ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ނެދަރލެންޑްސްގެ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމުގައި ވިދާޅުވެ، ވެރިކަން ކުރާ އިންތިޤާލީ ސަރުކާރުގެ ޚާރިޖީ ވަޒީރު ކަސްޕަރ ފޭލްޑްކަމްޕް އިސްތިޢުފާ ދެއްވައިފިއެވެ. ނޫސްވެެރިންނަށް މަޢުލޫމާތު ދެއްވަމުން ފޭލްޑްކަމްޕް ވަނީ، އޭނާ އިސްތިޢުފާ ދެއްވާފައި ވަނީ، ޔަހޫދީންގެ ޤަތުލުޢާންމާ މެދު ނެދަރލެންޑްސްގެ ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ މެދު ހިތްހަމަނުޖެހިގެން ކަން ކަށަވަރު ކޮށްދެއްވާފައެވެ.
ފޭލްޑްކަމްޕް ވިދާޅުވީ، ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ބާރު އަޅައި، ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުން އިސްރާއީލާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ނެދަރލެންޑްސްގެ އިންތިޤާލީ ސަރުކާރުން ފަސްޖެހެމުންދާ ކަމުގައެވެ. އަދި، ހުޅަނގު އައްސޭރީގެ އިތުރުން ބިންތަކެއް އިސްތިޢުމާރު ކުރުމަށް ޔަހޫދީން ފަށާފައިވާ ޖަރީމާތައް ހުއްޓުވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް ވެސް އެ ސަރުކާރުން އިންކާރު ކުރަމުންދާ ކަމުގައެވެ.
"އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރުމުން ކެބިނެޓުން އަޅުގަނޑު ފަހަތަށް ޖައްސާފައިވާ ކަމުގެ އިހުސާސް ކުރެވުނު،" ފޭލްޑްކަމްޕް ވިދާޅުވިއެވެ. ތާޢީދު ގެއްލުމާ ގުޅިގެން ޖޫން 3ވަނަ ދުވަހު ނެދަރލެންޑްސްގައި އެއިރު ވެރިކަން ކުރަމުން ދިޔަ ސަރުކާރު ވަނީ ވެއްޓިފައެވެ. އަދި، އޭގެ ފަހުން ވެރިކަން ކުރަމުން ދަނީ އިންތިޤާލީ ސަރުކާރަކުންނެވެ. ނެދަރލެންޑްސްގައި އަލުން އިންތިޚާބެއް ބާއްވައި، އައު ސަރުކާރެއް އެކުލަވައިލާނީ އޮކްޓޫބަރު މަހުއެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,000އަށް އުފުލިފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާވެ ނޫޅެވޭ އުމުރުގެ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 142,000އަށްވުރެ މައްޗަށް އުފުލިފައެވެ.