ޚަބަރު

ފަހު މިނިޓްގެ ލަނޑުން މޮޅުވެ، އިންގްލެންޑް ފައިނަލަށް


މެޗުގެ ފަހު މިނިޓްގެ ލަނޑުން މޮޅުވެ، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ އިންގްލެންޑް ހޯދައިފި އެވެ. އިންގްލެންޑް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގައި ފަހަތުން އަރާ 2-1 ން ނެދަލެންޑްސް ބަލިކޮށްގެންނެވެ.

1-1 ން މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، އިންގްލެންޑް މޮޅުކޮށްދިނީ ކޭންގެ ބަދަލުގައި ކުޅެން ނިކުއިން ވަޓްކިންސް 90 ވަނަ މިނިޓްގައި ޖެހި ލަނޑުންނެވެ. ގޯލް އޭރިޔާ ކަނާ ދިމާލުން ލިބުނު ބޯޅަ ވަޓްކިންސް ތިރިން ފޮނުވާލީ ގޯލުގެ ދުރު ކަނަށެވެ. އޭނާ ކުޅެން ނިކުތީ 81 ވަނަ މިނިޓްގައެވެ.

މެޗު ފަށައިގެން 7 ވަނަ މިނިޓްގައި ލީޑް ނެގީ ނެދަލެންޑްސް އިންނެވެ. ލީޑް ނަގައިދިނީ ޒަވީ ސިމޯންސް އެވެ. އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ތަތްވީ ގޯލްގެ މަތީ ކަނުގައެވެ. އިންގްލެންޑުން ނަތީޖާ ހަމަހަމަ ކުރީ ލިބުނު ޕެނަލްޓީ އަކުން 18 ވަނަ މިނިޓްގައެވެ. އެއީ 13 ވަނަ މިނިޓްގައި އޭރިޔާ ތެއެއިން ކޭން ފޮނުވާލި ބާރު ބޯޅަ ހުރަސް ދަނޑި މަތިން ބޭރަށް ދިޔަ ނަމަވެސް އޭގެކުރިން ނެދަލެންޑްސްގެ ޑަމްފްރީސް ފައުލް ކުރީ ކަމަށް ބަލާ ދިން ޕެނަލްޓީ އަކުންނެވެ. ގިނަ އިރުތަކެއް ވަންދެން ވީއޭއާރުން ބެލުމަށްފަހު ދިން ޕެނަލްޓީ ކާމިޔާބުކުރީ ކެޕްޓަން ކޭން އެވެ. އެކަމަކު އެފައުލާ މެދު ފުޓްބޯޅައިގެ ތަޖުރިބާކާރުން ސުވާލު އުފައްދައެވެ.

މެޗުގައި ލަނޑު ޖަހަން ދެޓީމުންވެސް ތަނަވަސްކުރި ފުރުޞަތުތައް ފެނުނީ ނުރައްކާ ކޮށެވެ. މެޗު ފަށައިގެން 12 ވަނަ މިނިޓްގައި އޭރިޔާ ބޭރުން ހެރީ ކޭން ފޮނުވާލި ބޯޅަ ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލި އެވެ. އޭގެ ދިހަ މިނިޓް ފަހުން ފޮޑެން ބޯޅައާއެކު ގޯލްއޭރިޔާ ތެރެއަށް ވަދެ އަރިމަތީ ދަނޑި ކައިރިން ގޯލަށް ޖައްސާލި ބޯޅަ ރޮނގުމަތިން ދިފައުކުރީ ޑަމްފްރީސް އެވެ. ގޯލް ލައިން ޓެކްނޮލޮޖީން ބެލިއިރުވެސް އެބޯޅަ ގޯލް ރޮނގު ހުރަސް ނުކުރެއެވެ. 29 ވަނަ މިނިޓްގައި ކޯނަރަކުން އޭރިޔާ ތެރެއަށް ހުރަސްކުރި ބޯޅަ ޑަމްފްރީސް ބޮލުން ފޮނުވާލުމުން އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ފުރަތަމަ ހާފްގެ ފަހު 15 މިނިޓްގެ ތެރޭގައި ޑީއޭރިޔާ ބޭރުން ހަމަޖެހިލާފަ ފޮޑެން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ކަނާ ދިމާލުން އަރިމަތީ ދަނޑިއަށެވެ. އޭގެ އިރުކޮޅެއް ފަހުން އޭރިޔާ ބޭރުން ގޯލްގެ ތިރީ ކަނަށް ފޮޑެން ފޮނުވާލި ބޯޅަ ދިފާއުކުރީ ކީޕަރެވެ.

ދެވަނަ ހާފްގައި ނެދަލެންޑްސް އަށް ލިބުނު ހިލޭ ޖެހުމަކުން ހުރަސްކުރި ބޯޅަ އޭރިޔާ ތެރެއިން ވެންޑައިކް ފޮނުވާލުމުން ވެސް ކީޕަރު އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލި އެވެ. އޭރިޔާ ތެރޭން ސިމޯން ފޮނުވާލި ބޯޅަ ވެސް ދިފާއުކުރީ ކީޕަރެވެ. 78 ވަނަ މިނިޓްގައި އިންގްލެންޑް ޑިފެންޑަރ ވޯލްކާ ނަގައިދިން ހުރަސް ގޯލް އޭރިޔާ ތެރެއިން އެއްފަހަރުން ޖަހާ ސަކާ ގޯލްގެ ތެރެއަށް ފޮނުވާލި ނަމަވެސް ރެފްރީ ނިންމީ ވޯލްކާ އޮފްސައިޑް ކަމަށެވެ.

ބަދަލަކަށް ނިކުއިން ކޯލް ޕާމާ އަށް މެޗުގެ ފަހު ތިން މިނިޓްގެ ތެރޭގައި އޭރިޔާ ތެރެއިން މުޅިން ހުހަށް ފޮނުވާލަން ފުރުޞަތު ލިބުނެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވިއެވެ.

ފައިނަލްގައި އިންގްލެންޑް ވާދަކުރާނީ ސްޕެއިން އާއެވެ.