ޚަބަރު

ނިމުނު ހަފުތާ: ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް، ޓްރެފިކް ނިޒާމަށް ހަރުދަނާ ބަދަލުތަކެއް


  • ސްކޫލުތަކާއި ހޮސްޕިޓަލް ސަރަހައްދުތަކުގެ ޓްރެފިކް ނިޒާމު ހަރުދަނާ ކުރަން ފިޔަވަޅުތަކެއް އެޅުން

  • މާލެ ސަރަޙައްދުގައި މުދާ އުފުލާ އުޅަނދުތަކާއި ބަރު އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް ކަނޑައެޅުން

ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިންމު ކަންތައްތަކެއް ހިންގާދިޔައެވެ. (14 އޮކްޓޫބަރު) ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، ބޭރުގެ އެއްވެސް ބާރަކަށް ނުދެއްވާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދެއްވީ މިދިޔަ ބުދަ ދުވަހުއެވެ. ސަރުކާރުން މި ޔަޤީންކަންދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައެވެ. މި ބަޔާނުގައި އެއްވެސް ހާލެއްގައި އެފަދަ ކަމެއް ސަރުކާރުން ނުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

(14 އޮކްޓޫބަރު) ދައުލަތުގެ މުއައްސަސާތަކާބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާއެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވައިލައްވައި، އެ ޑިރެކުޓަރީއަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިފުތިތާހުކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ. މި ޑިރެކުޓަރީއަކީ "މޯލްޑިވްސް 2.0" ގެ ތަސައްވުރާ އެއްގޮތަށް، ދައުލަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގެމަތިން ސަރުކާރުގެ ހިންގުން ބައްޓަންކުރުމަށްޓަކައި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިފުތިތާހުކުރެވުނު ޑިރެކުޓަރީއެކެވެ. ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީގެ ވެބްސައިޓުގެ އެޑުރެހަކީ directory.presidency.gov.mv އެވެ.

(13 އޮކްޓޫބަރު) ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީންގެ 4 ވަނަ ބެޗްގެ ދަރިވަރުން، ތަމްރީންތަކަށް ފުރާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މިއީ ހަރުދަނާ ޒުވާން ޒީލެއް ބިނާކުރުމުގެ މަޤުޞާދުގައި ފަށާފައިވާ ޕްރޮގްރަމެކެވެ. މި ބެޗުގައި 351 ދަރިވަރުން ހިމޭނޭއިރު، އެއީ 287 ފިރިހެން އަދި 64 އަންހެން ދަރިވަރުންނެވެ. މީގެތެރޭގައި 16 އަހަރާ 28 އަހަރާ ދެމެދުގެ ޒުވާނުން ހިމެނެއެވެ. ޅ. މާފިލާފުށީގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި 14 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ބެޗުގައި، ރާއްޖޭގެ 20 އޮތޮޅުން 126 ރަށަކަށް ނިސްބަތްވާ 287 ފިރިހެން އަދި 64 އަންހެން ދަރިވަރުން ވަނީ ބައިވެރި ވެފައެވެ.

ޓްރެފިކް ނިޒާމަށް ހަރުދަނާ ބަދަލުތަކެއް:

(11 އޮކްޓޫބަރު) މަގުމަތީގެ އެކްސިޑެންޓުތަކުގެ ތަޙުޤީޤުތައް މިހާރަށްވުރެ ހަރުދަނާކުރުމަށް "ސްމާޓް ޑްރޯ"ގެ ނަމުގައި ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއަރއެއް ބޭނުންކުރަން ފެށީ ނިމުނު ހަފުތާގެރޭގައެވެ. މި ސޮފްޓްވެއަރ ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ، ޓްރެފިކް ޕޮލިސް އެންޑް ރޯޑު މެނޭޖްމަންޓުގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، "ސްމާޓް ޑްރޯ"އަކީ، އެކްސިޑެންޓު ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗުތައް ފަސޭހަކަމާއެކު ކުރެހުމަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ޔޫޒަރ-ފްރެންޑްލީ ސޮފްޓްވެއަރއެއް ކަމަށެވެ.

