ޚަބަރު

މަތިވެރީ އައު ސްކޫލު އިމާރާތާއެކު ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް


  • މިހާރު ކިޔަވައިދެނީ 2 ދަންފަޅިއަށް

  • އަމާޒަކީ އައު ދިރާސީ އަހަރަށް އައި އިމާރާތް ބޭނުންކުރަން ފެށުން

އަރިއަތޮޅު އުތުރުބުރީ މަތިވެރި ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމެވެ. މި ދަތިކަމުގެ ސަބަބުން އެ ސްކޫލުގެ ކިޔެވުން 2 ދަންފަޅިއަށް ބަދަލުކުރަން ޖެހުމަކީ ދަރިވަރުންނަށާއި، ޓީޗަރުންނަށް އަދި ބެލެނިވެރިންވެސް އެތައް ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަމެކެވެ.

މި މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން އެރަށުގައި އިމާރާތްކުރަން ފަށާފައިވާ 12 ކްލާސްރޫމުގެ އައު އިމާރާތް ނިމުމާއެކު މަތިވެރި ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ދާއިމީ ހައްލު ލިިބިގެންދާނެއެވެ.

މަތިވެރި ސްކޫލަކީ ޓީޗަރުންނާއި އެޑްމިން މުވައްޒަފުން ހިމެނޭނެހެން 46 މުވައްޒަފުންނާއެކު، ޖުމުލަ 195 ދަރިވަރުންނަށް ކިޔަވައިދެމުން އަންނަަ ސްކޫލެކެވެ. އެ ސްކޫލުގައި މިހާރު ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެމުން އަންނަނީ އެންމެ 6 ކްލާސްރޫމްގައެވެ. މީގެ ތެރޭގައި ލައިބްރަރީވެސް ހިމެނޭއިރު، ޖާގަ ނެތުމުގެ ސަބަބުން ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 6:00 އާ ހަމައަށް ދެ ދަންފަޅިއަށް ކިޔެވުން ކުރިއަށް ގެންދަންޖެހެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މަތިވެރި ސްކޫލުގެ ޕްރިންސިޕަލް ޙަސަން ހަމީދު އިބްރާހީމް ވިދާޅުވީ، ވޭތުވެދިޔަ 6 އަހަރުތެރޭ އެ ސްކޫލަށް ދިމާވި އެންމެ ބޮޑު ގޮންޖުހުމަކީ ޖާގައިގެ ދަތިކަމާއެކު ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަކަށް ބަދަލުކުރަން ޖެހުން ކަމަށެވެ.

"ދެދަންފަޅިއަށް ކުރިއަށް މިދަނީ ހެނދުނު 6 އިން ރޭގަނޑު 6 އަށް. އަނެކާ އިތުރު ހަރަކާތްތައް ނޫނީ އިތުރު ކިޔެވުމެއް ކިޔަވަން ބަލާލައިރުވެސް ރޭގަނޑު ގަޑިއަށް އެރޭންޖްކުރަން ބަލާއިރުވެސް ވަރަށް އުނދަގޫކޮށް ދަތިކޮށް މިދަނީ. އެހެންމަ އެއީ އެންމެބޮޑު ގޮންޖެހުމަކީ މިހާރު ބަލާއިރުގައި." ހަސަން ހަމީދު އިބްރާހީމް ވިދާޅުވިއެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ 12 ކްލާސްރޫމާއި، ދަރިވަރުންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް އެކުލެވޭ އައު އިމާރާތެއްގެ މަސައްކަތް ފަށާފައެވެ. އަދި އޮކްޓޫބަރު މަހުގެ ތެރޭގައި މަލްޓިޕާޕޯސް ހޯލުގެ މަސައްކަތް ފަށައި، 6 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

މަތިވެރި ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަންނަ ދިރާސީ އަހަރަށް ސްކޫލުގެ އައު އިމާރާތް ބޭނުން ކުރަން ފެށުން ކަމަށެވެ.

"މި ސަރުކާރުން ވަރަށް ބޮޑަށް ޓާގެޓް އެބަ ކުރޭ އަންނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް މިތަން ބޭނުންކުރަން. ދެން މިތާނގައި 12 ކްލާސްރުމާއި އަދި ފާޚާނާއާއި ހުރިހާ އާލާތެއް ހުންނާނެ. ހަމަ އޮކްޓޫބަރު މަހު މަލްޓިޕާޕޯސް ހޯލް ފަށާގޮތަށް އޮތީ، 6 މަސް ދުވަހުން އެތަންވެސް ނިންމާގޮތަށް." އިސްމާއިލް އާތިފް ވިދާޅުވިއެވެ.

މަތިވެރި ސްކޫލަކީ 2006 ވަނަ އަހަރުން ފެށިގެން އެއްދަންފަޅިއަކަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. ނަމަވެސް ޖާގައިގެ ދަތިކަމާއެކު ފަހުން ދެ ދަންފަޅިއަށް ބަދަލުވެ، ކުރިމަތިވި ގޮންޖުހުންތައް ހައްލުކުރުމަށް ސަރުކާރުން ޤާއިމްކުރަން ފެށި އައު އިމާރާތާއެކު، އެ ސްކޫލުގެ ކިޔެވުން އަލުން އެއް ދަންފަޅީގެ ނިޒާމަށް ބަދަލުވެގެންދާނެއެވެ.

މީގެ ސަބަބުން ސްކޫލަށް އިތުރު ޖާގަ ލިބި، ސްކޫލް ގޯތިތެރެ ތަނަވަސްވެގެންދާނެއެވެ. އަދި އެއް ދަންފަޅިއަށް ބަދަލުވުމުން ސްކޫލުގެ ކިޔަވައިދިނުމުގެ ވަގުތު އިތުރުވެ، ދަރިވަރުންގެ ތަޢުލީމީ އަދި އިތުރު ހަރަކާތްތަކާއި ކުޅިވަރުގެ ކަންކަން ވަރަށް ފުރިހަމައަށް ރާވައިގެން ކުރިއަށް ގެންދިއުމަށް ބެލެނިވެރިންނަށާއި ޓީޗަރުންނަށް ބޮޑު ލުއެއް ލިބިގެންދާނެކަމަށް އެ ސްކޫލުގެ ޕްރިންސިޕަލްވެސް ފާހަގަކުރައްވާފައިވެއެވެ.

"އަޅުގަނޑުމެންނަށް މި އޮންނަނީ ހަމައެކަނި ކިޔަވައިދިނުމެއް ނޫން، އެކަޑަމިކް އެކި އެކި ކަންތައްތައް ކުރުމަށްޓަކައި އަދި ސްޕޯޓްސް އެކި އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށްޓަކައި އަޅުގަނޑުމެންނަށް ވަރަށްގިނަ ވަގުތު ލިބޭނެ. އެއީ ސިންގަލް ސްކޫލަކަށް ނޫނީ އެއްދަންފަޅިއަށް ސްކޫލް ބަދަލުވީމަ. އެހެންމަ މިހާރު އަޅުގަނޑުމެންނަށް ވަރަށް ދަތިވޭ އެހެން އެކަޑަމިކް އިތުރު ހަރަކާތްތައް ކުރިއަށްގެންދަން." ހަސަން ހަމީދު އިބްރާހީމް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ސްކޫލުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން އަންނަނީ އައު އިމާރާތްތައް އަޅައިދެމުންނެވެ. މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ދަރިވަރުންނަށާއި ޓީޗަރުންނަށް ކިޔަވައިދިނުމުގެ މާހައުލު ފަހިވެ، ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށް ފުރުސަތުތައް ފަހިވެގެންދާނެއެވެ.