އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގެ ޕްރީ ސީޒަންގައި ބޮސްޓަން ސެލްޓިކްސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗު ސެލްޓިކްސް ކާމިޔާބު ކޮށްފިއެވެ.
ބޮސްޓަންގެ ޓީޑީ ގާޑެންގައި ކުޅުނު މިމެޗު ސެލްޓިކްސް އިން ކާމިޔާބު ކޮށްފައިވަނީ 114 ޕޮއިންޓް 93 ޕޮއިންޓުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ސެލްޓިކްސް ފެނިގެންދިޔައީ ހޯނެޓްސްއަށް ވުރެ ވަރުގަދަ ކޮށެވެ. މިގޮތުން މެޗުގެ ފުރަތަމަ ކުއާޓަރގައި ސެލްޓިކްސް އިން 8 ޕޮއިންޓްގެ ލީޑެއް ނެގި އިރު ފުރަތަަމަ ހާފް އެޓީމުން ނިންމާލާފައިވަނީ 10 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ. މިމެޗުގެ ތިންވަނަ ކުއާޓަރގައި ހޯނެޓްސްއިން ދެއްކި ކުޅުމާއެކު 8 ޕޮއިންޓަށް ފަރަގު ކުޑަ ކުރިނަމަވެސް ފަހު ކުއާޓަރގައި ސެލްޓިކްސްއިން ދެއްކި މޮޅު ކުޅުމާއެކު މިމެޗު އެޓީމުން ނިންމާލީ 11 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ.
މިމެޗުގައި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާ 6 އެސިސްޓް ކުރި ޖޭސަން ޓެޓުމްއެވެ. މީގެއިތުރުން ޑެރިކް ވައިޓް 17 ޕޮއިންޓް ހޯދައިދިން އިރު ނީމިއަސް ކުއޭޓާ ވަނީ 16 ޕޮއިންޓް ހޯދައިދީފައެވެ. ހޯނެޓްސްއަށް ބަލާލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 16 ޕޮއިންޓް ހޯދައިދީ 5 ރިބައުންޑް ނަގާ 3 އެސިސްޓް ކުރި ބްރެންޑަން މިލަރއެވެ. އަދި ޓިޖާނޭ ސަލައުންވެސް މިމެޗުގައި އެޓީމަށް 16 ޕޮއިންޓް ހޯދައިދީފައިވެއެވެ.
މިމުބާރާތުގެ ޕްރީ ސީޒަންގައި މައާމީ ހީޓް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރި މެޗު 144 ޕޮއިންޓް 128 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ހީޓްއެވެ. މައާމީގެ ކަސޭޔާ ސެންޓަރގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ މެދުގައި މާބޮޑު ތަފާތެއް ފެނިގެނެއްް ނުދިޔައެވެ. މިގޮތުން މިހާފް ނިންމާލިއިރު ހީޓް އޮތީ 3 ޕޮއިންޓްގެ ލީޑެއްގައެވެ. ނަމަވެސް ފުރަތަަމަ ހާފާއި ހިލާފަށް މިމެޗުގެ ދެވަނަ ހާފްގައި ކުޅުނު ދެ ކުއާޓަރގައިވެސް ހީޓްއިން ވަނީ މޮޅު ކުޅުމެއް ދައްކާ ތަފާތު ބޮޑު ކޮށްފައެވެ.
މިމެޗުގައި ހީޓްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯވަނީ 20 ޕޮއިންޓް ހޯދައިދީ 15 ރީބައުންޑް ނަގާ 9 އެސިސްޓް ކޮށް މޮޅު ކުޅުމެއް ދައްކާފައެވެ. މީގެއިތުރުން އެންޑްރޫ ވިގިންސް ވަނީ 19 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާ އެއް އެސިސްޓް ކޮށްފައެވެ. ނެޓްސްއަށް ބަލާލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދައިދީ އެއް ރީބައުންޑް ނަގާ އެއް އެސިސްޓް ކުރި މައިކަލް ޕޯޓަރ ޖޫނިއަރއެވެ.
މީގެއިތުރުން ޕްރީ ސީޒަންގައި ސެން އެންޓޯނިއޯ ސްޕަރސް އާއި ފީނިކްސް ސަންސް ބައްދަލުކުރި މެޗު 123 ޕޮއިންޓް 103 ޕޮއިންޓުން ސްޕަރސް ކާމިޔާބު ކުރިއިރު ޝިކާގޯ ބުލްސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރި މެޗު 125 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ބުލްސްއެވެ. ޑެޓްރޮއިޓް ޕިސްޓަންސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރި މެޗު 128 ޕޮއިންޓް 106 ޕޮއިންޓުން ޕިސްޓަންސް ކާމިޔާބު ކުރިއިރު ނިއު އޯލިއަންސް ޕެލިކަންސް އާއި ޑެލަސް މެވްރިކްސް ބައްދަލުކުރި މެޗު 101 ޕޮއިންޓް 97 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޕެލިކަންްސްއެވެ. އަދި ލޮސް އެންޖަލިސް ކްލިޕަރސް އާއި ޑެންވަރ ނަގެޓްސް ބައްދަލުކުރި މެޗު 122 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ކްލިޕަރސްއެވެ.