(14 އޮކްޓޫބަރު) އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ޤާނޫނާއި ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ޚާއްޞަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފިޔަވަޅުތަކެއް އަޅާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި ބަދަލު ގެންނަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 93 ވަނަ މާއްދާގެ ދަށުންނެވެ. މިކަމާ ގުޅިގެން އިގުތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން ކުރި އިޢުލާނުގައި ވިދާޅުވީ، މިއަދުން ފެށިގެން 7 ދުވަހުގެ ފަހުން ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ތަންފީޒީ އިދާރާގެ ޒިންމާތައް އަދާކުރަން ފަށާނެ ކަމަށެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

(15 އޮކްޓޫބަރު) މާލެ ސަރަޙައްދުގައި މުދާ އުފުލާ އުޅަނދުތަކާއި ބަރު އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް ކަނޑައަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އިގުތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މާލެ ސަރަޙައްދުގައި މުދާ އުފުލާ އެއްގަމު އުޅަނދާއި ބަރު އުޅަނދު ދުއްވާ ގަޑިތަކެއް އެ ވުޒާރާއިން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވީ، މިގޮތަށް ވަކި ގަޑިތަކެއް ކަނޑައަޅާފައިވަނީ މާލެ ސަރަޙައްދުގެ މަގުތަކުގައި ހިނގާބިގާވެ އުޅޭ ފަރާތްތަކާއި އުޅަނދު ދުއްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. މިއީ މާލެ ސަރަޙައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ޚާއްސަކޮށް ދަރިވަރުންނަށާއި ބެލެނިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނިންމި ނިންމުމެެއްގެ ގޮތުގައި އެވުޒާރާއިން ފާހަގަކުރެއެވެ.

ވިޔަފާރި:

(13 އޮކްޓޫބަރު) ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ޤައުމުތަކަށް އެކަނި ބޭސްފަރުވާއަށްދޭ 1000 ޑޮލަރު ދޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ހަމަޖައްސާފައިވާކަން ހާމަކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އެމްއެމްއޭއިން ވިދާޅުވީ، އެ ޤައުމުތަކަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫ.އޭ.އީއެވެ. މިގޮތަށް ހަމަޖެއްސީ ބޭސްފަރުވާގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ޚަރަދުކުރެވޭ އަދަދުތަކެއްކަން ޔަޤީންކުރުމަށްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

(13 އޮކްޓޫބަރު) ރަސްމާލޭގައި ޔަހޫދީންގެ ދިރިއުޅެން ފުރުސަތު ނުދެއްވާނެކަމުގެ ޔަޤީންކަން ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ދެއްވާފައެވެ. ލިންކްޓްއިންގައި ވަޒީރު ޝާއިއުކުރެއްވި ލިޔުމެއްގައި ވިދާޅުވީ ރަސްމާލެ މަޝްރޫއާ މެދު އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތަކަކީ ހަމައެކަނި އެ ތަނުގެ އަގު ނުވަތަ ކުއްޔަށް ދޫކުރާ އުސޫލުތަކާ ގުޅޭ ކަންކަމެއް ނޫންކަމަށާ، ފަލަސްތީނާވެސް ގުޅިފައިވާ ކަންބޮޑުވުންތަކެއްކަމަށް ވިދާޅުވިއެވެ.

(13 އޮކްޓޫބަރު) މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ މިފްކޯއިން މަސްގަންނަ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވިދާޅުވީ، މިފްކޯގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސް ގަންނަނީ ތިން ރޭޓެއްގައި ކަމަށެވެ. އަދި މިއީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށޭނަ އަގެއް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށްވެސް އެކުންފުނިން ފާހަގަކުރެއެވެ.

