީ އުނގެނުމަކީ ދޫދިނުން ނޫން ކަމަށާއި މެޗު ކާމިޔާބުކުރަން ދޭތިން އެކައްޗަށް މަސައްކަތް ކުރާނެ ކަމަށެވެ.

މިއީ އަލްބޭނިއާ އާއި ކްރޮއޭޝިޔާ ބައިނަލް އަގްވާމީ ބޮޑު މުބާރާތެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އަލަށް ގައުމަކާ ވާދަކުރި 10 މެޗުގެ ތެރެއިން އަލްބޭނިއާ އަށް މިހާތަނަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އަނެއްކޮޅުން މިރޭގެ މެޗަށް އަލްބޭނިއާގެ ބައިލައްކައެއްހާ މީހުން ޖަރުމަނަށް ޖަމާވެފައިވާއިރު ސަޕޯޓަރުންގެ ބޭއަދަބީ އަމަލުތައާހުރެ ޔޫއޭފާއިން ވަނީ އެ ގައުމު 37000 ޔޫރޯއިން ޖޫރިމަނާކޮށްފަ އެވެ، އެއީ ދަނޑަށް ދިދަ އާއި ފުޅި އުކައި ހަވާ ގޮއްވައި، ބްރޯޑްކާސްޓިން ގަވާއިދާ ހިލާފުވުމުންނެވެ.