ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ނެދަލެންޑްސް ކުޅުނު ފަހު މެޗުން މޮޅުވިއިރު، ޗެކް ރިޕަބްލިކާއި ޕޮލަންޑް މޮޅުވެއްޖެއެވެ.
ރޭގެ މެޗުން ނެދަލެންޑްސް މޮޅުވީ އައިސްލެންޑް އަތުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ނެދަލެންޑްސް އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި އެޓީމުން އެއް ލަނޑުޖެހިއެވެ. އަނެއް ތިން ލަނޑު ފެނިގެންދިޔައީ ފަހު ހާފުގައެވެ.
ފުރަތަމަ ހާފުގައި ނެދަލެންޑްސް އިން ޖެހި ހަމައެކަނި ލަނޑު، ކާމިޔާބުކޮށްދިނީ ޒަވީ ސިމޮންސްއެވެ. މިއީ އެ ޓީމުގެ ޖޮއޭ ވީރްމަން އާއި ޑެންޒެލް ޑަމްފްރީސް ގުޅިގެން އުފެއްދި އެޓޭކަކުން ސިމޮންސް ކާމިޔާބުކުރި ގޯލެކެވެ.
ނެދަލެންޑްސްގެ ދެވަނަ ލަނޑު، ފަހު ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން، ވާޖިލް ވެން ޑައިކް ޖަހައިދިނީ ނޭތަން އަކޭ ޖައްސާލި ބޯޅައެއްގެ އެހީގައެވެ. އޭގެފަހުން، މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ޑޮންޔެލް މަލެން އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދިންއިރު، މެޗުގެ އިތުރުވަގުތުގައި އެ ޓީމުގެ ފަހު ލަނޑުޖަހައިދިނީ ވައުޓް ވެގްހޯސްޓް އެވެ.
ރޭ ކުޅުނު އެކުވެރިކަމުގެ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޔޫރޯގައި ވާދަކުރާ ދެ ޓީމުގެ ކުރިމަތިލުމުގައި ޕޮލެންޑުން ވަނީ ތުރުކީގެ މައްޗަށް 2-1 އިން ކުރިހޯދާފައެވެ. މި މެޗުގެ 12 ވަނަ މިނެޓުގައި ކުރީން ލީޑްނެގީވެސް ޕޮލެންޑުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކަރޯލް ސްވިޑާސްކީ އެވެ.
މެޗުގެ 77 ވަނަ މިނެޓުގައި ތުރުކީގެ ބަރިސް އަލްޕާ ޔިލްމާޒް އެ ޓީމަށް އެއްވަރުކޮށްދީފައިވަނިކޮށް މެޗުގެ އެންމެފަހު މިނެޓުގައި ޕޮލެންޑް މޮޅުކޮށްދިން ލަނޑުޖަހައިދިނީ ނިކޮލާ ޒަލޫސްކީ އެވެ.
އުތުރު މެސެޑޯނިއާ އަތުން ޗެކްރިޕަބްލިކް މޮޅުވި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ޖެހީ ފަހު ހާފުގައެވެ. މި މެޗުގައި ޗެކްރިޕަބްލިކުން ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ޕެނަލްޓީންނެވެ.
އެ ޓީމުން ލީޑްނެގީ 60 ވަނަ މިނެޓުގައި ޕެޓްރިކް ޝިކް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ ފަސް މިނެޓުފަހުން، އުތުރު މެސެޑޯނިއާ އަށް އެއްވަރުކޮށްދިނީ އިސްނިކް އަލީމީ އެވެ. މި މެޗުން ޗެކްރިޕަބްލިކް މޮޅުވި ލަނޑު، އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ އެންޓޮނިން ބަރާކް އެވެ.
މި ފަހަރުގެ ޔޫރޯގައި ނެދަލެންޑްސް ހިމެނެނީ ގްރޫޕް ޑީ ގައެވެ. އެ ޓީމާއެކު މި ގްރޫޕުގައި ދެން ހިމެނެނީ ކޮލިފައިންގައި ވެސް ވާދަކުރަންޖެހުނު ފްރާންސްގެ އިތުރުން އޮސްޓްރިއާ އާއި ޕޮލެންޑެވެ. މުބާރާތުގައި ވާދަކުރާ ޗެކްރިޕަބްލިކާއި ތުރުކީ ހިމެނުނީ އެއްގްރޫޕެއްގައެވެ. މި ދެ ޓީމުގެ އިތުރުން ގްރޫޕް އެފްގައި ދެން އޮތީ ޖޯޖިއާ އާއި ޕޯޗުގަލް އެވެ.