(13 އޮކްޓޫބަރު) ދިވެހިންނަށް ޚާއްޞަކޮށްފައިވާ ދާއިރާތަކުގައި ޙަރަކާތްތެރިވަމުންދިޔަ 29 ފޮރިން އިންވެސްޓްމަންޓް މިހާތަނަށް އުވާލެވިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ނިމުނު ހަފުތާގެ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ 2024 ވަނަ އަހަރު ޢަމަލުކުރަން ފެށުނު ފޮރިން އިންވެސްޓްމެންޓް ޤާނޫނާ ގުޅިގެން އެކުލަވާލެވުނު ސިޔާސަތުގެ ދަށުން، އަލަށް ކަނޑައެޅުނު ޝަރުތުތައް ފުރިހަމަކުރަންޖެހޭ 150 ފޮރިން އިންވެސްޓްމަންޓް ހިމެނޭ ކަމަށެވެ.

(14 އޮކްޓޫބަރު) ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު އަފީފު ހުސައިން އެ މަޤާމުން ވަކިކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ޕީސީބީން ވިދާޅުވީ، ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުން އަދި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން މއ. ވޭސްސައިޑް، 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިން ވަކިކޮށްފައިވާ ކަމަށެވެ. (15 އޮކްޓޫބަރު) ފެނަކަ ކޯޕަރޭޝަންގެ ހިންގުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުވަރާއި ހަވާލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ފެނަކަ ކުންފުނީގެ ހިންގުން ޑރ. އަޒުވަރާއި ހަވާލުކުރިކަން ހާމަކޮށް ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑު، ޕީސީބީއިން ވިދާޅުވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ސ.ފޭދު، ނެސްޕްރޯވިލާ، ޑރ.އަލީ އަޒުވަރު އައްޔަންކޮށްފައިވާ ކަމަށެވެ.

(15 އޮކްޓޫބަރު) ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން އިބްރާހިމް ނަޒީމް ވަކިކޮށްފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ.
ޕީސީބީން ވިދާޅުވީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުން، އިބްރާޙިމް ނަޒީމް ވަކިކޮށްފައިވާ ކަމަށެވެ. އަދި ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރ މަޤާމަށް އެމްޓީސީސީ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުގައި ހުންނެވި އަޙުމަދު ސަޢުދީ އައްޔަންކޮށްފައިވާ ކަމަށެވެ.

(15 އޮކްޓޫބަރު) މާލެ ސިޓީ ކައުސިލުގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ސަރުކާރަށް ނަގާ، އެތަންތަނުގައި ތަރައްޤީކުރަން ނިންމާފައިވާ މަޝްރޫޢުތައް އިޢުލާނުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މާލެ އަދި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ މަސައްކަތް ކުރުމަށާއި، އިންފްރާސްޓްރަކްޗަރގެ ޚިދުމަތް ދިނުމަށާއި، އެ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ބެލެހެއްޓުމަށް ކޮންމެހެން ބޭނުންވާ ބިންތަކުގައި އެ ކަމަކާއި ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށްޓަކައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލުގެ އިޚްތިޞާޞުން ވަކިކޮށް، ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި ކަނޑައެޅުމަށް 14 ބިމެއް ހަމަޖައްސާފައިވާ ކަމަށެވެ. މި ބިންތަކުގެ ތަފްސީލާއި އެތަންތަން ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމާފައިވާ ޕްލޭން ވަނީ ގެޒެޓުކޮށްފައެވެ.

ކުޅިވަރު:

(9 އޮކްޓޫބަރު) ޤައުމީ ޓީމުތަކުން ހޯދި ކާމިޔާބީތައް ފާހަގަކޮށް ގައުމީ ފުޓުބޯޅަ ޓީމާއި، ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންގެ އަގު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަޒަންކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ޤައުމީ ފުޓުބޯޅަ ޓީމުން ވަނީ ލަންކާގައި މިދިޔަ އަހަރު ކުރިއަށްދިޔަ ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. މި މުބާރާތުގައި ވާދަކުރީ ރާއްޖޭގެ އިތުރުން ލަންކާއެވެ. ލަންކާގެ މައްޗަށް ދެ ލެގު ކުޅެ ރާއްޖެއިން ކުރި ހޯދީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

