ޚަބަރު

ރައްޔިތުންގެ އެއްބާރުލުން ލިބޭނަމަ ތަރައްޤީގެ މަސައްކަތްތަކުގައި ތަފާތު ފެންނާނެ: ރައީސް


  • ހިތާދޫގެ ބަނދަރު އެންމެ އިސްކަންދޭ މަސައްކަތެއް ގޮތުގައި ކުރިއަށްދާނެކަމަށް ވިދާޅުވި

  • ހިތާދޫގެ ބިން ހިއްކުމަށްވެސް ވަނީ ހަމަޖެހިފައި

  • ރަށުގައި ރަނގަޅު ފެންވަރުގެ ކުޅިވަރު ފެސިލިޓީ ތަރައްޤީކުރާނެ

ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ އެއްބާރުލުމަކީ މަސައްކަތްތައް އަވަސްކުރުމަށް ލިބޭ އެންމެ ބޮޑު އެހީތެރިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ބ. ހިތާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ހިތާދޫގެ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވާފައެވެ. އަދި ރަށުގެ ރައްޔިތުނާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.

ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހިތާދޫ ކައުންސިލާ ރައްޔިތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހުށައަޅާފައިވަނީ ރަށުގެ ބަނދަރުގެ މައްސަލަ ޙައްލުކޮށްދިނުމަށްކަމަށެވެ. ކައުންސިލްގެ ކަންބޮޑުވުން އޮތީ، ހަދަން ފަށާފައިވާ އެރަށުގެ ބަނދަރު މަސައްކަތް ނުނިމި ލަސްވުމެވެ. އެ ޕްރޮޖެކްޓް ފަށާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ. ނަމަވެސް އަދިވެސް ޒަމާނީ ބަނދަރުގެ ފަސޭހަކަން ރަށަށް ލިބިފައި ނުވާކަން ރައީސްވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާގޮތަށް ބަނދަރުގެ ބޭރު ތޮއްޓަށް ބަދަލުގެނެސް، އެންމެ އިސްކަންދޭ މަސައްކަތެއްގެ ގޮތުގައި ބަނދަރުގެ މަސައްކަތް ނިންމަވާދެއްވާނެކަމަށެވެ. ކައުންސިލުން ހުށައެޅީ ބަނދަރުގެ ބޭރު ތޮއްޓަށް އުޅަނދު ކައިރި ކުރެވޭގޮތަށް، ޕްރޮޖެކްޓަށް ބަދަލުގެނެސްދިނުމަށެވެ.

"ރައްޔިތުން ބޭނުންވާ ގޮތަށް ނޫން ބަނދަރުގެ މަސައްކަތް ދަނީ. މަސައްކަތް ނުނިންމާ ދިގުލައިގެން ވަނީ ގޮސްފައި. ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލު ގެނެސް، ބަނދަރުގެ ފަސޭހަކަން ރަށަށް ހޯދައިދޭނަން." ރައީސް ވިދާޅުވިއެވެ.

ރަށުގެ ބަނދަރު ތަރައްޤީކުރަނީ މިހާރު އޮތް 200 ވަރަކަށް މީޓަރުގެ ބަނދަރަށް އިތުރު 100 އެއްހާ މީޓަރު އިތުރުކޮށްގެންނެވެ.

ހިތާދުއަކީ އާބަދީގައި 1400 އަށްވުރެ ބޮޑު އާބާދީއެއް އޮތް ރަށެކެވެ. ރައީސް ވިދާޅުވީ ދެވަނައަށް ރަށަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރީ ބިމުގެ ޖާގައިގެ ދަތިކަމުގެ މައްސަލަކަމަށެވެ. އަދި ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ބަޖެޓުގައި ހިމަނާފައިވާކަމަށެވެ. އެ މަސައްކަތް މިއަހަރު އިސްކަންދޭ މަސައްކަތެއްގެ ގޮތުގައި ފައްޓަވާ އަވަހަށް ނިންމަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރަށުގައި ހޭންޑް ބޯލް ކުޅޭ ކޯޓަކާއި، ވޮލީ ކޯޓު އަދި ފުޓުބޯޅަ ދަނޑު ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްވަނީ ޕްރޮޖެކްޓްތައް ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ އެއްބާރުލުން ފުރިހަމައަށް ލިބޭނަމަ، މަސައްކަތްތައް ނިންމުމުގައި ތަފާތު ފެންނާނެކަމަށެވެ.