ޚަބަރު

ދެ ޓީމަށް ވެސް އޮތީ ހަމަހަމަ ފުރުޞަތެއް: ކޫމަން


ޔޫރޯ 2024 ގެ ސެމީ ފައިނަލްގައި މިރޭ އިންގްލެންޑާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން، ނެދަލެންޑްސްގެ ކޯޗު، ރޮނާލްޑް ކޫމަން ވަނީ، ކުރިއަށް އޮތް މެޗުގައި ނެދަލެންޑްސް ނިކުންނަނީ ފެންވަރުގެ ގޮތުން މާބޮޑު ތަފާތެއް ނެތް ޓީމަކާ ދެކޮޅަށް ކަމަށާއި، ގަބޫލުކުރާ ގޮތުގައި ދެ ޓީމަށް ވެސް އެ މެޗު ކާމިޔާބުކުރުމުގެ އޮތީ 50-50 ފުރުޞަތެއް ކަމަށެވެ.

އެހެންނަމަވެސް، އޭނާގެ ޓީމުން އެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކަންޖެހޭނެ ކަމަށާއި، އިންގްލެންޑް އަތުން މޮޅުވެވޭނީ ވަރަށް ފުރިހަމަ ކުޅުމެއް ކުޅެގެން ކަމަށް ވެސް ކޫމަން ބުންޏެވެ.

ކޫމަން މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކޫމަން ދެއްކި ވާހަކައިގައި ވަނީ، އިންގްލެންޑުން ކޮންމެ ސިސްޓަމަކަށް ކުޅެން ނިކުތަސް ނެދަލެންޑްސް އިން ތިބޭނީ އެކަމަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށް ބުނެފައެވެ. ދެ ޓީމު ވެސް ފެންނަނީ ވަރަށް ވަރުގަދަކޮށް ކަމަށާއި، މެޗު ވެގެންދާނީ ވަރަށް ރަނގަޅު މެޗަކަށް ކަމަށް ވެސް ކޫމަން ބުންޏެވެ.

އިންގްލެންޑް ޓީމުގައި ވަކި ވަކި ކުޅުންތެރިންނަށް ބަލާއިރު ހުނަރުވެރި ކުޅުންތެރިން ގިނަ ނަމަވެސް، އޭނާ ގަބޫލުކުރާ ގޮތުގައި ދެ ޓީމުގައި ތިބި ތަޖުރިބާ ބޮޑު ކުޅުންތެރިން އުޅެނީ ވަރަށް އެއްވަރުކޮށް ހަމަ 50-50 ކަމަށް ވެސް ކޫމަން ވަނީ ބުނެފައެވެ.

ކޫމަން އިތުރަށް ބުނީ، މުބާރާތުގައި ނެދަލެންޑްސް އެންމެ ފަހުން ކުޅުނު ދެ މެޗު ކާމިޔާބުކުރީ ތަފާތު ދެ ގޮތަކަށް ކަމަށާއި، ކޮންމެ މެޗެއްގައި އެއް ސްޓައިލަކަށް އެއްގޮތަކަށް ކުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އެގޮތުން، މެޗެއްގައި ބޭނުންވާ ގޮތަށް ނަތީޖާ ނެރުމަށްޓަކައި ބުރަކޮށް މަސައްކަތްކޮށް، އިތުރަށް އެގްރެސިވްކޮށް ކުޅެން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ކޫމަން ބުންޏެވެ.

ނެދަލެންޑްސްގެ ފޯވާޑް، ކޯޑީ ގަކްޕޯ ބުނީ، މި ފަހަރުގެ ޔޫރޯ މިހާތަނަށް ފެންނަނީ ނެދަލެންޑްސް އަށް ވަރަށް ކާމިޔާބުކޮށް ކަމަށާއި، އަދި އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕާއި އަޅާބަލާއިރު އެ ޓީމުން ފިޔަވަޅެއް ކުރިއަށްޖެހިލާފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މިވަގުތަށް ބަލާއިރު ނެދަލެންޑްސް އިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު މިހާ ހިސާބުން ނިންމާލަން ބޭނުންނުވާ ކަމަށް ވެސް ގަކްޕޯ ބުންޏެވެ. މުބާރާތުގެ ސެމީގައި ވާދަކުރާ ކޮންމެ ޓީމެއްގެ އަމާޒަކަށް ވާނީ ވެސް ފައިނަލަށް ދަތުރުކުރުން ކަމަށާއި، އެގޮތަށް ނެދަލެންޑްސްގެ އަމާޒަކީ ވެސް އެއީ ކަމަށެވެ. އަދި އެ ޓީމުން މަސައްކަތްކުރާނީ ވެސް އެ އަޒުމުގައި ކަމަށް ވެސް ގަކްޕޯ ވަނީ ބުނެފައެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ނެދަލެންޑްސްއާ އިންގްލެންޑް ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.