އެހެނިހެން ދާއިރާތައް:

(10 އޮކްޓޫބަރު) ކ. ކާށިދޫގެ ސިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު ޚިދުމަތެއްކަމަށެވެ. އަދި މިއީ އެރަށުގެ ރައްޔިތުންނަށް ވަރަށް ބޭނުންޖެހިފައި އޮތް ޚިދުމަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

(11 އޮކްޓޫބަރު) ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯހާއި، ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސްތަކުން 113 ދަރިވަރުން ދަސްވެނިވީ މިދިޔަ އާދީއްތަ ދުވަހުއެވެ. ކީރިތި ގުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯހުގެ ދަސްވެނިވުން ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ކީރިތި ގުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯހުގެ ދަސްވެނިންގެ ތެރޭގައި ހިމެނެނީ ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯސް ފުރިހަމަކުރި 64 ދަރިވަރުންނާއި، ޑިޕްލޮމާ ކޯސް ފުރިހަމަކުރި 49 ދަރިވަރުންނެވެ.

(12 އޮކްޓޫބަރު) ޙައްޖު ކިޔޫގައި 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ އެންމެނަށް 1448 ވަނަ އަހަރު ޙައްޖުވުމަށް ފުރުސަތުދޭން ނިންމަވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މި ނިންމުން ސަރުކާރުން ނިންމާފައިވަނީ ރާއްޖެއަށް ލިބޭ ޙައްޖުގެ ކޯޓާގެ ޢަދަދަށް ބަލާއިރު، ޙައްޖު ކިއުގައި ދޮށީ ޢުމުރުގެ ގިނަ އަދަދެއްގެ ބޭފުޅުން ތިބުމާއެކު، ވީހާވެސް ގިނަ ދޮށީ ޢުމުރުގެ ބޭފުޅުންނަށް ފަރުޟު ޙައްޖު އަދާކުރުމަށް ފުރުޞަތު ފަހިކޮށްދިނުމަށެވެ.

މިކަމުގެ ތަފްސީލު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި އުޞޫލު ތަންފީޒުކުރާނީ، މައުޟޫޢީ ގޮތެއްގައި ޢުމުރުށާއި ކިޔޫއިން ޖާގަލިބުނު ތާރީޚަށް ބަލައިގެން ކަމަށެވެ. އަދި މިއީ އެންމެންނަށް ހަމަހަމަ އުޞޫލަކުން ތަފާތުކުރުމެއްނެތި މައުޟޫޢީ ގޮތެއްގައި ތަންފީޒުކުރާނެ އުޞޫލެއްކަންވެސް ފާހަގަކުރެއްވިއެވެ.

(12 އޮކްޓޫބަރު) މާލޭގައި ބަނގުރާ ދައުރުކުރާ ބޮޑު ނެޓްވޯކެއް އަތުލައިގެންފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހ. މާދޫގޭގައި ކުރިއަށްގެންދާ މި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ ވަނީ ފެނިފައެވެ. ދިވެއްސަކު ހިމެނޭހެން މި މައްސަލައިގައި މިހާތަނަށް ވަނީ 4 މީހުން ހައްޔަރުކޮށްފައެވެ.

(15 އޮކްޓޫބަރު) ކ. ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް "ހޯކްސް ވޮޔޭޖް" ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި ކަނޑުވި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި 3 ފުލުހަކަށް ފުރާނަ ސަލާމަތް ކުރުމުގެ ރަން މެޑަލް އަރުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް އަރުވާފައިވަނީ ސީނިއަރ ސާޖަންޓް އަޙްމަދު އާމިރު (ސަރވިސް ނަންބަރު: 2245) އާއި ކޮންސްޓަބަލް މުޙައްމަދު ލަހްފާން (ސަރވިސް ނަންބަރު: 6279) އަދި ކޮންސްޓަބަލް ޢަލީ ޒިދާން (ސަރވިސް ނަންބަރު: 5852) އަށެވެ.