ޚަބަރު

ހައުސިންގ ކޮމިޓީއަށް މެމްބަރުން އައްޔަންކޮށްފި


  • ކޮމިޓީގެ ޗެއަރއަކީ ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު

  • ފުރަތަމަ ބައްދަލުވުން ވަނީ ބާއްވާފައި

  • ކޮމިޓީގެ ސެކެޓްރިއޭޓް ބަލަހައްޓާނީ ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން

"ބިންވެރިޔާ" އަދި ގެދޮރުވެރިޔާ" ސްކީމާއި ގުޅިގެން ހުށަހަޅާ މައްސަލަތަކާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ބޭނުންވާ ލަފާ ދިނުމަށް އުފެއްދި "ހައުސިންގ ކޮމިޓީ" އަށް މެމްބަރުން އައްޔަންކޮށްފިއެވެ.

ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ހިންގާފައިވާ ބޯހިޔަވަހިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ "ބިންވެރިޔާ" އަދި ގެދޮރުވެރިޔާ" ސްކީމްގައި ހިމެނޭ ކަންކަން ކުރިއަށްގެންދިޔުމަށް ހައުސިންގ ކޮމިޓީ އުފެއްދީ މިދިޔަ ފެބްރުއަރީމަހުކަމަށެވެ.

މިކޮމިޓީއަކީ އެމަޝްރޫޢުތަކާއި ގުޅިގެން ހުށަހަޅާ މައްސަލަތައް ބެލުމަށާއި އަދި އެމައްސަލަތަކާއި ގުޅިގެން ކަންކުރަންޖެހޭ ގޮތާއި ގުޅޭގޮތުން އަދި ގޮތް ނިންމުމަށްޓަކައި ލަފާދޭނެ ކޮމިޓީއެއް އެލުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވި ލަފާފުޅަކާއެކު އުފެއްދި ކޮމިޓީއެއްކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. އަދި ކޮމިޓީއަށް މެމްބަރުން އައްޔަންކުރައްވާފައިވާކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ،

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

• މ. ލޮނުވެލި، ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު
• ހ. ހަބަރުގެ، އާމިނަތު އީނާސް
• ގ. ވިޔަވަތި، އަޙްމަދު ޢަލި މަނިކު
• މ. ދޫނިހުރާ، ޢަބްދުލްޢަޒީޒު ޔޫސުފް
• މ. ޒޭވަރު، މަރިޔަމް ފިޒާނާ ރަޝީދު

ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބުރާސްފަތިދުވަހު ބާއްވާފައިވާކަމަށެވެ.

މިބައްދަލުވުމުގައި ކޮމިޓީގެ ޗެއަރއެއްގެ ގޮތުގައި ޢައްޔަންކުރައްވާފައިވަނީ ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދުކަމަށެވެ. އަދި ކޮމިޓީގެ ވައިސް ޗެއަރއަކަށް ޢައްޔަންކުރައްވާފައިވަނީ ޢަބްދުލްޢަޒީޒު ޔޫސުފްކަމަށާއި ސެކެޓްރިއޭޓް ބަލަހައްޓާނީ އެ ވުޒާރާއިންކަމަށްވެސް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.